Roadha Mihaaru
ސީރިއާއިން ދިވެހިން ގެންނަން 1.8 މިލިއަން ހަރަދުކުރި

ސީރިއާއިން ދިވެހިން ގެނައީ 1.8 މިލިއަން ރުފިޔާއަށް ޗާޓަރުކުރި ފްލައިޓެއްގައި: މިނިސްޓަރު

16 ޖެނުއަރީ 2024

ސީރިއާގެ ހަނގުރާމަ އަށް ދިޔަ ފަސް އާއިލާއެއްގެ 21 މީހުން ރާއްޖެ ގެނައީ ޗާޓަރު ފްލައިޓެއްގައި 1.8 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ސީރިއާގެ ހަނގުރާމަ އަށް ދިޔަ ފަސް އާއިލާއެއްގެ 21 މީހުން ރާއްޖެ ގެނައީ ޗާޓަރު ފްލައިޓެއްގައި 1.8 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

މިއަދު ބޭއްވި ޕްރެސް ކޮންފަރެންސަށް ނޫސްވެރިންނާ ވަކިން ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ އެ މީހުން ގެނައީ ތުރުކީ މަގުން މިއަދު ފަތިހު ކަމަށެވެ.

"ޗާޓާޑް ފްލައިޓެއްގައި އަޅުގަނޑުމެން ގެނައީ ގާތްގަނޑަކަށް 120،000 އެމެރިކާ ޑޮލަރަށް، [އެއީ 1,848,000ރ.] އަށް. އެއީ ދެކޮޅަށް ދިޔަ ހަރަދު،" މިނިސްޓަރު ވިދާޅުވި އެވެ.

މިއަދު ގެނައި 21 މީހުންގެ ތެރޭގައި ހިމެނެނީ 15 ކުޑަކުދިންނާއި ފަސް އަންހެނުންނާއި ފިރިހެނެކެވެ.

ހޯމް މިނިސްޓްރީގެ ޕްރެސް ކޮންފަރެންސްގައި މިނިސްޓަރު އިހުސާން ވާހަކަ ދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ / މިހާރު

ހޯމް މިނިސްޓްރީގެ ޕްރެސް ކޮންފަރެންސްގައި މިނިސްޓަރު އިހުސާން ވާހަކަ ދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ / މިހާރު

ޕްރެސް ކޮންފަރެންސްގައި މިނިސްޓަރު ވިދާޅުވީ ހަނގުރާމައަށް ގޮސް އަންނަ ހުރިހާ މީހުން ވެސް އަނބުރާ މުޖުތަމައުއަށް ނެރެން ކުރާ ހަރަދުތައް ވެސް ކުރާނީ ސަރުކާރުން ކަމަށެވެ.

"ރީ އިންޓަގްރޭޝަން ސެންޓަރު ހެދުމަށް ބޭރުގެ ބައެއް ޖަމާއަތްތަކުން އަޅުގަނޑުމެންނަށް ވަނީ އެހީތެރިކަން ފޯރުކޮށްދީފައި. ފަންނީ އެހީ ވެސް މާލީ އެހީ ވެސް. އެހެން ނަމަވެސް ރިކަރެންޓްކޮށް މި ދާ ހަރަދުތަކަކީ ދިވެހި ސަރުކާރުން ކުރާނެ ހަރަދުތައް. އެކްސްޕަޓީސް ބޭރުގެ އެކި ޖަމާއަތްތަކުން މިވަގުތު ވެސް ފޯރުކޮށްދެމުން ދަނީ،" އިހުސާން ވިދާޅުވި އެވެ.

"މިކަމަށް [ހަނގުރާމައަށް ގޮސްފައިވާ ދިވެހިން ގެނައުމަކީ] ދައުލަތަށް ބޮޑު ހަރަދެއް ނޫން. ދިވެހި އެއްވެސް ރައްޔިތަކީ ދައުލަތުން އަޅާނުލައި ދޫކޮށްލާނެ މީހެއް ނޫން."

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުންފުޅަކީ ދިވެހި ރައްޔިތަކަށް ލިބެން ޖެހޭ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މުޖުތަމައުގައި ބައިވެރިވާ މީހަކަށް ހެދުމަށް ކުރަންޖެހުނު ކޮންމެ ހަރަދެއް ދައުލަތުން ކުރެއްވުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.