Roadha Mihaaru
ފިނޭންސްގެ ހުއްދަނެތި އާ މަގާމު ނުއުފައްދަން އަންގައިފި

ފިނޭންސްގެ ހުއްދަނެތި އާ މަގާމުތައް ނުއުފައްދަން އަންގައިފި

01 ފެބުރުއަރީ 2023

މިނިސްޓްރީގެ ހުއްދަ ނެތި ސަރުކާރުގެ އެއްވެސް އޮފީހަކުން އާ މަގާމުތައް ނުއުފެއްދުމަށާއި ދައުލަތުގެ ހަރަދު ކުޑަކުރަން އިތުރު ފިޔަވަޅުތައް އަޅަން ފިނޭންސް މިނިސްޓްރީން ސަރުކާރުގެ ހުރިހާ އިދާރާއަކަށް އަންގައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މިނިސްޓްރީގެ ހުއްދަ ނެތި ސަރުކާރުގެ އެއްވެސް އޮފީހަކުން އާ މަގާމުތައް ނުއުފެއްދުމަށާއި ދައުލަތުގެ ހަރަދު ކުޑަކުރަން އިތުރު ފިޔަވަޅުތައް އަޅަން ފިނޭންސް މިނިސްޓްރީން ސަރުކާރުގެ ހުރިހާ އިދާރާއަކަށް އަންގައިފި އެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ މާލިއްޔަތާއި ގުޅޭ ސާކިއުލާގައި، މިއަހަރުގެ ބަޖެޓު ތަންފީޒުކުރަން ހަރަދުތައް މިހާރަށްވުރެ ރަނގަޅަށް ހަމަޖެއްސުމަށް ސަރުކާރުގެ ހުރިހާ އޮފީސްތަކުން މަސައްކަތް ކުރުމަށް އެދިފައިވެ އެވެ.

ފިނޭންސުން ބުނީ ނެޝަނަލް ޕޭ ކޮމިޝަނުން ދިރާސާކުރުމަށް ފަހު، މި މިނިސްޓްރީގެ ހުއްދަ ލިބިގެން ނޫނީ މުސާރައިގެ އޮނިގަނޑުތަކަށް އެއްވެސް ބަދަލެއް ނުގެނެވޭނެ ކަމަށެވެ. ބަޖެޓްގައި ހިމަނާފައި އޮތަސް، މިހާރު ދޭން ފަށާފައި ނުވާ އައު އެއްވެސް އެލަވަންސެއް، އެ މިނިސްޓްރީގެ ހުއްދަ ނެތި އަހަރުތެރޭގައި ނުދެވޭނެ ކަމަށް ވެސް އަންގާފައިވެ އެވެ. އަދި އެ މިނިސްޓްރީގެ ހުއްދަ ލިބިގެން ނޫން ގޮތަކަށް މުވައްޒަފުންގެ ޕްރޮމޯޝަން ފަދަ އެއްވެސް މަގާމެއްގެ ނަމަށް، ރޭންކަށް އަދި މުސާރަ އާއި އިނާޔަތްތަކަށް ބަދަލެއް ނުގެނެއުމަށް ވެސް އެދިފައިވެ އެވެ. މި ކަންކަމުގެ އިތުރުން، ރަސްމީގަޑީގައި އޮފީހުގެ މަސައްކަތްތައް ނިންމުމަށާއި ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށް މެނުވީ އިތުރުގަޑީގައި މަސައްކަތް ނުކުރުމަށް އެދިފައިވެ އެވެ.

ފިނޭންސް މިނިސްޓްރީގެ ސާކިއުލާގައި، ރާއްޖެއިން ބޭރަށް ރަސްމީ ދަތުރުތައް ކުރުމުގެ ކުރިން އެ މިނިސްޓްރީގެ ހުއްދަ ހޯދުމަށް ވެސް ވަނީ އެދިފަ އެވެ. މިގޮތަށް ކުރާ ދަތުރުތަކުގެ ތެރެއިން ވައިގެ މަގުން ކުރާ 35،000ރ. އަށް ވުރެ ދަށުގެ ދަތުރުތައް ބަނޑޭރި ޕޯޓަލްގެ ގުޑްސް އެންޑް ސާވިސަސް ފޯމު މެދުވެރިކޮށް ފައިނޭންސް އެގްޒެކެޓިވްގެ ހުއްދައާ އެކު ކުރިއަށް ގެންދަން ވަނީ ބުނެފަ އެވެ. އަދި އެއަށް ވުރެ ބޮޑު ހަރަދެއް ކުރާ ނަމަ ސީދާ ފިނޭންސް މިނިސްޓްރީގެ ހޯދުމަށް ވެސް ސަރުކާރުގެ އިދާރާތަކަށް އަންގާފައިވެ އެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ގައުމީ ފެންވަރުގައި ކުރިއަށް ގެންދާ ސްކޮލާޝިޕް ސްކީމްތަކުގެ ބޭރުން، އެއްވެސް އިތުރު އާ ސްކޮލަޝިޕެއް ނުދޭން ވަނީ އެދިފަ އެވެ. ރާއްޖޭން ބޭރުން ހުރިހާ ހަރަދެއް ލިބޭ ކުރު މުއްދަތުގެ ކޯސްތަކާއި ޓްރެއިނިންތައް ފިޔަވައި އިތުރު އެއްވެސް ޓްރެއިނިން ޕްރޮގްރާމެއް ކުރިއަށް ނުގެން ދަން ވެސް ވަނީ އެދިފަ އެވެ.

އޭގެ އިތުރުން ސަރުކާރުގެ އޮފީސްތަކުގެ މަރާމާތުތައް ވެސް ކުރުމުގެ ކުރިން ފިނޭންސް މިނިސްޓްރީގެ ހުއްދަ ހޯދަން ޖެހޭނެ ކަމަށް އެމިނިސްޓްރީން އަންގައިފި އެވެ.

ސަރުކާރުން މިއަހަރަށް ކަނޑައަޅާފައިވަނީ 42.8 ބިލިއަން ރުފިޔާ ބަޖެޓުން މިއަހަރު މިހާތަނަށް ވަނީ 1.3 ބިލިއަން ރުފިޔާ ހަރަދުކޮށްފަ އެވެ.