Roadha Mihaaru
"ކައުންސިލް މުވައްޒަފުންގެ ބޯނަހަށް ސަރުކާރު ދެކޮޅު"

ސިޓީ ކައުންސިލްގެ މުވައްޒަފުންނަށް ހާޒިރީ ބޯނަސް ދޭން ސަރުކާރުން ހުރަސް އަޅާ: މުއިއްޒު

08 މާޗް 2023

ސިޓީ ކައުންސިލްގެ މުވައްޒަފުންނަށް ހާޒިރީ ބޯނަސް ދޭން ފިނޭންސް މިނިސްޓްރީ އާއި ޕޭ ކޮމިޝަނުން ހުރަސް އަޅާ ކަމަށް، މާލޭގެ މޭޔަރު މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ސިޓީ ކައުންސިލްގެ މުވައްޒަފުންނަށް ހާޒިރީ ބޯނަސް ދޭން ފިނޭންސް މިނިސްޓްރީ އާއި ޕޭ ކޮމިޝަނުން ހުރަސް އަޅާ ކަމަށް، މާލޭގެ މޭޔަރު މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ހާޒިރީ ބޯނަހުގެ ގޮތުގައި ކޮންމެ ދުވަހަކަށް 75 ރުފިޔާ ކޮންމެ މުވައްޒަފަކަށް ދިނުމަށް ކައުންސިލުން ވަނީ ނިންމައިފަ އެވެ. ސިވިލް ސާވިސް މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑުގެ ދަށުން ސިޓީ ކައުންސިލްގެ މުވައްޒަފުންނަށް އެ ފައިސާ ލިބޭނެ ގޮތް ހަމަޖެއްސުމަށް ޕޭ ކޮމިޝަނަށާއި ފިނޭންސް މިނިސްޓްރީ އަށް ހުށަހަޅައިފައި ވާނެ ކަމަށް ކައުންސިލުން ބުންޏެވެ.

ސިޓީ ކައުންސިލްގެ މިއަދުގެ ބައްދަލުވުމުގައި މުއިއްޒު ވިދާޅުވީ، މުވައްޒަފުންނަށް ހާޒިރީ ބޯނަސް ދިނުމަށް ފާސްކުރިތާ އަހަރެއްހާ ދުވަސް ވީއިރު ވެސް އެކަން ހަމަނުޖެހި އޮތުމުން މުވައްޒަފުންގެ ބޮޑެތި ކަންބޮޑުވުންތަކެއް އެބަހުރި ކަމަށެވެ. އެ ހުއްދަ ދިނުމަށް މިހާރު ތިންވަނަ ފަހަރަށް އެދިފައި ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މާލޭ ސިޓީ ކައުންސިލުގެ މުވައްޒަފުންނަށް މި ކައުންސިލުން ދޭން ނިންމި ފައިސާއެއް. ކައުންސިލްގެ ބަޖެޓްގައި ހިމެނިފައި އޮތް ފައިސާއެއް. ވީމާ އަޅުގަނޑުމެންނަށް ދެވެން ޖެހޭނެ އެ މުވައްޒަފުންނަށް އެ ފައިސާ. އެއީ އަޅުގަނޑުމެން ދޭން ބޭނުން ފައިސާއެއް. އެހެންވީމާ އެ އަށް އެބޭފުޅުން [ސަރުކާރުން] ހުރަހެއް އަޅުއްވައިގެން ނުވާނެ،" އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސްކަން ވެސް ކުރައްވާ މުއިއްޒު ވިދާޅުވި އެވެ.

"ސަރުކާރުން ހުރަސް އަޅަން ޖެހޭ ސަބަބެއް ވެސް އޮވެގެން ނުވާނެ. އެހެންވީމާ އަޅުގަނޑުމެންނަށް މީގައި ކުރިއަށް ދެވޭނެ ގޮތް ސަރުކާރުން ދައްކައި ދޭންޖެހޭނެ. އެއްބާރުލުން ދެއްވަން ޖެހޭނެ. އެއީ މިތާ މުވައްޒަފުންގެ ހައްގެއް."

މޭޔަރު ވިދާޅުވިގޮތުގައި އެ ހުއްދަ ސަރުކާރުން ނުދީފި ނަމަ ދެން މަސައްކަތް ކުރަންވީ ގޮތާ މެދު ކައުންސިލުން މަޝްވަރާ ކުރުމަށް ފަހު ކުރިއަށް ދާނެ އެވެ.

ކައުންސިލްގެ ބަޖެޓްގައި ހިމެނިފައި އޮތް ފައިސާއެއް. ވީމާ އަޅުގަނޑުމެންނަށް ދެވެން ޖެހޭނެ އެ މުވައްޒަފުންނަށް އެ ފައިސާ. އެއީ އަޅުގަނޑުމެން ދޭން ބޭނުން ފައިސާއެއް. އެހެންވީމާ އެ އަށް އެބޭފުޅުން [ސަރުކާރުން] ހުރަހެއް އަޅުއްވައިގެން ނުވާނެ،" --- މުއިއްޒު

ސިޓީ ކައުންސިލްގެ ސެކްރެޓަރީ ޖެނަރަލް މުޖުތަބާ ޖަލީލް ވިދާޅުވީ މުވައްޒަފުންނަށް ބޯނަސް ދިނުމާ ގުޅޭގޮތުން އެކަމުގެ ހުއްދަ އަށް އެދި ޕޭ ކޮމިޝަނަށް މިދިޔަ އަހަރުގެ މޭ މަހު ފޮނުވި ކަމަށެވެ. ނަމަވެސް ސަރުކާރުގެ ހުރިހާ އިދާރާއެއްގެ މުސާރައިގެ އޮނިގަނޑަށް ބަދަލު ގެނައުމުގެ މަސައްކަތް ކުރާތީ އެކަން މިވަގުތު ވާން ނެތް ކަމަށް އެ ކޮމިޝަނުގެ ރައިސް އަދި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ސޮއިކުރައްވައި ޖަވާބު ދެއްވާފައިވާ ކަމަށް މުޖުތަބާ ވިދާޅުވި އެވެ.

"ދެން އޭގެ ފަހުން ދެވަނަ ފަހަރަށް އަޅުގަނޑުމެން އަނެއްކާ ވެސް ސިޓީ ފޮނުވިން މިކަން އަވަސް ކުރުން އަޅުގަނޑުމެންނަށް މުހިންމު ކަމަށް ވާތީ އެ ކަމުގެ ހުއްދަ ދިނުމަށް އެދި. އެކަމަކު އަނެއްކާ ވެސް ޖަވާބު އައީ އެ ގޮތަށް،" އޭނާ ވިދާޅުވި އެވެ.

އެ މައްސަލަ ނިންމާލީ އަންނަ ހަފުތާގައި އެކަމާ ބެހޭގޮތުން ކުރިއަށް ދާނެ ގޮތެއް ނިންމުމަށް ފަހު ކަމަށް މުއިއްޒު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އޭގެ ކުރިން ސަރުކާރުގެ ޖަވާބެއް ހޯދަން މަސައްކަތް ކުރައްވާނެ ކަމަށެވެ.