Roadha Mihaaru
ސްވިޑަންގައި ގުރުއާން އެންދުން ރާއްޖޭން ކުށްވެރިކޮށްފި

ސްވިޑަންގައި ގުރުއާން އެންދި މައްސަލަ ރާއްޖޭން ކުށްވެރިކޮށްފި

22 ޖެނުއަރީ 2023

ސްވިޑެންގައި ތުރުކީއާ ދެކޮޅަށް ކުރި މުޒާހަރާއެއްގައި ކީރިތި ގުރުއާން އެންދުމުން އެކަން ރާއްޖޭން ކުށްވެރިކޮށްފި އެވެ.

ސްވިޑެންގައި ތުރުކީއާ ދެކޮޅަށް ކުރި މުޒާހަރާއެއްގައި ކީރިތި ގުރުއާން އެންދުމުން އެކަން ރާއްޖޭން ކުށްވެރިކޮށްފި އެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސްވިޑެންގެ ކަނާތު ފިޔައިގެ ހަރުކަށި ސިޔާސީ ޕާޓީ "ފާ-ރައިޓް ޑެނިޝް ޕާޓީ" ގެ ލީޑަރު ރަސްމޫސް ޕަލޫޑާން ކީރިތި ގުރުއާނަށް އިހުތިރާމް ކުޑަކޮށް ގުރުއާން އެންދި މުޑުދާރު އަމަލު ރާއްޖޭން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

ސްވިޑެންގެ ވެރިރަށް ސްޓޮކްހޯމްގައި ހުންނަ ތުރުކީގެ އެމްބަސީގެ ކުރިމަތީގައި ގުރުއާން އެންދީ ނޭޓޯއާ ގުޅެން ތުރުކީން ދެކޮޅު ހަދާތީ ކަމަށް ބުނެ އެވެ. އެކަން ކުރީ ފުލުހުންގެ ކުރިމަތީގައި ކަމަށް ވާތީ ސްވިޑެން ސަރުކާރަށް ފާޑު ކިޔުން އަމާޒުވެ އިސްލާމީ ގައުމުތަކުން އަންނަނީ އެ އަމަލު ކުށްވެރިކުރަމުންނެވެ.

ގުރުއާން އަންދަން ފެށުމުގެ ކުރިން ޕަލޫޑާން ވަނީ އިސްލާމް ދީނާއި މުސްލިމުންނާ ދެކޮޅަށް އެއް ގަޑިއިރު ވަންދެން ވާހަކަ ދައްކައިފަ އެވެ. ޕަލޫޑާން އަކީ މުސްލިމުންނާ ދެކޮޅު ލީޑަރެކެވެ. މިދިޔަ އަހަރު އޭޕްރީލް މަހު އޭނާ ވަނީ ރޯދަ މަހާ ދިމާކޮށް ގުރުއާން އެންދުމުގެ ކެމްޕޭނެއް ސްވިޑެންގެ އެކި ހިސާބުތަކުގައި ކުރިއަށް ގެންދާނެ ކަމަށް އިއުލާންކޮށްފަ އެވެ. އެފަހަރު ވެސް ސްވިޑެންގައި ހަމަނުޖެހުންތައް އުފެދުނެވެ.

ގުރުއާން އެންދުމަކީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ތެރެއިން ހިންގި އަމަލެއް ކަމަށް ސްވިޑެން އިން ބުނެ އެވެ.