Roadha Mihaaru
ފިޔޯރީ ސްކޫލުގެ އިމާރާތެއްގައި ރޯވެ އަނދަނީ!

ފިޔޯރީ ސްކޫލުގެ އިމާރާތެއްގައި ރޯވެ އަނދަނީ!

08 ޖެނުއަރީ 2023

ގދ. ފިޔޯރީ ސްކޫލުގެ އިމާރާތެއްގައި މިއަދު ހަވީރު ރޯވެއްޖެ އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ގދ. ފިޔޯރީ ސްކޫލުގެ އިމާރާތެއްގައި މިއަދު ހަވީރު ރޯވެއްޖެ އެވެ.

އެ ސްކޫލު ހިންގުމާ ހަވާލުވެ ހުންނެވި މުހައްމަދު އިގްބާލް "މިހާރު" ވިދާޅުވީ އެ ހާދިސާ ހިނގީ ކަރަންޓު ޝޯޓެއް ވެގެން ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ، އަލިފާން ރޯވީ ސްކޫލު ބަންދު ކޮށްފައި ހުރި ވަގުތެއްގައި ކަމަށާއި އެހެންވެ އެއްވެސް މީހަކަށް ގެއްލުމެއް ނުވާ ކަމަށެވެ.

އިގްބާލް ވިދާޅުވީ އެއީ އެ ސްކޫލުގެ ބާ އިމާރާތް ކަމަށް ވިޔަސް ތިން ގްރޭޑެއްގެ ކުދިންގެ ކިޔެވުމަށް އެ ތަން ބޭނުންކުރާ ކަމަށެވެ.

ފިޔޯރީ ސްކޫލުގައި 180 އަށް ވުރެ ގިނަ ކުދިން ކިޔަވަމުން އަންނައިރު، އެ ސްކޫލުގެ ޖަލްސާ ތަކާއި އެހެނިހެން ހަފުލާތައް ވެސް ބާއްވަނީ އެ ތަނުގައި ކަމަށް އިގްބާލް ވިދާޅުވި އެވެ.

ފިޔޯރީ ސްކޫލުގައި މިއަދު ހަވީރު ރޯވެ އަނދަނީ.--

ފިޔޯރީ ސްކޫލުގައި މިއަދު ހަވީރު ރޯވެ އަނދަނީ.--

"މިހާރު އެ އިމާރާތް އެއްކޮށް އަނދައި އަޅިއަށް ވެއްޖެ. އަލިފާން ކޮންޓްރޯލް ނުކުރެވޭތީ ފާރުތައް ވެސް ވެއްޓެނީ،" އޭނާ ވިދާޅުވި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން މީޑިއާ އަށް ފޮނުވި މެސެޖެއްގައިވާ ގޮތުން އަލިފާން ރޯވި އިމާރާތުގައި ފަސް ކްލާސް ރޫމެއް ހުރެ އެވެ.

"...އަދި އެ ތަނުން ތިން ކްލާސް ރޫމްގައި ކުދިން ކިޔަވާ،" މިނިސްޓްރީން ބުންޏެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނިގޮތުގައި، ފިޔޯރީ ސްކޫލުގައި ކިޔެވުން ހުއްޓާނުލައި ކުރިއަށް ގެންދެވޭނެ އިންތިޒާމުތައް އެ މިނިސްޓްރީ އާއި ސްކޫލާ ގުޅިގެން އަންނަނީ ހަމަޖައްސަމުންނެވެ.

"އަދި އެމްއެންޑީއެފާއި ފުލުހުންގެ އެހީތެރިކަމާއެކު އަލިފާން ނިއްވުމާއި އަލިފާނުގެ ހާދިސާ ހިނގި ސަބަބު ދަނީ ބަލަމުން،" މިނިސްޓްރީގެ މެސެގުގައި ވެ އެވެ.

އެމްއެންޑީއެފުން ދެންމެ ބުނީ ފިޔޯރީގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ގދ. ތިނަދޫ ފަޔާ ސްޓޭޝަނުން އެ ރަށަށް ދިޔުމަށް މިހާރު އަންނަނީ ތައްޔާރުވަމުން ކަމަށެވެ. އެ ރަށަށް ދިޔުމަށް ގާތްގަނޑަކަށް 45 މިނެޓް ނަގާނެ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެކި ރަށްރަށުގައި މިފަދަ އަލިފާނުގެ ހާދިސާތައް މިދިޔަ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ގިނަ ކަން ފާހަގަކުރެވެ އެވެ. ރ. އަލިފުށީގެ ކުނިގޮނޑުގައި ހުރި ފައިބަރުތަކެއްގައި ވެސް އިއްޔެ ރޯވި އެވެ.