Roadha Mihaaru
ހަސަންފުޅު ހޯދުމަށް މާލެ ވެސް ބަލައިފި، ނުފެނޭ!

ހަސަންފުޅު ހޯދުމަށް މާލެ ބަލައި، 29 މީހެއްގެ ބަޔާން ނަގައިފި

21 ފެބުރުއަރީ 2023

އއ. މަތިވެރިން ގެއްލުނު ހަސަން އަލީ (ހަސަންފުޅު) ހޯދުމަށް މާލޭގެ އެކި ތަންތަން ވެސް ބަލައިފައިވާ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

އއ. މަތިވެރިން ގެއްލުނު ހަސަން އަލީ (ހަސަންފުޅު) ހޯދުމަށް މާލޭގެ އެކި ތަންތަން ވެސް ބަލައިފައިވާ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.

ހަސަންފުޅު ގެއްލިގެން އޭނާ ހޯދަން ރަށު ކައުންސިލުގެ ފޭސްބުކް ޕޭޖްގައި ފޮޓޯއާ އެކު އާންމުކުރީ މިދިޔަ މަހު 31 ގަ އެވެ. ހަސަންފުޅު އެންމެ ފަހުން ފެނުނު ކަމަށް އެ ރަށުގެ ގިނަ މީހުން ބުނަނީ އެ ދުވަހު މަޣްރިބް ނަމާދުން ފޭބި ވަގުތު އެވެ. އެ ދުވަހު މެންދުރު ބަނދަރުމަތީގައި އުޅެނިކޮށް ވެސް ބައެއް މީހުންނަށް އޭނާ ފެނިފައިވެ އެވެ.

ފުލުހުން ބުނީ އޭނާ ގެއްލިގެން ފުލުހުންނަށް ރިޕޯޓް ކުރުމާއި ގުޅިގެން، އެކަހަލަ މައްސަލަތަކުގައި އަމަލު ކުރާ އުސޫލުގެ މަތިން، ރާއްޖޭގައި ގާއިމްކޮށްފައިވާ ހުރިހާ ޕޮލިސް ސްޓޭޝަންތަކަށާއި، އިންޓަލިޖެންސްއާ މައުލުމާތު ހިއްސާ ކޮށްފައިވާ ކަމަށެވެ.

އަދި އޭނާ ހޯދުމަށް ގިނަ މަސައްކަތްތަކެއް ފުލުހުންގެ އެކި އިދާރާތަކުން ކޮށްފައިވާ ނަމަވެސް މިހާތަނަށް ކުރި މަސައްކަތުން އޭނާ ފެނިފައިނުވާ ކަމަށް ފުލުހުން ބުންޏެވެ. "އޭނާ ހޯދުމަށް އެރަށުގައި މީހުން ދިރިއުޅޭ ހުރިހާ ގެއަކާއި، ފަޅު ގޯތިތަކާއި، ގެވަޅު އަދި ހުސްބިންތަކާއި ރަށުގެ ހިންގާ ހުރިހާ ގެސްޓްހައުސްތަކާއި ކެފޭ ރެސްޓޯރެންޓް އަދި ރަށުގެ ހޭޅިފަށާއި، ގޮނޑުދޮށާއި، ވަލުތެރެ ހިމެނޭހެން ރަށުގެ ހުރިހާ ސަރަހައްދާއި ވަޅުފަދަ ތަންތަން ބަލައި ފާސްކޮށްފައިވާނެ،" ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ބުންޏެވެ.

"ހަސަންފުޅު ހޯދުމަށް ފުލުހުން ކުރަމުން އަންނަ ތަހުގީގަށް ލިބުނު މައުލޫމާތަކާ ގުޅިގެން މާލޭގެ ބައެއް ސަރަހައްދުތަކުގެ ސީސީޓީވީ ކެމެރާތައްވެސް ބަލާފައިވާނެ."

ތަހުގީގަށް މިހާތަނަށް 199 މީހުންގެ ފަރާތުން މައުލޫމާތު ސާފުކޮށް 29 މީހެއްގެ ބަޔާން ނަގާފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި މަތިވެރިން ލިބެން ހުރި ހުރިހާ ސީސީޓީވީ ފޫޓޭޖްތައް ހޯދައި، 157 ގަޑިއިރުގެ ފޫޓޭޖް ފުލުހުން ދިރާސާކޮށްފައިވެ އެވެ.

"އެ ފޫޓޭޖްތަކުން ހަސަން އަލީ އެންމެ ފަހުން ފެނިފައި ވަނީ 2023 ޖަނަވަރީ 31 ވަނަ ދުވަހުގެ 9:30 އެހައިކަންހާއިރު ރަށުގެ ފިހާރައަކަށް ވަދެ ނުކުމެގެންދާ މަންޒަރު." ފުލުހުން ބުންޏެވެ.

މީގެ އިތުރުން އޭނާ އާންމުކޮށް ގޮސްއުޅޭ ރަށްރަށާއި، އެ ރަށްރަށަށް ގޮސް އޭނާ އާންމުކޮށް ގޮސްއުޅޭ ގެތަކުގެ މީހުންނާއި ސުވާލުކޮށް މައުލޫމާތު ލިބޭތޯ ބަލާފައިވާކަމަށް ވެސް ބުންޏެވެ.

އުމުރުން 73 އަހަރުގެ ހަސަންފުޅަކީ ދާ އަޅައިގެން އެކަނި މަސް ހިފަން ދާ މީހެއް ނަމަވެސް ބަލިވެ އުޅޭތީ މަސް ހިފަން ނުދާތާ މިހާރު ދުވަސްކޮޅެއް ވެފައިވާ ކަމަށް އެ ރަށު ބައެއް މީހުން ބުނެ އެވެ.

އޭނާ މަސް ހިފަން ގެންދާ ދަލާއި އެހެން ބައެއް ސާމާނު ވެސް ގޭގައި އެބަހުއްޓެވެ. މަސް ހިފުމުގެ އިތުރުން އޭނާ އަކީ ގޮނޑުންނާއި އެކި ތަންތަނުން އެއްޗެހި ހޮވައިގެން އެއްޗެހި ހަދައި އުޅޭ މީހެކެވެ.