Roadha Mihaaru
ފުޓްބޯޅަ ލެޖެންޑް ޕެލޭ މަރުވެއްޖެ

އުމުރުން 82 އަހަރުގައި ފުޓްބޯޅަ ލެޖެންޑް ޕެލޭ މަރުވެއްޖެ

30 ޑިސެމްބަރ 2022

ސައޮ ޕޯލާ (ޑިސެމްބަރު 30) - ފުޓްބޯޅަ ލެޖެންޑް ޕެލޭ ކެންސަރު ބަލީގައި މިރޭ މަރުވެއްޖެ އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ސައޮ ޕޯލާ (ޑިސެމްބަރު 30) - ފުޓްބޯޅަ ލެޖެންޑް ޕެލޭ ކެންސަރު ބަލީގައި މިރޭ މަރުވެއްޖެ އެވެ.

އުމުރުން 82 އަހަރުގައި ޕެލޭ ދިޔައީ ކެންސަރު ބައްޔާ ހަނގުރާމަ ކުރަމުންނެވެ. އޭނާގެ ބޮޑު ގޮހޮރަށް މިދިޔަ އަހަރު ޖެހުނު ކެންސަރު ބަލީގައި ނުރައްކާތެރި މަރުހަލާ އަކަށް ވާސިލުވުމުން، މިދިޔަ ތިން ހަފުތާގައި ފަރުވާ ދިނީ ހޮސްޕިޓަލްގެ ކްރިޓިކަލް ކެއާގައި ބާއްވައިގެންނެވެ. ބޮޑު ގޮހޮރުގައި އުފެދުނު ޓިއުމަރެއް ވެސް މިދިޔަ އަހަރު ނެގި އެވެ.

ޕެލޭ އަށް ފަރުވާ ދެމުން ދިޔަ ސައޮ ޕޯލޯގެ އަލްބަޓް އެއިންސްޓައިން ހޮސްޕިޓަލުން މި މަހުގެ އެއްވަނަ ދުވަހު ބުނީ ކީމޯ ތެރަޕީ ދީގެން ވެސް ޕެލޭގެ ކެންސަރުގެ ވޭން ކުޑަ ނުކުރެވޭ ކަމަށެވެ. އޭގެ އެއް ދުވަސް ފަހުން ޕެލޭގެ ސޯޝަލް މީޑިއާ އެކައުންޓްތަކުން ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ ކެންސަރާ ދެކޮޅަށް ހަނގުރާމަ ކުރަމުން ދަނީ "ވަރުގަދަކޮށް" ކަމަށެވެ.

މެކްސިކޯގައި 1970 ގައި ބޭއްވި ވޯލްޑް ކަޕުގައި އިންގްލެންޑާ ދެކޮޅަށް ބްރެޒިލް ކުޅުނު މެޗުގައި އިންގްލެންޑްގެ ޑިފެންޑަރުން ކައިރިން ނައްޓާލުމަށް ފަހު ޕެލޭ ބޯޅަ ހިފައިގެން ދަނީ: އުމުރުން 82 އަހަރުގައި މިރޭ ޕެލޭ ވަނީ މަރުވެފަ --- ފައިލް ފޮޓޯ: އޭޕީ

މެކްސިކޯގައި 1970 ގައި ބޭއްވި ވޯލްޑް ކަޕުގައި އިންގްލެންޑާ ދެކޮޅަށް ބްރެޒިލް ކުޅުނު މެޗުގައި އިންގްލެންޑްގެ ޑިފެންޑަރުން ކައިރިން ނައްޓާލުމަށް ފަހު ޕެލޭ ބޯޅަ ހިފައިގެން ދަނީ: އުމުރުން 82 އަހަރުގައި މިރޭ ޕެލޭ ވަނީ މަރުވެފަ --- ފައިލް ފޮޓޯ: އޭޕީ

އޭނާގެ ހާލަތު މިދިޔަ ހަފުތާގައި ގޯސްވުމުން ދަރިންނާއި އާއިލާ ހޮސްޕިޓަލަށް ޖަމާވާން ފެށި އެވެ. އޭގެ ފަހުން އޭނާގެ ހާލަތު ދުވަހުން ދުވަހަށް ހާމަކުރުން ހޮސްޕިޓަލުން ހުއްޓާލި އެވެ.

މީގެ ކުރިން ޕެލޭ ވަނީ ނޮވެމްބަރު 2012 ގައި އޮޕަރޭޝަނެއްކޮށް، އުނަގަނޑު ބަދަލުކޮށްފަ އެވެ، އޭގެ ފަހުން ކުޑަކަމުދާ ނިޒާމުގެ އިންފެކްޝަނެއް އުފެދި ކިޑްނީގެ އޮޕަރޭޝަނެއް ކުރުމަށް ފަހު ކިޑްނީގައި އުފެދިފައިވާ ހިލަކޮޅުތަކެއް ވެސް ނެގި އެވެ.

މިދިޔަ ހަތަރު އަހަރުގެ ތެރޭގައި އާންމުންގެ ތެރެއަށް ނުކުމެ އުޅުން ޕެލޭ ގާތްގަނޑަކަށް ހުއްޓާލި އެވެ. ފެބްރުއަރީ 2020 ގައި އޭނާ ހިމެނޭ ރަމްޒެއް އިފުތިތާހު ކުރަން ބޭއްވި ހަފުލާގައި ވެސް ބައިވެރިއެއް ނުވެ އެވެ. އާންމުންގެ ތެރެއަށް ނުކުމެ އުޅުން ޕެލޭ މަދު ކުރީ ހިނގައިބިނގާވެ އުޅުމަށް ދަތިވުމުންނެވެ. ތަންތަނަށް ދިއުމަށް އަސާ އަދި ފުރޮޅުލީ ގޮނޑީގެ އެހީ ޕެލޭ އޭރު ވެސް ހޯދަ އެވެ.

ބްރެޒިލުން ހޯދި ވޯލްޑް ކަޕްގެ ފަސް ތަށީގެ ތެރެއިން ތިން ތަށި ހޯދައިދިން ޕެލޭ، ގިނަ ބަޔަކު ސިފަ ކުރަނީ ފުޓްބޯޅައިގެ ތާރީހުގައި އުފެއްދި އެންމެ މޮޅު ކުޅުންތެރިޔާގެ ގޮތުގަ އެވެ. ސްވިޑެން ގައި 1958 ގައި ބޭއްވި ވޯލްޑް ކަޕްގައި ބްރެޒިލްގެ ޓީމަށް އޭނާ ކުޅުނު އިރު އުމުރަކީ 17 އަހަރެވެ. އެ އަހަރު ބްރެޒިލަށް އެ މުބާރާތް ކާމިޔާބުކޮށްދީ، ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދި އެންމެ ޒުވާން ކުޅުންތެރިޔާގެ ރެކޯޑް ވެސް އޭނާ ވަނީ ހަދައިފަ އެވެ. އެއީ ޕެލޭގެ ރެކޯޑްތަކުގެ ތެރެއިން އަދި ވެސް މުގުރާ ނުލެވި އޮތް އެންމެ ހާއްސަ ރެކޯޑެވެ.

ޕެލޭ ދެއްކި އާދަޔާ ހިލާފު މޮޅު ކުޅުމާއި ހޯދި ކާމިޔާބުތަކާ އެކު، 20 ވަނަ ގަރުނުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑް ފީފާ އިން ވަނީ އޭނާ އަށް ދީފަ އެވެ. މަޝްހޫރު "ޓައިމް" މެގަޒިން އާންމު ކުރި 20 ވަނަ ގަރުނުގެ އެންމެ ނުފޫޒުގަދަ ޝަހުސިއްޔަތުންގެ ތެރޭގައި ޕެލޭ ހިމެނެ އެވެ.

މެކްސިކޯގައި 1970 ގައި ބޭއްވި ވޯލްޑް ކަޕް ކާމިޔާބު ކުރުމަށް ފަހު ޕެލޭ އުފާފާޅު ކުރަނީ: ގިނަ ބަޔަކު ޕެލޭ ސިފަ ކުރަނީ ފުޓްބޯޅައިގައި އުފެއްދި އެންމެ މޮޅު ކުޅުންތެރިޔާގެ ގޮތުގައި --- ފައިލް ފޮޓޯ: ގެޓީ އިމޭޖަސް

މެކްސިކޯގައި 1970 ގައި ބޭއްވި ވޯލްޑް ކަޕް ކާމިޔާބު ކުރުމަށް ފަހު ޕެލޭ އުފާފާޅު ކުރަނީ: ގިނަ ބަޔަކު ޕެލޭ ސިފަ ކުރަނީ ފުޓްބޯޅައިގައި އުފެއްދި އެންމެ މޮޅު ކުޅުންތެރިޔާގެ ގޮތުގައި --- ފައިލް ފޮޓޯ: ގެޓީ އިމޭޖަސް

ބްރެޒިލްގެ ގައުމީ ޓީމަށް ކުޅުނު 92 މެޗުގައި ޕެލޭ 77 ލަނޑު ޖެހި އެވެ. އެހެން ކުޅުންތެރިޔަކު އެ ރެކޯޑާ ހަމަހަމަ ކުރަން ވެސް ބައި ގަރުނަށް ވުރެ ދިގު މުއްދަތެއް ހޭދަވި އެވެ. ނިމިދިޔަ ވޯލްޑް ކަޕުގައި ބްރެޒިލްގެ މިހާރުގެ ފޯވާޑް ނޭމާ ވަނީ ޕެލޭގެ އެ ރެކޯޑާ އެއްވަރުކޮށްފަ އެވެ.

ޕެލޭގެ ބޮޑު ހިއްސާއާއެކު ބްރެޒިލް ވަނީ 1958 ގެ އިތުރުން 1962 އަދި 1970 ގެ ވޯލްޑް ކަޕް ވެސް ކާމިޔާބުކޮށްފަ އެވެ.

މެކްސިކޯގައި 1970 ގެ ވޯލްޑް ކަޕް ބްރެޒިލަށް ހޯދައި ދިން ކޯޗު ޔޯއާއޯ ސަލްޑަންހާ ބުނެފައި ވަނި ޕެލޭ އަކީ ދަނޑުގެ ހުރިހާ މަގާމަކަށް ކުޅެވޭ ފެންވަރުގެ ކުޅުންތެރިއެއް ކަމަށެވެ. އެ ފެންވަރުގެ ކުޅުންތެރިއަކަށް ދުނިޔޭގައި ހުރީ ހަމައެކަނި ކުޅުންތެރިއަކީ ޕެލޭ ކަމަށް ސަލްޑަންހާ ބުނެފައި ވެ އެވެ.

"ބްރެޒިލްގެ އެންމެ މޮޅު ކަނާތު ބެކަކީ ކާކުތޯ ސުވާލުކޮށްފި ނަމަ އަހަރެން ބުނާނީ ޕެލޭ އޭ. އެންމެ މޮޅު ވާތު ބެކް ނުވަތަ އެންމެ މިޑްފީލްޑް ކުޅުންތެރިޔާގެ ވާހަކަ، ނުވަތަ އެންމެ މޮޅު ސެންޓަ ފޯވާޑާ ބެހޭ ގޮތުން އަހަރެންނާ ސުވާލު ކުރޭ އަބަދުވެސް. އަހަރެން ބުނަން ޖެހޭނީ އެއީ ޕެލޭ ކަމުގައި،" 1990 ގައި މަރުވި ސަލްޑަންހާ ބުނެފައި ވެ އެވެ. "އޭނާ ކީޕަރަކަށް ވާން ބޭނުން ނަމަ ވެސް އެކަން ކުރާނެ. އެ ހުރިހާ ކަން ކުރެވޭނެ ފެންވަރުގެ ހުރީ އެންމެ ކުޅުންތެރިޔެއް. އެއީ ޕެލޭ."

މެދުކެނޑުމަކަށް ފަހު ބްރެޒިލްގެ ރައީސް ކަމަށް ތިންވަނަ ދައުރަކަށް އިންތިހާބުވި ލުއިޒް އިނާސިއޯ ލޫލާ ޑަ ސިލްވާ ވިދާޅުވީ ބްރެޒިލްގެ ޒުވާން ޖީލަށް ނުލިބުނު ޝަރަފެއް އޭނާ އަށް ލިބިވަޑައިގެންފައިވާ ކަމަށެވެ.

އަހަރެންނަށް ފެނުނީ ޕެލޭ ކުޅުނުތަން، ހަމަލޮލަށް. ޕަކައެމްބޫ [ސްޓޭޑިއަމް] އާއި މޮރޫމްބީ [ސްޓޭޑިއަމް] ގައި އޭނާ ކުޅެނު. އަހަންނަށް ފެނުނީ އޭނާ ކުޅުނު މަންޒަރު އެކަންޏެއް ނޫން – އަހަރެންނަށް ފެނުނީ ޕެލޭގެ ޖާދޫއެއްފަދަ ކުޅުން،" އާދިއްތަ ދުވަހު ބްރެޒިލްގެ ރައީސް ކަމުގެ ހުވާ ތިންވަނަ ފަހަރަށް ކުރައްވަން ތައްޔާރުވެގެން ހުންނެވި ލޫލާ، 77، ވިދާޅުވި އެވެ. “އެހެން ކަމުން ބޯޅަ ލިބުމުން އަބަދުވެސް ހާއްސަ ކަމެއް ކުރޭ. ބޯޅަ ލިބުނީމަ ގިނަ ފަހަރަށް ނިންމާނީ ލަނޑަކުން."