Roadha Mihaaru
ޖެންޑާ މިނިސްޓްރީ ހުޅުމާލެ އަށް ބަދަލުކޮށްފި

ސަރުކާރުގެ ހުޅުމާލެ އޮފީސް އިމާރާތަށް ޖެންޑާ މިނިސްޓްރީ ބަދަލުކޮށްފި

29 ޖެނުއަރީ 2023

ހުޅުމާލޭގައި ސަރުކާރުން ހެދި އޮފީސް އިމާރާތަށް ޖެންޑާ މިނިސްޓްރީ މިއަދުން ފެށިގެން ބަދަލުކޮށްފި އެވެ.

ހުޅުމާލޭގައި ސަރުކާރުން ހެދި އޮފީސް އިމާރާތަށް ޖެންޑާ މިނިސްޓްރީ މިއަދުން ފެށިގެން ބަދަލުކޮށްފި އެވެ.

އެއީ، ކުރީގެ ކޮންސްޓްރަކްޝަން މިނިސްޓަރު މަރްހޫމް އުމަރު ޒާހިރުގެ ނަމަށް ނިސްބަތްކުރެވޭ، އެ އޮފީސް އިމާރާތަށް ބަދަލުކުރި ސަރުކާރުގެ ފުރަތަމަ އޮފީހެވެ.

ޖެންޑާ މިނިސްޓްރީގެ އިތުރުން ޓްރާންސްޕޯޓް މިނިސްޓްރީ އާއި ހަޔާ އެޑިއުކޭޝަން މިނިސްޓްރީ ވެސް އެ ތަނަށް ފަހުން ބަދަލުކުރާނެ އެވެ.

ޖެންޑާ މިނިސްޓްރީ އަށް ހާއްސަކޮށްފައިވާ އެ އިމާރާތުގެ ދެ ވަނަ ބުރިއަށް އެންމެ ފުރަތަމަ މި ބަދަލުކުރީ މާލޭގެ ސީޓްރެކްޓް ބިލްޑިންގްގައި ހިންގަމުން އައި އެ މިނިސްޓްރީގެ އޮފީސް ބައިގެ 99 މުވައްޒަފުންނެވެ. އަދި ބިއްލޫރިޖެހިގޭގައި ހިންގަމުން އަންނަ ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަންގެ 68 މުވައްޒަފުން ދެ ތިން މަހެއްހާ ދުވަސް ތެރޭ ހުޅުމާލޭ އިމާރާތަށް ބަދަލުވާނެ އެވެ.

ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ "މިހާރު" އަށް މިއަދު ވިދާޅުވީ އެ މިނިސްޓްރީ އަށް ހާއްސަ، ޖާގަ ތަނަވަސް އޮފީހެއް ލިބުމުން ހުރިހާ މުވައްޒަފުން ވެސް ތިބީ ވަރަށް ބޮޑަށް ހިތްހަމަޖެހިފައި ކަމަށެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި 1993 ވަނަ އަހަރު ޒުވާނުންނާއި ކުޅިވަރުގެ ޕޯޓްފޯލިއާ ހިމަނައިގެން ޖެންޑާ މިނިސްޓްރީ އުފެއްދީއްސުރެ އެތަން ހިންގަމުން އައީ ހާއްސަ އޮފީހެއް ނެތި، އެކި ފަހަރު އެކި އިމާރާތްތަކުގަ އެވެ.

އެންމެ ފުރަތަމަ އުމަރު ޝޮޕިން އާކޭޑް އިމާރާތުގައި އެ މިނިސްޓްރީ ހިންގުމަށް ފަހު 2006 ގައި ބަދަލުވީ ފެން ބިލްޑިންގަށެވެ. އޭގެ ފަހުން ޖެންޑާ މިނިސްޓްރީ އުވި، ހެލްތު މިނިސްޓްރީގެ ދަށަށް ވެސް ބަދަލުކުރި އެވެ.

ހުޅުމާލޭގެ އޮފީސް އިމާރާތަކީ ޖެންޑާ މިނިސްޓްރީގެ ހިންގުން ބަދަލުވި ހަތް ވަނަ ތަނެވެ.

"އަޅުގަނޑުމެންނަށް އަދި ކިރިޔާ ސަރުކާރުގެ އިމާރާތަކުން ހާއްސަ ޖާގައެއް މި ލިބުނީ. ހާއްސަ އިމާރާތެއް ލިބުމުން މުވައްޒަފުން ތިބީ ވަރަށް ހިތްހަމަޖެހިފައި،" އައިޝާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، ޖެންޑާ މިނިސްޓްރީގެ މުވައްޒަފުންނަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިތައް ހައްލުކުރުމަށް ހާއްސަ އޮފީހެއް ދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައިވާ ކަމަށާއި އެކަން ލަސްވީ ކޮވިޑުގެ ސަބަބުން އިމާރާތުގެ މަސައްކަތް ލަސްވުމުން ކަމަށެވެ.

"ވަރަށް ހިތްފަސޭހަ މާހައުލެއްގައި މިހާރު މި ތިބީ،" އާއިޝާ ވިދާޅުވި އެވެ.

ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްގެން ސަރުކާރުން ހުޅުމާލޭގައި އޮފީސް އިމާރާތެއް ހެދީ ސަރުކާރުގެ އޮފީސްތައް އަމިއްލަ މީސްމީހުންގެ އިމާރާތްތަކުގައި ހިންގަން ޖެހި ކުއްޔަށް ބޮޑު ހަރަދެއް ކުރަން ޖެހޭތީވެ އެވެ.