Roadha Mihaaru
ހިޔާލު ތަފާތަސް މަޝްރޫއުތައް ހިނގާނެ: މިއުވާން

ސިޔާސީ ގޮތުން ހިޔާލު ތަފާތުވާ ވެރިން ތިއްބަސް މަޝްރޫއުތައް ހިނގާނެ: މިއުވާން

23 ފެބުރުއަރީ 2023

ސިޔާސީ ފިކުރު ތަފާތު ބޭފުޅުން ސަރުކާރުގައި ތިއްބަސް މަޝްރޫއުތަކާ ގުޅުވައިގެން ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތްތަށް ދޭނެ ކަމަށް ރައީސްގެ ތަރުޖަމާން މިއުވާން މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ސިޔާސީ ފިކުރު ތަފާތު ބޭފުޅުން ސަރުކާރުގައި ތިއްބަސް މަޝްރޫއުތަކާ ގުޅުވައިގެން ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތްތަށް ދޭނެ ކަމަށް ރައީސްގެ ތަރުޖަމާން މިއުވާން މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.

ހަފުތާ ބްރީފިންގައި އޭނާ އެހެން ވިދާޅުވީ، މިދިޔަ މަހުގެ 28 ގައި ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިންގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް އަދި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދާ ދެ ބޭފުޅުންގެ ހިޔާލު ތަފާތުވުންތަކާ ހެދި ސަރުކާރުގެ ބައެއް ވެރިންގެ ސިޔާސީ ފިކުރު ތަފާތުވުމާ ގުޅިގެންނެވެ.

ސަރުކާރުގެ ބައެއް ކުންފުނިތަކުގެ އިސް މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން އެ ޕްރައިމަރީގައި ކެމްޕެއިން ކުރެއްވީ ނަޝީދަށެވެ. އެ ޕްރައިމަރީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކާމިޔާބު ކުރެއްވި ނަމަވެސް އެ ބޭފުޅުން އަދިވެސް ރައީސްގެ ފަޅިއަކަށް ނާރުއްވަ އެވެ.

އޭގެ ސަބަބުން މަޝްރޫއުތައް ކުރިއަށް ގެންދިއުން ހުރަހަކަށް ވާނެތޯ ނޫސްވެރިއަކު ސުވާލު ކުރުމުން މިއުވާން ވިދާޅުވީ، އެއްވެސް ކުންފުންޏަކުން ދެމުން އަންނަ ހިދުމަތަކަށް ބަދަލު ނާންނާނެ ކަމަށެވެ.

"ސިޔާސީ ގޮތުން ހިޔާލު ތަފާތު ވިޔަސް އެއްވެސް ހިދުމަތަކުން، އާއްމުންނަށް އުނދަނގުލަކާ ކުރިމަތިލާން ނުޖެހޭކަމުގެ ޔަގީންކަން ދެން. އެއްވެސް ރައްޔިތަކަށް ލިބެން ޖެހޭ ހިދުމަތެއް ނުލިބި ނުދާނެ ކަމުގެ ޔަގީންކަން ވެސް ދެން،" ސްޕޯކްސް ޕާސަން ވިދާޅުވި އެވެ.

ސަރުކާރަށް ތާއީދު ނުކުރައްވާ ބައެއް ބޭފުޅުން ބައެއް ކުންފުނިތައް ހިންގެވުމުގައި ތިއްބެވި ނަމަވެސް އެ ބޭފުޅުންނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިތުބާރު އޮތް ތޯ އާއި އެ ބޭފުޅުން މަގާމުތަކުން ވަކިކުރުމުގެ ވިސްނުން ގެންގުޅުއްވާތޯ ސުވާލުކުރުމުން މިއުވާން ވިދާޅުވީ، އެ ސުވާލަށް ދެއްވާނެ ޖަވާބެއް ނެތް ކަމަށެވެ.

ރިޔާސީ ޕްރައިމަރީގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ނުކުރެއްވި، ސަރުކާރުގެ އިސްބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު އާއި އެގްރޯނެޓްގެ މެނޭޑިން ޑިރެކްޓަރު ހާރޫން ރަޝީދެވެ.