Roadha Mihaaru
ޓްރަމްޕަށް ސިޓީއެއް: ސީރިއާ ރެފިއުޖީއެއް

ޓްރަމްޕަށް ސިޓީއެއް: ސީރިއާ ރެފިއުޖީއެއް

17 ޖެނުއަރީ 2017

ޓްރަމްޕަށް..

ޓްރަމްޕަށް..

އަޅުގަނޑުގެ ނަމަކީ އަބްދުލްއަޒީޒް ދުޚާން އެވެ. އަޅުގަނޑުގެ އުމުރަކީ 18 އަހަރެވެ. މިއީ ވެސް ރެފިއުޖީންގެ ގޮތުގައި ސީރިޔާ ދޫކޮށް ދިޔަ ހަތަރު މިލިއަން މީހުންގެ ތެރެއިން އެކަކެވެ. އަހަރެމެން ގައުމަށް ދޫކޮށްފައި ނުކުތީ، މަގުތަކުގެ ކޮންމެވެސް ހިސާބެއްގައި ވަޅުލެވިފައިވާ އަހަރެމެންގެ ހިތްތަކާއި އަހަރެމެންގެ ގައުމުގެ ރައްޔިތުންނެވެ.

އަޅުގަނޑު މި މެސެޖް މި ފޮނުވަނީ މަނިކުފާނުގެ ރިއާސީ ދައުރަށް ތަހުނިޔާ ދެންނެވުމަށެވެ. އޭގެ އިތުރުން، އަޅުގަނޑުމެންގެ މުސްތަގުބަލު ކަނޑައެޅުމުގައި މަނިކުފާނުގެ ވާހަކަފުޅުތަކަކީ ކިހާ މުހިންމު އެއްޗެއް ކަން ހަނދުމަފުޅުކޮށް އެރުވުމަށެވެ.

އަޅުގަނޑުމެން އިންގިލާބު ފެށީ ފިނިފެންމާތަކެއް ހިފައިގެން އަދި، ބައިނަލްއަގުވާމީ މުޖްތަމައުން އަޅުގަނޑުމެންނަށް ތާއީދު ލިބޭނެ ކަމުގެ އުންމީދުގަ އެވެ.

އަހަރުތަކެއް ފާއިތުވެއްޖެ އެވެ؛ އެ ފިނިފެންމާތައް ވަނީ ބަޑިތަކަކަށް ބަދަލުވެފަ އެވެ. އެކަމަކު ތާއީދު ލިބޭނެ ކަމަށް ކުރި އުންމީދުތައް އެ ގޮތުގައި އެބަ އޮތެވެ. އެހެނެއް ކަމަކު، އެ ފިނިފެންމާތަކާއި އެ އުންމީދުތަކުން އަހަރެމެންނަށް ލިބުނު އެހީތެރިކަމެއް ނެތެވެ.

ސީރިޔާގެ ހާލަތާ މެދު ދުނިޔޭގެ ސަމާލުކަން ހޯދުމަށް އިންޓަނެޓްގައި މަސައްކަތް ކުރަމުން އަންނަ އަބްދުލްއަޒީޒް ދުޚާން. --ފޮޓޯ: އަލް ޖަޒީރާ

ސީރިޔާގެ ހާލަތާ މެދު ދުނިޔޭގެ ސަމާލުކަން ހޯދުމަށް އިންޓަނެޓްގައި މަސައްކަތް ކުރަމުން އަންނަ އަބްދުލްއަޒީޒް ދުޚާން. --ފޮޓޯ: އަލް ޖަޒީރާ

އަޅުގަނޑުމެންގެ ހާލަތު ބަދަލު ކުރުމަށް، މަނިކުފާނުގެ ކުރިން މިހާރު ވެރިކަމުގައި ހުންނެވި ބޭފުޅާ އެއްވެސް ކަމެއް ކުރެއްވި ހެއްޔެވެ؟ ގައިމު ވެސް އަޅުގަނޑަކަށް ނޭނގެ އެވެ. އެހެން ނަމަވެސް އަޅުގަނޑުމެންގެ އަގީދާގައި އަޅުގަނޑުމެން ދެމިތިބޭނަމެވެ. މަނިކުފާނުގެ ބަސްފުޅު އަޅުގަނޑުމެންނަށް ވަރަށް މުހިންމެވެ. މަނިކުފާނަށް އަޅުގަނޑުމެންގެ ކުރިމަގު ބަދަލު ކުރެވިދާނެ އެވެ.

އަޅުގަނޑު އާއިލާއާ އެކު ސީރިޔާ ދޫކޮށްފައި ނުކުތީ އިންގިލާބު ފެށުނުތާ ހަތަރު އަހަރު ފަހުންނެވެ. އެކަމަކު އެކަކު ވެސް ގައުމު ދޫކޮށް ނުކުތީ ނުކުންނަ ހިތަކުން ނޫނެވެ. އެކަމަކު ހަނގުރާމަތީ ޓޭންކުތަކުގެ ކުރިމަތީގައި އަޅުގަނޑުމެންނަށް ކުރެވޭނީ ކީއްތޯ އެވެ؟ މަތިން، މަރު އޮހެމުން އަންނަ އިރު، އަޅުގަނޑުމެންނަށް ކުރެވޭނީ ފަހެ ކޮން ކަމެއްތޯ އެވެ؟

އެހެން މީހުންނެކޭ އެއްފަދައިން އަޅުގަނޑުމެން ދިޔައީ ތުރުކީ އަށެވެ. އެތަނުން ދިޔައީ ގްރީކަށެވެ. އަޅުގަނޑުމެން ދަތުރު ކުރަމުން ދިޔައީ، އަޅުގަނޑުމެންގެ ފަނާވަމުން ދިޔަ ސަހަރުތަކާއި ގެތަކާއި މަގުތަކަށް ބަލަމުންނެވެ.

ސީރިޔާގެ ހާލަތާ މެދު ދުނިޔޭގެ ސަމާލުކަން ހޯދުމަށް އިންޓަނެޓްގައި މަސައްކަތް ކުރަމުން އަންނަ އަބްދުލްއަޒީޒް ދުޚާން ޕޯސްޓް ކޮށްފައިވާ ފޮޓޯއެއް. --ފޮޓޯ: އަލް ޖަޒީރާ

ސީރިޔާގެ ހާލަތާ މެދު ދުނިޔޭގެ ސަމާލުކަން ހޯދުމަށް އިންޓަނެޓްގައި މަސައްކަތް ކުރަމުން އަންނަ އަބްދުލްއަޒީޒް ދުޚާން ޕޯސްޓް ކޮށްފައިވާ ފޮޓޯއެއް. --ފޮޓޯ: އަލް ޖަޒީރާ

އަޅުގަނޑުމެންނަކީ ބަލިކަށި ބައެކެވެ. އަޅުގަނޑުމެން ބޭނުމީ ބައިނަލްއަގުވާމީ މުޖްތަމައުގެ ތާއީދެވެ. އެ ތާއީދު ކޮންމެވެސް ދުވަހަކުން ލިބޭނެ އެވެ. އަޅުގަނޑުމެން ހަރަކާތްތެރި ކުރުވަނީ އަޅުގަނޑުމެންގެ ގަބޫލުކުރާ ގަބޫލުކުރުމެވެ.

މިހާރު އަޅުގަނޑަކީ ރެފިއުޖީއެކެވެ. ރެފިއުޖީ ކޭމްޕެއްގައި ދިރިއުޅުމުގައި އެންމެ ހިތްދަތި ކަމަކީ އެކަހެރިކަމުގައި އުޅެން ޖެހުމެވެ. މީސްތަކުން ދަނީ އަޅުގަނޑުމެންގެ ވަށައިގެން ފާރުތައް ރާނަމުންނެވެ. އަދި ގައުމުތަކުން ދަނީ އެ ފާރުތަކުގެ ވަށައިގެން ފާރުތަކެއް ރާނަމުންނެވެ.

ކުރިމަގުގެ ރައީސެވެ؛ ސަރަހައްދީ އިންތަކުގެ ސަބަބުން ހުވަފެންތައް ނެތިދެ އެވެ. މީހުންގެ ހަށިގަނޑުން ފުރާނަ ވަކިވެގެން ދިއުމުގެ ކުރިން އެމީހުންގެ އުންމީދުތައް މަރުވެދާ ތަން ދުށީމެވެ. އެހެންވުމުން އެމީހުން ދިރިތިއްބަސް އެމީހުންގެ ހަށިގަނޑުގައި ފުރާނައެއް ނުހުރެ އެވެ.

ސީރިޔާގެ ހާލަތާ މެދު ދުނިޔޭގެ ސަމާލުކަން ހޯދުމަށް އިންޓަނެޓްގައި މަސައްކަތް ކުރަމުން އަންނަ އަބްދުލްއަޒީޒް ދުޚާން ޕޯސްޓް ކޮށްފައިވާ ފޮޓޯއެއް. --ފޮޓޯ: އަލް ޖަޒީރާ

ސީރިޔާގެ ހާލަތާ މެދު ދުނިޔޭގެ ސަމާލުކަން ހޯދުމަށް އިންޓަނެޓްގައި މަސައްކަތް ކުރަމުން އަންނަ އަބްދުލްއަޒީޒް ދުޚާން ޕޯސްޓް ކޮށްފައިވާ ފޮޓޯއެއް. --ފޮޓޯ: އަލް ޖަޒީރާ

ފަހަރެއްގައި މިއަދަކީ ރެފިއުޖީއެއްގެ ގޮތުގައި އަޅުގަނޑު ހުންނާނެ ފަހު ދުވަސް ކަންނޭނގެ އެވެ. އަދި ފަހަރެއްގައި މާދަމާ ދުނިޔޭގެ ކޮންމެވެސް އެހެން ތަނެއްގައި އަމާންކަން ލިބިދާނެ އެވެ. ފަހަރެއްގައި އަޅުގަނޑުގެ ލޯބިވާ ގައުމަށް އެނބުރި ގޮސް އާރާސްތު ކުރަން ފެށިދާނެ އެވެ. ފަހަރެއްގައި އިތުރު އެއް ދުވަހު ދިރި ހުރެވިދާނެ ކަމަށް އަޅުގަނޑަށް އުންމީދު ކުރެވިދާނެވެ.

ކުރިމަގުގެ ރައީސެވެ؛ އަޅުގަނޑުމެންގެ މި އަޑު ކޮންމެވެސް މީހަކަށް އިވޭނެ ކަމަށް އުންމީދު ކުރަމެވެ. އަދި މަނިކުފާނު މި އަޑު އައްސަވާނެ ކަމަށް އުންމީދު ކުރަމެވެ. (ތަރުޖަމާ: އަހްމަދު އަބްދުﷲ ސައީދު)

ނޯޓް: މިއީ، ސީރިޔާގެ ހާލަތާ މެދު ދުނިޔޭގެ ސަމާލުކަން ހޯދުމަށް "ތްރޫ ރެފިއުޖީ އައިޒް"ގެ ނަމުގައި ފޭސްބުކްގައި ފޮޓޯ ޕޭޖެއް ހިންގަމުން އަންނަ، އަބްދުލްއަޒީޒް ދުޚާން، އަލްޖަޒީރާގެ ވެބްސައިޓްގައި ޝާއިއުކޮށްފައިވާ ލިޔުމެއްގެ ދިވެހި ތަރުޖަމާ އެވެ.