Roadha Mihaaru
12 އަހަރު ފަހުން ހަނިމާދޫން 200 ގޯތި ދޫކޮށްފި

12 އަހަރު ފަހުން ހަނިމާދޫން 200 ގޯތި ދޫކޮށްފި

18 ޖެނުއަރީ 2023

ހދ. ހަނިމާދޫން އެންމެ ފަހުން ގޯތި ދޫކުރިތާ 12 އަހަރު ފަހުން، އެ ރަށުން 200 ގޯތިި ދޫކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ހދ. ހަނިމާދޫން އެންމެ ފަހުން ގޯތި ދޫކުރިތާ 12 އަހަރު ފަހުން، އެ ރަށުން 200 ގޯތިި ދޫކޮށްފި އެވެ.

ކައުންސިލުގެ ރައީސް އަބްދުއްސައްތާރު ހަސަން މިއަދު "މިހާރު" އަށް ވިދާޅުވީ ގޯއްޗަށް ކުރިމަތިލާން މިދިޔަ އަހަރުގެ ފެބްރުއަރީގައި ހުޅުވާލި ފުރުސަތުގައި 500 އަށް ވުރެ ގިނަ މީހުން ފޯމު ހުށަހެޅި ކަމަށެވެ.

ގޯއްޗަށް ކުރިމަތިލީ މީހުންގެ ތެރެއިން ޝަރުތު ހަމަވާ މީހުންގެ މެދުގައި ގުރުއަތު ނަގައިގެން 200 ގޯތި މިހާރު ދޫކޮށްފައިވާ ކަމަށް އަބްދުއްސައްތާރު ވިދާޅުވި އެވެ.

އެ ގޯތިތައް ދޫކުރީ އެ ރަށުގެ ރަސްމީ ބޯޅަދަނޑުގެ އިރުމަތީ ފަރާތުންނާއި ރަށަށް ހިޖުރަކުރި ހއ. ހަތިފުށީ މީހުން ދިރިއުޅޭ އަވަށުގެ އިރުމަތީ ފަރާތުންނާ އަދި އެ ރަށުގައި ފެކްޓަރީ ހިންގުމަށް ކުރިން ދޫކުރި ބިމުންނެވެ.

ހދ. ހަނިމާދޫ: އެ ރަށުން 200 ގޯތި ވަނީ ދޫކޮށްފައި -- ފޮޓޯ: ދި އެޑިޝަން

ހދ. ހަނިމާދޫ: އެ ރަށުން 200 ގޯތި ވަނީ ދޫކޮށްފައި -- ފޮޓޯ: ދި އެޑިޝަން

"އެ ގޯތިތައް ދޫކޮށް މިހާރު އިން ވަކިކުރުމާއި ރަޖިސްޓްރޭޝަންގެ މަސައްކަތް ފަށަން މި ތައްޔާރުވަނީ،" އަބްދުއްސައްތާރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، އެ ގޯތިތައް ދޫކުރުމުގެ ހުރިހާ މަސައްކަތެއް ނިމުމުން މި އަހަރު އިތުރު 200 ގޯތި ދޫކުރުމަށް ހުޅުވާލާނެ އެވެ. ހަނިމާދު އަށް ހިޖުރަކުރަން ބޭނުންވާ ގިނަ ބަޔަކު ވެސް އެބަތިބި ކަމަށާއި އެހެންވެ ދެން ގޯތިދޫކުރާއިރު އެކަމަށް ވެސް ވިސްނަވާނެ ކަމަށް އަބްދުއްސައްތާރު ވިދާޅުވި އެވެ.

އާބާދީގައި 2،000 އެއްހާ މީހުން ދިރިއުޅޭ ހަނިމާދުއަކީ ހދ. އަތޮޅުގައި އެންމެ ކުރިއަރާފައިވާ އެއް ރަށެވެ. އެ ރަށުގައި އިންޓަނޭޝަނަލް އެއާޕޯޓެއް ހިންގާއިރު ގެސްޓް ހައުސް ވިޔަފާރި ވެސް އަންނަނީ ފުޅާވަމުންނެވެ. ހަނިމާދޫ އެއާޕޯޓް ތަރައްގީ ކުރުމުގެ ބޮޑު މަޝްރޫއެއް ފަށަން ވެސް ސަރުކާރުން އަންނަނީ ތައްޔާރުވަމުންނެވެ.