Roadha Mihaaru
އާ އިންފްލައިޓް ހިދުމަތްތަކާ އެކު އޭޓީއާރު އައްޑުއަށް

އާ އިންފްލައިޓް ހިދުމަތްތަކާ އެކު މޯލްޑިވިއަންގެ އޭޓީއާރު ދަތުރުތައް އައްޑުއަށް

21 ޖެނުއަރީ 2023

ގައުމީ އެއާލައިން، މޯލްޑިވިއަން އިން އަލަށް ގެންނަ އޭޓީއާރުގެ ފުރަތަމަ ކޮމާޝަލް ދަތުރު އައްޑުއަަށް ކޮށްފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ގައުމީ އެއާލައިން، މޯލްޑިވިއަން އިން އަލަށް ގެންނަ އޭޓީއާރުގެ ފުރަތަމަ ކޮމާޝަލް ދަތުރު އައްޑުއަަށް ކޮށްފި އެވެ.

އޭޓީއާރު-72 ގެ މި ބޯޓު އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސީ މިއަދު 5:45ގަ އެވެ. އޭޓީއާރުގެ ބޯޓުތައް ބޭނުން ކުރަން ފެށި އިރު މޯލްޑިވިއަންގެ އިން-ފްލައިޓް އާ ހިދުމަތްތަކެއް ވެސް ވަނީ ތައާރަފްކޮށްފަ އެވެ.މޯލްޑިވިއަންގެ ދަތުރުތަކުގައި ޖޫސްތައްޓެއްގެ އިތުރަށް ޗޮކްލެޓަކާއި ނަޓްސް ޕެކެޓެއް ލިބޭނެ އެވެ.

މޯލްޑިވިއަން އިން އޭޓީއާރު-72 ގެ ދެ ފްލައިޓް ރާއްޖެ ގެނައީ މި މަހުގެ ކުރީކޮޅެވެ.

ޓޫރިސްޓުންތަކެއް އޭޓީއާރް ފްލައިޓުން ފައިބަނީ. --ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ޓޫރިސްޓުންތަކެއް އޭޓީއާރް ފްލައިޓުން ފައިބަނީ. --ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ރީޖަނަލް އެއާކްރާފްޓް އުފެއްދުމުގައި ދުުނިޔޭގައި އެންމެ މަގުބޫލު އޭޓީއާރު ކުންފުނީގެ މިއިން ކޮންމެ ބޯޓަކުން ވެސް 70 މީހުން އެއްފަހަރާ އުފުލޭނެ އެވެ. މި ބޯޓުތަކުގެ އިންޖީނަކީ އޭޓީއާރުގެ އެންމެ ފަހުގެ އިންޖީނުތަކެވެ. އެއާ އެކު ކުރީގެ ބޯޓުތަކަށް ވުރެ މެއިންޓަނެންސް ހަރަދު 20 ޕަސެންޓް ކުޑަވާނެ އެވެ. އަދި ތެޔޮ ބޭނުން ކުރާ ވަރު ތިން ޕަސެންޓް ކުޑަކޮށްދޭނެ އެވެ.

މޯލްޑިވިއަން އިން ގެންގުޅޭ ޑޭޝް މަރުކާގެ ބޯޓުތަކަށް ވިއްސަކަށް އަހަރުވެފައިވާ އިރު، އޭގެ ސަބަބުން މެއިންޓަނެންސް ގިނަ މައްސަލަތަކެއް ދިމާވެ، ފްލައިޓުތަކުގެ ޝެޑިއުލް އަށް ވެސް ބުރޫ އަރަމުން ދިޔަ އެވެ. އެހެން ނަމަވެސް އާ ބޯޓުތަކާ އެކު ޓެކްނިކަލް މައްސަލަ ޖެހިގެން ފްލައިޓު ޝެޑިއުލްތަކަށް ބުރޫ އެރުމުގެ ފުރުސަތު ކުޑަވާނެ ކަމަށް މޯލްޑިވިއަން އިން ބުންޏެވެ.

އަލަށް ގެނައި ދެ ބޯޓުގެ އިތުރުން އޭޓީއާރު 42 ޖާގައިގެ ބޯޓެއް ވެސް މި މަހު ތެރޭ މޯލްޑިވިއަން އަށް ލިބޭނެ އެވެ. އެ ބޯޓާ އެކު ގައުމީ އެއާލައިންގެ ފްލީޓް 14 ބޯޓަށް އިތުރުވާނެ އެވެ.