Roadha Mihaaru
ރައީސްގެ މޫނަށް ކުޅުޖަހަން އިނާމު ހުށަހެޅި މައްސަލައެއް

ރައީސްގެ މޫނަށް ކުޅު ޖަހާ މީހަކަށް 50،000ރ. ދޭނެ ކަމަށް މުސްތޮފާ ވިދާޅުވި މައްސަލަ ބަލަނީ

05 ފެބުރުއަރީ 2023

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މޫނަށް ކުޅު ޖަހާ މީހަކަށް 50،000ރ. ގެ އިނާމެއް ދޭނެ ކަމަށް، ތިމަރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު މުސްތަފާ ޓުވީޓްކުރި މައްސަލަ ފުލުހުން ބަލަން ފަށައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މޫނަށް ކުޅު ޖަހާ މީހަކަށް 50،000ރ. ގެ އިނާމެއް ދޭނެ ކަމަށް، ތިމަރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު މުސްތަފާ ޓުވީޓްކުރި މައްސަލަ ފުލުހުން ބަލަން ފަށައިފި އެވެ.

ފުލުހުން ބުނީ "ތިމަރަފުށި" ނަމުގައި ބޭނުންކުރަމުން އަންނަ ޓުވިޓާ އެކައުންޓަކުން ކޮށްފައިވާ ޓުވީޓެއްގެ މައްސަލަ ފުލުހުންގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ. އެހެންވެ، އެ ޓުވީޓާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި ހުންނެވި މުސްތަފާ ދަނީ މިފަހުން ޓުވިޓާގައި ރައީސަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. އަދި މި ސަރުކާރުން ހިންގާ ޕްރޮޖެކްޓުތަކަށް އޭނާ ފާޑުކިޔުއްވަ އެވެ.

އެންމެފަހުން ބޭއްވި އެމްޑީޕީގެ ޕްރައިމަރީގައި މުސްތަފާ ހުއްނެވީ އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ފަޅީގަ އެވެ. ނަޝީދުގެ ކެމްޕެއިން ދަތުރުތަކުގައި ވެސް އޭނާ ބައިވެރިވެވަޑައިގަތެވެ.

ރައީސްގެ މޫނަށް ކުޅު ޖަހަން ގޮވައިލިއިރު، "ލޭއޮހޮރުވުމަކުން ވެރިކަން ބަދަލުކުރަން ވެއްޖެ" ކަމަށް ވިދާޅުވެ މާލޭ ސިޓީ ކައުންސިލްގެ ތަރުޖަމާން މަރިޔަމް ޝިއުނާ ކުރެއްވި ޓުވީޓެއްގެ މައްސަލަ ވެސް ފުލުހުން މިހާރު އަންނަނީ ބަލަމުންނެވެ.

އެ މައްސަލާގައި ޓުވިޓާއިން ވަނީ ޝިއުނާގެ އެކައުންޓް ސަސްޕެންޑް ކޮށްފަ އެވެ.