Roadha Mihaaru
23 އަހަރު ފަހުން ނިއުކާސަލް ވެމްބްލީ ފައިނަލަކަށް

23 އަހަރު ފަހުން ނިއުކާސަލް ވެމްބްލީ ފައިނަލަކަށް

01 ފެބުރުއަރީ 2023

ނިއުކާސަލް (ފެބްރުއަރީ 1) - އިނގިރޭސި ލީގު ކަޕުގެ ސެމީ ފައިނަލުގެ ދެ ވަނަ ލެގުގައި 2-1 އިން ސައުތެމްޓަން ބަލިކޮށް، 3-1 ގެ އެގްރިގޭޓް ނަތީޖާއަކާ އެކު ނިއުކާސަލް ޔުނައިޓެޑް 23 އަހަރަށް ފަހު ވެމްބްލީ ފައިނަލަކުން ޖާގަ ހޯދައިފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ނިއުކާސަލް (ފެބްރުއަރީ 1) - އިނގިރޭސި ލީގު ކަޕުގެ ސެމީ ފައިނަލުގެ ދެ ވަނަ ލެގުގައި 2-1 އިން ސައުތެމްޓަން ބަލިކޮށް، 3-1 ގެ އެގްރިގޭޓް ނަތީޖާއަކާ އެކު ނިއުކާސަލް ޔުނައިޓެޑް 23 އަހަރަށް ފަހު ވެމްބްލީ ފައިނަލަކުން ޖާގަ ހޯދައިފި އެވެ.

ނިއުކާސަލް އިން ރޭގެ މެޗުގައި ޖެހި ދެ ގޯލު ވެސް ޖަހައިދިނީ މިޑްފީލްޑަރު ޝޯން ލޯންގްސްޓާފް އެވެ. ފުރަތަމަ ލަނޑު ފަސް ވަނަ މިނިޓުގައި ޖަހައިދިން އިރު، ދެ ވަނަ ލަނޑު ޖެހީ 21 ވަނަ މިނިޓުގަ އެވެ. ސައުތެމްޓަނުގެ ހަމައެކަނި ލަނޑު 29 ވަނަ މިނިޓުގައި ޖަހައިދިނީ ޗޭ އެޑަމްސް އެވެ.

ނިއުކާސަލްގެ މިޑްފީލްޑުގައި މުހިއްމު ދައުރެއް އަދާކުރާ ބްރެޒިލްގެ ބްރޫނޯ ގިމަރޭސް އަށް ރޭގެ މެޗުގެ ފަހު ވަގުތު ވަނީ ސީދާ ރަތް ކާޑެއް ދައްކައިފަ އެވެ. ސައުތެމްޓަންގެ ސޭމް އެޑޯޒީ އަށް ކުރި ފައުލަކަށް ފުރަތަމަ ރީނދޫ ކާޑެއް ދެއްކި ނަމަވެސް ވީއޭއާރު ބެލުމަށް ފަހު ރެފްރީ ވަނީ ނިންމުން ސީދާ ރަތް ކާޑަކަށް ބަދަލު ކޮށްފަ އެވެ.

ގިމަރޭސް، ސައުތެމްޓަންގެ އެޑޯޒީ އަށް ކުރި ފައުލް.-- ފޮޓޯ: އޭއެފްޕީ

ގިމަރޭސް، ސައުތެމްޓަންގެ އެޑޯޒީ އަށް ކުރި ފައުލް.-- ފޮޓޯ: އޭއެފްޕީ

ރަތް ކާޑުގެ ސަބަބުން ގިމަރޭސް އަށް ވަނީ ތިން މެޗުގެ ސަސްޕެންޝަނަކާ ކުރިމަތިލާން ޖެހިފަ އެވެ. ނަމަވެސް ފައިނަލް މެޗު އޭނާއަކަށް ނުގެއްލޭނެ އެވެ. ސަބަބަކީ ލީގު ކަޕުގެ ގަވާއިދު ބުނާގޮތުން ސަސްޕެންޝަންތައް ގުނާނީ އިނގިރޭސި ޑޮމެސްޓިކް މުބާރާތްތައް ހިމެނޭހެން ކަމަށްވާތީވެ އެވެ.

މި ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހަށް ފައިނަލް މެޗު ތާވަލް ކޮށްފައި ވާއިރު، އޭގެ ކުރިން ނިއުކާސަލް އަށް އިނގިރޭސި ލީގުގައި ތިން މެޗު ކުޅެން ހަމަޖެހިފައިވެ އެވެ. އެއީ ހޮނިހިރު ދުވަހުގެ ރޭ ވެސްޓް ހޭމް ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗާއި 11 ވަނަ ދުވަހުގެ ރޭ ބޯންމަތާ ދެކޮޅަށް ކުޅޭ މެޗުގެ އިތުރުން 18 ވަނަ ދުވަހުގެ ރޭ ލިވަޕޫލާ ދެކޮޅަށް ކުޅޭ މެޗެވެ. ލީގުގައި ނިއުކާސަލް އޮތީ ތިން ވަނައިގަ އެވެ.

މިއީ ނިއުކާސަލް ލީގް ކަޕްގެ ފައިނަލަށް ދިޔަ ދެ ވަނަ ފަހަރެވެ. ފުރަތަމަ ވާދަކުރީ 1976 ވަނަ އަހަރެވެ. އެ ފަހަރު މެންޗެސްޓާ ސިޓީއާ ވާދަކޮށް ބަލިވީ 2-1 އިންނެވެ.

ނިއުކާސަލް އެންމެ ފަހުން ވެމްބްލީ ގައި ފައިނަލެއް ކުޅުނީ 1999 ވަނަ އަހަރު އެވެ. އެ އަހަރު އެލަން ޝިއެރާގެ ކެޕްޓަން ކަމުގައި ކުޅުނު އެފްއޭ ކަޕް ފައިނަލުން ބަލިވީ މެންޗެސްޓާ ޔުނައިޓެޑް އަތުންނެވެ.

މި އަހަރުގެ ލީގު ކަޕުގެ ފައިނަލް ގައި ނިއުކާސަލް އާއި ޔުނައިޓެޑް ވާދަކުރަން ޖެހުމުގެ ފުރުސަތު ބޮޑެވެ. ސެމީ ގައި ދެން ވާދަކުރާ ޔުނައިޓެޑް ވަނީ ފުރަތަމަ ލެގުގައި 3-0 އިން ނޮޓިންހަމް ފޮރެސްޓް ބަލިކޮށްފަ އެވެ. ޔުނައިޓެޑްގެ ދަނޑުގައި ދެ ވަނަ ލެގުގެ ކުޅުން އޮންނާނީ މިރޭ 1 ޖަހާއިރެވެ.