Roadha Mihaaru
ނައިފަރު ހޮސްޕިޓަލުގައި ޑައިލިސިސްގެ ހިދުމަތް ފަށައިފި

ނައިފަރު ހޮސްޕިޓަލުގައި ޑައިލިސިސްގެ ހިދުމަތް ފަށައިފި

05 ފެބުރުއަރީ 2023

ޅ. ނައިފަރުގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލުގައި ޑައިލިސިސްގެ ހިދުމަތް ދޭން މިއަދު ފަށައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ޅ. ނައިފަރުގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލުގައި ޑައިލިސިސްގެ ހިދުމަތް ދޭން މިއަދު ފަށައިފި އެވެ.

އެ ހޮސްޕިޓަލުން ބުނީ އެމްޑަބްލިއުއެސްސީގެ އެހީގައި ހެދި ޑައިލިސިސް ސެންޓަރަކީ އެއް ފަހަރާ ތިން މީހުންނަށް ފަރުވާ ދެވޭ ގޮތަށް ހަދާފައިވާ ތަނެއް ކަމަށެވެ. އަދި ކިޑްނީގެ ބަލިތަކަށް ފަރުވާ ހޯދާ ބަލި މީހުންނަށް ހާއްސަ ދެ އެނދާއި އައިސޮލޭޝަން ރޫމަކާއި ޒަމާނީ އެހެން ވަސީލަތްތައް ވެސް ހުންނާނެ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

ޅ. އަތޮޅުގައި ޑައިލިސިސްގެ ހިދުމަތް ބޭނުންވާ 11 މީހުން އެބަތިއްބެވެ. އެކަމަކު އެ އަތޮޅުގައި އެ ހިދުމަތް ލިބެންނެތުމުން މަޖުބޫރުވެގެން، އެ އެންމެން ވެސް މިވަގުތު ދިރިއުޅެނީ މާލޭގަ އެވެ.

ޅ. އަތޮޅު ހޮސްޕިޓަލުގައި ޑައިލިސިސްގެ ހިދުމަތް ދޭން ފެށުމުގެ ގޮތުން ފުރަތަމަ އެ ހޮސްޕިޓަލުން އެ ފަރުވާ ހޯދާ މީހާއަށް ފަރުވާދޭއިރު ކައިރީގައި ސިއްހީ ހިދުމަތްތެރިން -- ފޮޓޯ: ޅ. އަތޮޅު ހޮސްޕިޓަލް

ޅ. އަތޮޅު ހޮސްޕިޓަލުގައި ޑައިލިސިސްގެ ހިދުމަތް ދޭން ފެށުމުގެ ގޮތުން ފުރަތަމަ އެ ހޮސްޕިޓަލުން އެ ފަރުވާ ހޯދާ މީހާއަށް ފަރުވާދޭއިރު ކައިރީގައި ސިއްހީ ހިދުމަތްތެރިން -- ފޮޓޯ: ޅ. އަތޮޅު ހޮސްޕިޓަލް

ސަރުކާރުން މަސައްކަތްކުރަމުން އަންނަނީ ރާއްޖޭގެ ހުރިހާ ހިސާބެއްގައި ޑައިލިސިސް ސެންޓަރުތައް ހެދުމަށެވެ. މިދިޔަ އަހަރު ނޮވެމްބަރުގައި ބ. އޭދަފުށީގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލުގައި ވެސް އެ ހިދުމަތް ފެށި އެވެ.

މާލެ ސަރަހައްދުން އައިޖީއެމްއެޗާއި ހުޅުމާލެ އަދި ވިލިމާލެ ހޮސްޕިޓަލުގައި އެ ހިދުމަތް ދެ އެވެ. އަދި ހދ. ކުޅުދުއްފުއްޓާއި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލާއި ގދ. ތިނަދޫ އަބްދުއްސަމަދު މެެމޯރިއަލް ހޮސްޕިޓަލުގެ އިތުރުން ލ. ގަމު ރީޖަނަލް ހޮސްޕިޓަލާއި ފުވައްމުލައް އަދި އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ވެސް އެ ހިދުމަތް ދެ އެވެ.