Roadha Mihaaru
ދަރިވަރުންގެ ޓީޓީގެ މައްސަލަ ހައްލުކުރާނަން: އެމްއެމްއޭ

ކިޔަވާ ކުދިންގެ ޓީޓީ މައްސަލަ ހައްލުކޮށްދޭން މަސައްކަތްކުރާނަން: އެމްއެމްއޭ

16 ޖެނުއަރީ 2023

ރާއްޖޭން ބޭރުގައި ކިޔަވާ ކުދިންނަށް ބޭރު ފައިސާ ފޮނުވުމުގައި ގެންގުޅޭ ޓެލެގްރެފިކް ޓްރާންސްފާ (ޓީޓީ) ފޮނުވުމުގައި ގެންގުޅޭ ލިމިޓަށް ބަދަލު ގެންނަން މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްއެމްއޭ އިން ބުނެފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ރާއްޖޭން ބޭރުގައި ކިޔަވާ ކުދިންނަށް ބޭރު ފައިސާ ފޮނުވުމުގައި ގެންގުޅޭ ޓެލެގްރެފިކް ޓްރާންސްފާ (ޓީޓީ) ފޮނުވުމުގައި ގެންގުޅޭ ލިމިޓަށް ބަދަލު ގެންނަން މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްއެމްއޭ އިން ބުނެފި އެވެ.

އެމްއެމްއޭ އިން ބުނީ ރާއްޖޭގެ ދަރިވަރުންނަށް ބޭނުންވާ ޑޮލަރު ލިބޭނެ ލުއިފަސޭހަ ގޮތެއް ހަމަޖެއްސުމުގެ މަސައްކަތް އެ އޮތޯރިޓީ އާއި ބޭންކްތަކާ ގުޅިގެން މިހާރު ކުރަމުން އަންނަ ކަމަށެވެ.

"މި ގެނެވޭ ބަދަލުގެ ސަބަބުން އެއްއެމްއޭ އިން ބޭންކްތައް މެދުވެރިކޮށް އާންމުންނަށް ފޯރުކޮށްދެމުން އަންނަ ޑޮލަރު ދިނުމުގައި ބޭންކްތަކުން އަމަލު ކުރަންޖެހޭނެ އުސޫލަށް އިސްލާހުތަކެއް ގެނެވި އަދި ލުއިފަސޭހަ ގޮތަކަށް ލިބޭނެ އިންތިޒާމެއް ހަމަޖެހިގެން ދާނެ،" މިހާރުން ކުރި ސުވާލަކަށް، މަރުކަޒީ ބޭންކުން ލިޔުމަކުން ފޮނުވި ޖަވާބުގައި ބުންޏެވެ.

އޭ ލެވެލް އިން ދަށް ގްރޭޑްތަކުގައި ކިޔަވާ ކުދިންގެ ކަންކަން ހަމަޖެއްސުމަށް ދިވެހި ފައިސާ މެދުވެރިކޮށް ބޭރަށް ފައިސާ ނުފޮނުވޭނެ ގޮތް މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން ރާއްޖޭގެ ބޭންކްތަކުން ވަނީ ހަދައިފަ އެވެ. އެ ގޮތަށް ނިންމީ މަރުކަޒީ ބޭންކް، އެމްއެމްއޭ އިން އެގޮތަށް ކަނޑައެޅުމުންނެވެ. އެހެންވެ، މިހާރު ޓީޓީ ފޮނުވޭނީ އޭ ލެވެލް އިން މައްޗަށް ކިޔަވާ ދަރިވަރުންނަށް އެކަންޏެވެ.

އެ ބަދަލާ ގުޅިގެން، ދަށް ގްރޭޑްތަކުގައި ކިޔަވާ ކުދިންނަށް ފައިސާ ފޮނުވަން ޖެހޭނީ ޑޮލަރުންނެވެ. ދަށް ގްރޭޑްތަކުގައި ކިޔަވާ ކުދިންގެ ސްކޫލުތަކުގެ ފީ އާއި ޓިއުޝަން ފީ އާއި ސްކޫލުގެ އެހެނިހެން ހަރަދަށް ބޭނުންވާ ފައިސާ ރާއްޖެ އިން ފޮނުވަން ޖެހޭނީ އެ ބަޔަކު އަމިއްލަ އަށް ޑޮލަރު ހޯދައިގެންނެވެ. މިކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ވެސް ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

އެނގިފައިވާ ގޮތުގައި އަލަށް ގެންނަ ބަދަލުތަކާ އެކު ދަށް ގްރޭޑްތަކުގައި ކިޔަވަމުން އަންނަ ކުދިންނަށް ބޭނުންވާ ފައިސާ ވެސް ވަކި ކަންތައްތަކެއް ފުރިހަމަވާ ނަމަ ބޭންކްތަކުން ޓީޓީ ފޮނުވޭނެ އެވެ.

މަރުކަޒީ ބޭންކުން އެހެން ބުނެފައިވާ އިރު މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި، ބީއެމްއެލްގެ 40 ވަނަ އަހަރީ ދުވަހުގެ ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ ކިޔަވާ ކުދިންނަށް ފައިސާ ފޮނުވުމުގައި ގެނައި ބަދަލުތަކާ ގުޅިގެން ބެލެނިވެރިންގެ ޝަކުވާތައް އެބަހުރި ކަމަށާއި އެކަން ހައްލުކޮށްދޭ އެދިވަޑައިގެންފަ އެވެެ.