Roadha Mihaaru
ކައުންސިލްގެ ވަޒީފާތަކަށް ހުއްދަ ދިނިން: ސީއެސްސީ

ކައުންސިލުން އެދުނު ވަޒީފާތަކަށް ހުއްދަ ދިނިން، ރިޖެކްޓްކުރީ އެންމެ މަގާމެއް: ސީއެސްސީ

18 މެއި 2022

މާލެ ސިޓީ ކައުންސިލުން މިހާތަނަށް އެދުނު ވަޒީފާތަކަށް މީހުން ނަގަން ހުއްދަ ދީފައިވާ ކަމަށާއި އަނބުރާ ގަބޫލު ނުކުރީ އަމިއްލަ އަށް ޝަރުތު ކަނޑައަޅައިގެން މުވައްޒަފަކު ނަގަން އެދުނު ފުރުސަތު އެކަނި ކަމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މާލެ ސިޓީ ކައުންސިލުން މިހާތަނަށް އެދުނު ވަޒީފާތަކަށް މީހުން ނަގަން ހުއްދަ ދީފައިވާ ކަމަށާއި އަނބުރާ ގަބޫލު ނުކުރީ އަމިއްލަ އަށް ޝަރުތު ކަނޑައަޅައިގެން މުވައްޒަފަކު ނަގަން އެދުނު ފުރުސަތު އެކަނި ކަމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން މިއަދު ބުނެފި އެވެ.

މުވައްޒަފުންގެ ދަތިކަން ހައްލުކުރަން ސިޓީ ކައުންސިލުން ކުރި މަސައްކަތްތަކަށް އެއްބާރުލުން ނުދޭ ކަމަށް ބުނެ އެ ކައުންސިލުން ވަނީ އިއްޔެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އާ ކައުންސިލަށް އެއް އަހަރު ފުރުން ފާހަގަކުރަން ބޭއްވި ނިއުސް ކޮންފަރެންސްގައި ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވިދާޅުވީ އެންމެ ބޮޑު ގޮންޖެހުމަކީ އެކަށީގެންވާ މުވައްޒަފުން ނެތުމުވެ. އޭނާ ވިދާޅުވީ، ސިވިލް ސާވިސްގެ މުވައްޒަފުންގެ މުސާރަ އަށް މުވައްޒަފުން ހޯދަން އިއުލާނުކޮށްގެން ވެސް މުވައްޒަފުން ނުލިބޭ ކަމަށެވެ. އޮނިގަނޑަށް ގެންނަ ބަދަލުތަކާ ގުޅޭގޮތުން ސީއެސްސީގައި މަޝްވަރާ ކުރިއަސް އެއް އަހަރު ނިންމާލަން ޖެހުނީ އިންސާނީ ވަސީލަތް ހަރުދަނާ ކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެގެން ކަމަށް ނަރީޝް ވިދާޅުވި އެވެ. އެކަމާ ގުޅިގެން ސީއެސްސީގެ ނައިބު ރައީސް އިބްރާހިމް ރަޝީދު "މިހާރު" އަށް މިއަދު ވިދާޅުވީ ސަރުކާރުގެ އިދާރާތަކަށް މުވައްޒަފުން ނަގަން ވަކި އުސޫލުތަކެއް ހަމަޖައްސާފައި އޮންނަ ކަމަށެވެ. އެކަމަކު ކައުންސިލުން އަމިއްލަ ޝަރުތުތަކާއި މުސާރަ ކަނޑައަޅާފައި ފޮނުވާފައިވާ ކަމަށް އޭނާ ވދާޅުވި އެވެ.

ކޮންޓްރެކްޓް އުސޫލުން އެއް އަހަރު ދުވަހަށް ވެސް 20،000ރ. އިން މަތީގެ މުސާރަ އަށް މުވައްޒަފުން ނަގަން ހުއްދަ ދީފައިވާކަން ކޮމިޝަނުން ފާހަގަކުރެ އެވެ.

އިބްރާހިމް ވިދާޅުވީ މިހާތަނަށް ހުއްދަ ނުދެނީ ވަކި ރޭންކެއް ކަނޑަ ނާޅައި 20،000ރ. އަށް މީޑިއާ އެގްޒެކެޓިވްގެ ނަމުގައި އޯ ލެވެލް ފެންވަރުގެ މުވައްޒަފަކު ހޯދަން އެދުމުން ކަމަށެވެ.

"އެ ފަހަރު ވެސް އެންގިން އެމްއެސް 1/އެމްއެސް 2 ރޭންކުގައި 6،000ރ. ގެ މުސާރަ އަށް މީހަކު ހޯދަން ހުއްދަ ދެވޭނެ ކަމަށް. އުސޫލުތައް ކަނޑައަޅާފައި އޮންނައިރު ކައުންސިލުން ބޭނުން ގޮތަކަށް މުސާރަ އާއި ޝަރުތުތައް ކަނޑައަޅާފައި ފޮނުވިއަސް ހުއްދަ ދެވޭނީ އޮންނަ ހަމަތަކުގެ ތެރެއިން،" އޭނާ ވިދާޅުވި އެވެ.

ސީއެސްސީން ވަނީ 25،000ރ. ގެ މުސާރައަކަށް ލީގަލް އޮފިސަރަކާއި 20،000ރ. އަށް ސީނިއާ ކައުންސިލް އޮފިސަރުގެ މަގާމަށް މީހުން ހޯދަން ވެސް ސިޓީ ކައުންސިލަށް ހުއްދަ ދީފަ އެވެ.

އިބްރާހިމް ވިދާޅުވިގޮތުގައި، މިހާރުގެ ސިޓީ ކައުންސިލަށް މިވީ އެއް އަހަރުގެ ތެރޭގައި 25 މަގާމަށް ހުއްދަ ދީފައިވާނެ އެވެ.