Roadha Mihaaru
ހަނިމާދޫގައި އޭލެވެލް ކިޔަވާ ކުދިންނަށް އެލަވަންސެއް

ހަނިމާދޫގައި އޭލެވެލް ކިޔަވާ ކުދިންނަށް ކައުންސިލުން 2،000ރ. ގެ އެލަވަންސެއް ދެނީ

13 ޖުލައި 2023

ހދ. ހަނިމާދޫގައި އޭލެވެލް ކިޔަވާ ދަރިވަރުންނަށް މަހަކު 2،000ރ. ގެ އެލަވަންސެއް ދޭން ރަށު ކައުންސިލުން ނިންމައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ހދ. ހަނިމާދޫގައި އޭލެވެލް ކިޔަވާ ދަރިވަރުންނަށް މަހަކު 2،000ރ. ގެ އެލަވަންސެއް ދޭން ރަށު ކައުންސިލުން ނިންމައިފި އެވެ.

މީގެ އަހަރުތަކެއް ކުރިން އެ ރަށުގައި 11-12 ކިޔަވައިދޭން ފެށި ނަމަވެސް އޭލެވެލް އަށް ކިޔަވަން ބޭނުންވާ ދަރިވަރުން މަދުވުމުން ކިޔަވައިނުދެވި އެކަން އޮތީ ހުއްޓިފަ އެވެ.

އެ ރަށު ކައުންސިލް މެމްބަރަކު ވިދާޅުވީ އެލަވަންސް ދޭނީ އޭލެވެލް ކިޔަވަން ފަށާ ފުރަތަމަ 15 ކުދިންނަށް ކަމަށެވެ. މިގޮތަށް ނިންމީ އޭލެވެލް ކިޔަވައިދިނުން ހުއްޓިފައި އޮތުމުން އަލުން ކިޔެވުން ފެށޭނެ ގޮތް ހަދަން ކަމަށް މެންބަރު ވިދާޅުވި އެވެ.

"ގްރޭޑް 10 ނިންމާ ދަރިވަރުންގެ ތެރެއިން ވެސް ވަރަށް މަދު ކުއްޖަކު މި ބޭނުން ވަނީ 11-12 ކިޔަވަން. ކޮންމެ ކުއްޖަކު ވެސް ނިންމާފައި މި ހަދަނީ ކޯހެއް،" ކައުންސިލް މެންބަރު ވިދާޅުވި އެވެ.

އޭލެވެލް ކިޔަވަން ބޭނުންވާ ބައެއް ކުދިން ތިއްބަސް ކިޔަވައި ދިނުމަށް އެކަށީގެންވާ ވަރަށް ކުދިން ނުލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެލަވަންސް ދޭން ނިންމީ ދާއިމީ ގޮތެއްގައި އޭލެވެލްއަށް ކިޔަވައިދޭ ސްކޫލަކަށް އެ ރަށު ސްކޫލް ހަދަން ކަމަށެވެ.

"އެ އެލަވަންސް ދިނުމުގައި ހަނިމާދޫ ދަރިވަރެއް ނުވަތަ އެހެން ރަށެއްގެ ދަރިވަރެއް ތަފާތުކުރުމެއް ނޯންނާނެ. އެހެން ރަށްރަށުގެ ދަރިވަރުން ވެސް އޭލެވެލް ކިޔަވަން ހަނިމާދޫއަށް އާދެވޭނެ. އަޅުގަނޑުމެން މި ބަލަނީ ކައިރި ރަށްރަށުން ވެސް ކުދިން ގެނެސްގެން ވެސް ކިޔެވުން ފެށޭނެ ކަމަށް،" އެ މެމްބަރު ވިދާޅުވި އެވެ.

އޭލެވެލް ކިޔަވަން އަންނަ ކުދިން ކިޔަވައި ނިމެންދެން އެ އެލަވަންސް ދޭން ކައުންސިލުން ވަނީ ނިންމައިފަ އެވެ.

ކައުންސިލުން ބުނީ މިކަމަށް ކޮންމެ މަހަކަށް 30،000ރ. ކަނޑައަޅާފައިވާ ކަމަށާއި ކައުންސިލް ބަޖެޓުން އަހަރަކަށް 360،000ރ. ހަރަދު ވާނެ ކަމަށެވެ.