Roadha Mihaaru
ނަސީރު އެކަޑަމީގެ ދުވުންތެރިން ލަންކާގެ ޓްރޭނިން އަށް

ނަސީރު އެކަޑަމީގެ ޖޫނިއާ ދުވުންތެރިން ލަންކާގެ ޓްރޭނިން އަށް

16 ފެބުރުއަރީ 2023

ކުރީގެ އެއްވަނަ ދުވުންތެރިޔާ ނަސީރު އިސްމާއީލް އެކަޑަމީގެ ޖޫނިއާ 8 ދުވުންތެރިން ޓްރޭނިން ކޭމްޕްގައި ލަންކާ އަށް މިއަދު ހިނގައެއްޖެ އެވެ.

ކުރީގެ އެއްވަނަ ދުވުންތެރިޔާ ނަސީރު އިސްމާއީލް އެކަޑަމީގެ ޖޫނިއާ 8 ދުވުންތެރިން ޓްރޭނިން ކޭމްޕްގައި ލަންކާ އަށް މިއަދު ހިނގައެއްޖެ އެވެ.

އެ ދުވުންތެރިން 10 ދުވަހު ލަންކާގެ ޓްރޭނިން ކުރިއަށް ގެންދާނެ ކަމަށް ނަސީރު ބުންޏެވެ. ނަސީރު އެކަޑަމީގައި ޓްރޭނިން ހަދަމުން ދިޔަ ރާއްޖޭގެ އެއްވަނަ ޑިސްޓެންސް ދުވުންތެރިޔާ ހުސައިން ފަޒީލް ހާރޫން (ފެލޭޝް) އާއި މުހައްމަދު ވިސާމް ވެސް ދަނީ ލަންކާގެ ކޯޗު ރަތުނަ ކުމާރާގެ ބެލުމުގެ ދަށުން ޓްރޭނިން ހަދަމުންނެވެ،

ނަސީރު ބުނި ގޮތުގައި މިއަދު ލަންކާ އަށް ފުރި ދުވުންތެރިން ވެސް ތަމްރީން ހަދާނީ ރަތުނަ ކުމާރާގެ ބެލުމުގެ ދަށުންނެވެ. އޭނާގެ ބެލުމުގެ ދަށުން ފަޒީލް އާއި ވިސާމް ތައްޔާރު ވަމުން ދަނީ އަންނަ މަހު ބާއްވާ ގައުމީ ޓައިމް ޓްރެއަލް އަށެވެ. އެއީ އޯގަސްޓް މަހު މަޑަގަސްކައިރައިގައި ބާއްވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖޭން ވާދަކުރާ ދުވުންތެރިން ހޮވުމަށް ބާއްވާ ޓައިމް ޓްރެއަލް އެވެ.

ނަސީރު އެކަޑަމީން މިއަދު ލަންކާ ގެ ޓްރޭނިންތަކަށް ދިޔަ ދުވުންތެރިންނަކީ: އާމިނަތު ލުމާ އަސްލަމް (ލުމީ)، އާމިނަތު ޝަމްހާ ޝަރީފް، އަބްސަލް އަބްދުﷲ އާދަމް، މުހައްމަދު އީހާން އުމަރު، ފާތިމަތު އިފާޝާ ހަމްޒާ، އަަލައިނާ ލިއުޝާން އިބްރާހިމް، އައިޝާ އައިލީން ހައިޝޫމް އަދި މަރްޔަމް ނަތާރާ ނަސީރު އެވެ.

ނަސީރު ބުނީ، މި ދުވުންތެރިންނަކީ ސްޕްރިންޓާއި ޑިސްޓެންސް ދުވުމުގެ އެކި ކެޓަގަރީތަކަށް ހާއްސަ ދުވުންތެރިން ކަމަށެވެ. މި 8 ދުވުންތެރިންގެ ތެރޭގައި މިދިޔަ އަހަރުގެ އެތުލެޓިކްސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގައި ވިދާލި ލުމީ ވެސް ހިމެނެ އެވެ. އުމުރުން 12 އަހަރުގެ އެތުލީޓް ވަނީ މިދިޔަ އެ މުބާރާތުގެ 15 އަހަރުން ދަށުގެ އުމުރުފުރާގެ 800 މީޓަރާއި 1،500 މީޓަރުގައި ވާދަކޮށް އެއްވަނަ ހޯދައިފަ އެވެ.

ކުރިން "މިހާރު" އަށް ދިން އިންޓަވިއުއެއްގައި ލުމީ ބުނީ އޭނާގެ ޓާގެޓަކީ ޑިސްޓެންސް ދުވުމުން އިންޓަނޭޝަނަލް ގޭމްސް އެއްގައި ރާއްޖެ އަށް މެޑަލްއެއް ހޯދައިދިނުން ކަމަށެވެ. ނަސީރު ވެސް އޭރިު ބުނީ ލުމާގެ ޓްރޭނިންތައް ބައްޓަން ކުރަނީ އިންޓަނޭޝަނަލް މެޑަލް އަކަށް އަމާޒުކޮށްގެން ކަމަށެވެ. މިއަދު ނަސީރު ބުނީ ލަންކާ އަށް މިއަދު ދިޔަ ދުވުންތެރިންގެ ޓްރޭނިންތައް ބައްޓަން ކުރާނީ އައިއޯއައިޖީން ފުރުސަތު ހޯދަން ބާއްވާ ޓައިމް ޓްރެއަލް އަށް ކަމަށެވެ.