Roadha Mihaaru
އަނެއްކާވެސް ގާ ހުދުވުމުގެ ހާދިސާއެއްގެ ބިރު ބޮޑުވެއްޖެ

އަނެއްކާވެސް ގާ ހުދުވުމުގެ ހާދިސާއެއްގެ ބިރު ބޮޑުވެއްޖެ

23 ފެބުރުއަރީ 2023

ކަނޑުގެ ހޫނުމިން މައްޗަށް ދިޔުމާ ގުޅިގެން ހިނގާ، ގާ ހުދުވުމުގެ ބޮޑު ހާދިސާއެއް އަނެއްކާވެސް ހިނގައިފާނެ ކަމުގެ އިންޒާރު މޯލްޑިވްސް މެރިން ރިސާޗު އިންސްޓިޓިއުޓް (އެމްއެމްއާރްއައި) އިން މިއަދު ދީފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ކަނޑުގެ ހޫނުމިން މައްޗަށް ދިޔުމާ ގުޅިގެން ހިނގާ، ގާ ހުދުވުމުގެ ބޮޑު ހާދިސާއެއް އަނެއްކާވެސް ހިނގައިފާނެ ކަމުގެ އިންޒާރު މޯލްޑިވްސް މެރިން ރިސާޗު އިންސްޓިޓިއުޓް (އެމްއެމްއާރްއައި) އިން މިއަދު ދީފި އެވެ.

ގާ ހުދުވުމުގެ ހާދިސާއެއް ދިމާވާނެ ކަމަށް ލަފާކޮށް ނެރޭ ފޯކާސްޓްގައި ރާއްޖެ މިހާރު އޮތީ "ނޯ ސްޓްރެސް ލެވެލް" ގަ އެވެ. ކުރިއަށް އޮތް ނުވަ ވަރަކަށް ހަފުތާގެ ތެރޭގައި، ނުރައްކާތެރި ދަރަޖައަށް އަރާނެ ކަމަށް ލަފާކުރެވެ އެވެ.

މި އަހަރު ގާ ހުދުވެފައިވާ ތަންތަން މިހާރު ވެސް ފެންނަން ފަށާފައިވާ ކަމުގެ ރިޕޯޓްތައް ލިބެމުންދާ ކަމަށް ވެސް އެމްއެމްއާރްއައި އިން ބުންޏެވެ.

ރާއްޖެއަށް އެންމެ ހޫނުގަދަވާ ފެބްރުއަރީ - މޭ ދުވަސްވަރު މި އައި އިންޒާރާ އެކު، އެމްއެމްއާރްއައި އިން ބުނީ ގާ ހުދުވާކަން ފާހަގަވެއްޖެ ނަމަ، އެކަމަށް ހާއްސަކޮށްގެން އެ އިދާރާއިން ހަދާފައިވާ ގޫގުލް ފޯމާއި ވެބްސައިޓް މެދުވެރިކޮށް ރިޕޯޓްކުރުމަށް އެދޭ ކަމަށެވެ.

ގާ ހުދުވުމުގެ ބޮޑު ހާދިސާއެއް އެންމެފަހުން ހިންގާފައި ވަނީ 2019 ވަނަ އަހަރު އެވެ.

ގާ ހުދުވުމަށް މެދުވެރިވާ އެންމެ ބޮޑު ސަބަބަކީ މޫސުމަށް އަންނަ ބަދަލުތަކާ އެކު، އާދަޔާ ހިލާފަށް ދުނިޔެ ހޫނުވުމެވެ.

މިފަދަ ހާދިސާއަކުން ލިބޭ ގެއްލުން ކުޑަކުރަން އަޅަން ޖެހޭ ފިޔަވަޅުތައް ވެސް އެބަހުއްޓެވެ. އެމްއެމްއާރްއައި އިން ކުރިން ބުނެފައިވާ ގޮތުގައި، ހާއްސަކޮށް ފަޅު ކޮނުމާއި ބިން ހިއްކުމުގެ މަޝްރޫއުތައް ފުޅާ ދާއިރާއެއްގައި ރާއްޖޭގައި ހިންގަމުންދިއުމަކީ ގާ ހުދުވުމުގެ ހާދިސާއަކަށް ފަހު ފަރުތައް އަލުން އިއާދަވާން ހުރަސްއަޅައިފާނެ ކަމެކެވެ. އެހެންވެ، އެފަދަ މަޝްރޫއުތައް ހިންގުމުގައި މިކަމަށް ސަމާލުވާންޖެހެ އެވެ.

އެ އިދާރާއިން "މިހާރު" އަށް ކުރިން ދީފައިވާ މައުލޫމާތުތަކުން އެނގޭ ގޮތުގައި، ރާއްޖޭގެ ފަރުތަކުން ފުޅާ ދާއިރާއެއްގައި ގާ ހުދުވުމުގެ ހާދިސާއެއް ފުރަތަމަ ފަހަރަށް 1998ގައި ފާހަގަކުރެވުނު ފަހުން އެފަދަ ހާދިސާތަކުގެ ދޭތެރެ ދަނީ ކައިރިވަމުންނެވެ. އެ އަހަރުގެ ފަހުން ހިނގި އެންމެ ބޮޑު ހާދިސާއަކީ 2016 ގައި އައި ގާ ހުދުވުމެވެ.

ގާ ހުދުވުމުގެ ހާދިސާއެއް އެންމެ ރަނގަޅަށް ދިރާސާކުރެވުނީ އެ ފަހަރެވެ. އެ ދިރާސާއަށް ފަހު އެމްއެމްއާރްއައި އިން ނެރުނު ރިޕޯޓުގައިވާ ގޮތުން، 2016 ގައި 73 ޕަސެންޓް މުރަކަ ހުދުވި އެވެ.