Roadha Mihaaru
ސްޓޫޑެންޓް ލޯނުތަކުން 187 މިލިއަން ރުފިޔާ ނުލިބޭ

ސްޓޫޑެންޓް ލޯނުތަކުން 187 މިލިއަން ރުފިޔާ އަނބުރާ ހޯދަންޖެހޭ: އޮޑިޓް

23 ޖެނުއަރީ 2023

ހަޔަ އެޑިއުކޭޝަން މިނިސްޓްރީން ބަލަހައްޓާ ސްޓޫޑަންޓް ލޯނު ސްކީމުތަކުގައި ބޮޑެތި މައްސަލަތައް އެބަހުރި ކަމަށާއި މިހާތަނަށް ލޯނުތަކުން 187 މިލިއަން ރުފިޔާ ނުލިބި އެބަހުރި ކަމަށް އޮޑިޓް އޮފީހުން ބުނެފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ހަޔަ އެޑިއުކޭޝަން މިނިސްޓްރީން ބަލަހައްޓާ ސްޓޫޑަންޓް ލޯނު ސްކީމުތަކުގައި ބޮޑެތި މައްސަލަތައް އެބަހުރި ކަމަށާއި މިހާތަނަށް ލޯނުތަކުން 187 މިލިއަން ރުފިޔާ ނުލިބި އެބަހުރި ކަމަށް އޮޑިޓް އޮފީހުން ބުނެފި އެވެ.

އޮޑިޓް އޮފީހުން އާންމު ކުރި، 2021 ވަނަ އަހަރުގެ ހަޔަ އެޑިއުކޭޝަން މިނިސްޓްރީގެ މާލީ އޮޑިޓް ރިޕޯޓުގައިވާ ގޮތުން ސަރުކާރުން ދޫކުރާ މަތީ ތައުލީމުގެ ލޯނުތަކުގެ ތެރެއިން 2021 ވަނަ އަހަރުގެ ނިޔަލަށް ލިބެންޖެހޭ ފައިސާ ހޯދުމަށް ދައުލަތުގެ މާލިއްޔަތު ގަވައިދުގައިވާ ގޮތަށް މަސައްކަތް ވެސް ކޮށްފައެއް ނެތެވެ.

ދައުލަތުގެ މާލިއްޔަތު ގަވައިދުގައިވާ ގޮތުން ދައުލަތަށް ލިބެންޖެހޭ ފައިސާ ދެއްކުމަށް ކަނޑައަޅާފައިވާ މުއްދަތު ހަމަވެއްޖެ ނަމަ، އިތުރު ހަތް ދުވަހުގެ މުއްދަތެއް ދޭންޖެހެ އެވެ. އަދި އެ މުއްދަތުގައި ވެސް ފައިސާ ހޯދަން މަސައްކަތްކޮށް ނުލިބިއްޖެ ނަމަ، ލިޔުމުން އެކަން އަންގައި، އިތުރު ހަތް ދުވަސް ދޭން ޖެހެ އެވެ. އެ މަރުހަލާތަކަށް ފަހު ވެސް ފައިސާ ނުދައްކައިފި ނަމަ، މައްސަލަ ޝަރީއަތަށް ހުށަހަޅައިގެން ކުރިއަށް ގެންދަން ޖެހެ އެވެ. އަދި ޝަރީއަތަށް ގޮސް އެ ފައިސާ ދެއްކުމަށް އެންގުމުން ވެސް ފައިސާ ނުދައްކައިފި ނަމަ، ފިނޭންސް މިނިސްޓްރީއަށް އެކަން ހުށަހަަޅައިގެން ފައިސާއާ މެދު އަމަލު ކުރާނެ ގޮތެެއް ހޯދަން ޖެހެ އެވެ.

އޮޑިޓް އޮފީހުން އާންމުކޮށްފައިވާ މައުލޫމާތުން އެނގޭ ގޮތުން ލޯނުތަކުގެ ތެރެއިން ހަޔާ އެޑިއުކޭޝަނުން މެނޭޖުކުރާ ލޯނުތަކުގެ ތެރެއިން 105 މިލިއަން ރުފިޔާ ނުލިބި އެބަ ހުރި ކަމަށެވެ. މިނިސްޓްރީން މެނޭޖުކުރާ ލޯނުތަކުގެ ރެކޯޑުތައް ބެލެހެއްޓުމަށް އިންޓާނަލް ކޮންޓްރޯލުތައް ނެގުމުން ނުލިބިވާ އަދަދުގެ ސައްހަކަން ވެސް ކަށަވަރު ނުކުރެވޭ ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވެ އެވެ. ސްޓޫޑަންޓް ލޯނުތަކުގެ ތެރެއިން ދެން ނުލިބި ހުރީ، ބީއެމްއެލް މެދުވެރިކޮށް ދޫކޮށްފައިވާ ލޯނުތަކުގެ ތެރެއިން ގާތްގަނޑަކަށް 78 މިލިއަން ރުފިޔާ އާއި ބޭންކް އޮފް ސިލޯން މެދުވެރިކޮށް ދޫކޮށްފައިވާ 2.9 މިލިއަން ރުފިޔާ އެވެ.

އޮޑިޓް ރިޕޯޓުގައިވާ ގޮތުން ހަޔަ އެޑިއުކޭޝަން މިނިސްޓްރީން ހިންގާ އެކި ލޯނު ސްކީމުތަކަށް ބޭނުންވާ ފައިސާގެ ތެރެއިން 44 މިލިއަން ރުފިޔާ، ޕަބްލިކް ބޭންކް އެކައުންޓްތައް ނޫން އެހެން އެކައުންޓްތަކުގައި އެބަހުއްޓެވެ. އޭގެ ތެރެއިން 34 މިލިއަން ރުފިޔާ އަކީ އާންމުކޮށް ލޯނު ދޫކުރުން ހުއްޓާލާފައި ހުރި ހަތަރު އެކައުންޓުގައި ހުރި ފައިސާ އެވެ. އެ ފައިސާ ޕަބްލިކް ބޭންކް އެކައުންޓަށް ޖަމާކުރަން ޖެހޭ ކަމަށް އޮޑިޓް އޮފީހުން ލަފާދީފައިވެ އެވެ.

ހިލޭ ޑިގްރީގެ ދަފްތަރު ސައްހައެއް ނޫން

އޮޑިޓް އޮފީހުން ބުނީ ދައުލަތުން ހިލޭ އެހީގައި ފުރަތަމަ ޑިގްރީއަށް ކިޔެވުމުގެ ފުރުސަތު ލިބިފައިވާ އިރު އެގޮތަށް ކިޔަވަމުން އަންނަ ރެކޯޑުތައް އެކަށީގެންވާ ގޮތެއްގައި ބަލަހައްޓާފައެއް ނުވެ އެވެ. އަދި ހިލޭ ޑިގްރީއަށް ކިޔަވާ ކުދިންނަށް ފައިސާ ދޫކޮށްފައިވާ ގޮތުގެ ތަފްސީލުތައް ބަލަހައްޓާފައި ނެތް ކަމަށް އޮޑިޓް އޮފީހުން ބުންޏެވެ. އެހެންވެ، މިހާތަނަށް ވަކިވަކި ފަރާތްތަކަށް ދޫކުރި އަދަދުތަކާއި ދޫކުރަން ޖެހޭ އަދަދުތައް ވެސް ކަށަވަރު ނުކުރެވޭ ކަމަށް އޮޑިޓް އޮފީހުން ބުންޏެވެ.

މީގެ އިތުރުން "ސަރުކާރުގެ ހަރަދުގައި ފުރަތަމަ ޑިގްރީއަށް ކިޔަވައިދިނުމުގެ އުސޫލު" ގައިވާ ގޮތުގެ މަތިން ފަންޑު ދިނުން ހުއްޓާލަން ޖެހިފައިވާ ކުދިންނަކީ ކޮބައިކަމާއި އެފަދަ ދަރިވަރުންނާ މެދު ފިޔަވަޅު އަޅައި، ދިން ފައިސާ އަނބުރާ ހޯދަންޖެހޭ ކަން ނުވަތަ ނޫންތޯ ވެސް އެކަމާ ގުޅޭ މައުލޫމާތު ނުލިބުމުގެ ސަބަބުން ބެލިފައި ނެތް ކަމަށް އޮޑިޓްގައިވެ އެވެ.

އޮޑިޓް އޮފީހުގެ ހިސާބުތަކުން ދައްކާ ގޮތުން ހިލޭ ޑިގްރީއަށް ކިޔަވާ ކުދިންނަށް މިހާތަނަށް ދައުލަތުން 141 މިލިއަން ރުފިޔާ ދޫކޮށްފައިވެ އެވެ.