Roadha Mihaaru
މިސްކިތް ބިނާކުރާ ފަންޑަށް މިލިއަނަކަށް ވުރެ ގިނަ ރުފިޔާ

އޮސްޓްރޭލިއާގައި މިސްކިތް ބިނާކުރަން ހެދި ފަންޑަށް ދެ މަސް ދުވަހުން މިލިއަނަކަށް ވުރެ ގިނަ ރުފިޔާ

29 ޖޫން 2022

ކެންސަރުގައި ނިޔާވި ފިރިމީހާ، އަހުމަދު އަލީމްގެ ހަނދާނުގައި އޮސްޓްރޭލިއާގައި މިސްކިތް އިމާރާތްކުރަން އޭނާގެ އަންހެނުން ނަބީލާ ޝިހާބު އިސްވެ ހެދި ފަންޑަށް, ދެ މަސް ދުވަހުގެ ތެރޭގައި މިލިއަނަކަށް ވުރެ ގިނަ ރުފިޔާ ލިބިއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކެންސަރުގައި ނިޔާވި ފިރިމީހާ، އަހުމަދު އަލީމްގެ ހަނދާނުގައި އޮސްޓްރޭލިއާގައި މިސްކިތް އިމާރާތްކުރަން އޭނާގެ އަންހެނުން ނަބީލާ ޝިހާބު އިސްވެ ހެދި ފަންޑަށް, ދެ މަސް ދުވަހުގެ ތެރޭގައި މިލިއަނަކަށް ވުރެ ގިނަ ރުފިޔާ ލިބިއްޖެ އެވެ.

އެ ފަންޑަށް ފައިސާ ހޯދުމަށް، އެ އާއިލާ ދިރިއުޅެމުން އަންނަ ޕާތު ސިޓީ އަދި ހުޅުމާލޭގައި ވެސް އެކި ހަރަކާތްތައް ބާއްވާފައިވެ އެވެ.

މި މަހުގެ ތެރޭގައި ހުޅުމާލޭގައި ބޭއްވި ފަންޑް ރައިޒިން އިވެންޓްގައި ތަފާތު އެކި އެއްޗެހި ވިއްކައިގެންނާއި އާއްމުންގެ ޑޮނޭޝަނުން 25,000ރ. ވަނީ ލިބިފަ އެވެ. ޕާތުގައި ބޭއްވި ހަރަކާޓުން ރާއްޖޭގެ 6,300ރ. ލިބިފައިވެ އެވެ.

ނަބީލާ ބުނީ ޕާތުގައި މީގެ ކުރިން ބޭއްވި ހަރަކާތްތަކުން ވެސް ބޮޑު ތަރުހީބެއް ލިބުނު ކަމަށެވެ. އަދި އެ ހަރަކާތްތަކާއި ގޯފަންޑްމީ މެދުވެރިކޮށް މިހާތަނަށް 1.2 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށް އޭނާ ބުންޏެވެ.

އަލީމްގެ ދެމަފިރިން، އެ މީހުންގެ ދަރިފުޅާއެކު ފޮޓޯއަކަށް ހުއްޓިލައިގެން.

އަލީމްގެ ދެމަފިރިން، އެ މީހުންގެ ދަރިފުޅާއެކު ފޮޓޯއަކަށް ހުއްޓިލައިގެން.

އެ ފައުންޑޭޝަނުން މަސައްކަތް ކުރަމުން އަންނަނީ ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި 30 މިލިއަން ރުފިޔާ އެއްކޮށް މިސްކިތާއި ހިނަވާގެއެއް އަދި އެ ތަނުގައި ފަގީރުންނަށް ކާންދިނުމަށް ސޫޕް ކިޗަންނެއް ހެދުމަށެވެ.

ގއ. ކޮލަމާފުއްޓަށް އުފަން އަލީމްގެ ކަށުނަމާދު ކޮށްފައިވަނީ އޭނާގެ ވެސް ބައިވެރިވުމާއެކު ބިނާކުރި މިސްކިތެއްގަ އެވެ. ފުލުހުންގެ ހިދުމަތުގައި 17 އަހަރު އަދި ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓްގެ ހެޑަކަށް މަސައްކަތްކުރުމަށް ފަހު އަލީމް, 45, އޮސްޓްރޭލިއާއަށް ބަދަލުވީ މީގެ 12 ވަރަކަށް އަހަރު ކުރިން މަތީ ތައުލީމް ހާސިލްކުރުމަށެވެ. އެއަށްފަހު, ނަބީލާއާ ބައްދަލުވެ މީގެ 10 އަހަރުކުރިން ކުރި ކައިވެންޏަށް ދެ އަންހެން ކުދިން ލިބިފައިވެ އެވެ.

އަލީމް ފައުންޑޭޝަންގެ ހަރަކާތަށް ފައިސާ ހޯދުމަށް، އޭނާގެ ދެ ކުދިން ބައިވެރިވަނީ.-

އަލީމް ފައުންޑޭޝަންގެ ހަރަކާތަށް ފައިސާ ހޯދުމަށް، އޭނާގެ ދެ ކުދިން ބައިވެރިވަނީ.-

ނަބީލާ ބުނީ އަލީމަށް ބައިލް ޑަކްޓް ކެންސަރު ޖެހިފައިވާކަން މިދިޔަ ޖެނުއަރީ 14 ގައި އެނގުމާ ހަމައަށް ވެސް އޭނާގެ ސިއްހީ މައްސަލައެއް ނެތް ކަމަށެވެ. އުޅެމުން ދިޔައީ ވަރަށް ހަރަކާތްތެރި ދިރިއުޅުމެއް ކަމަށް ނަބީލާ ބުންޏެވެ.

އޭނާ ނިޔާވީ މިދިޔަ މިދިޔަ އޭޕްރީލް 15 ވަނަ ދުވަހެވެ.

އަލީމް ފައުންޑޭޝަނަށް އެހީތެރިކަން ދިނުމަށް ހަދާފައިވާ ގޯފަންޑްމީ ލިންޑް.

"ކެންސަރު ޖެހިފައި ހުރިކަން އެނގުނުއިރު ހުރީ ސްޓޭޖް ހަތަރެއް ވެސް ފަހަނަ އަޅާފައި އަސްލު. އެ ސްޓޭޖްގައި ވެސް ކޮންމެ ވެސް ވަރަކަށް ޓްރީޓްކުރެވޭނެ. އެކަމަކު އަލީމް ދުނިޔޭގައި ހުންނާނެ ކަމަށް ދިނީ 4-18 މަސް ދުވަހުގެ މުއްދަތެއް. އެންމެ ފުރަތަމަ ދެއްކި ކެންސަރު ޑޮކްޓަރު ވިދާޅުވީ އެ ކެންސަރަށް ފަރުވާ ނުދެވޭނެ ކަމަށް،" އޮސްޓްރޭލިއާ ހޮސްޕިޓަލެއްގައި ނަރުހަކަށް މަސައްކަތްކުރާ ނަބީލާ ބުންޏެވެ.

"ދެ ދުވަސް ވަންދެން ބަނޑުގައި ރިއްސާތީ އުޅެފައި ޑޮކްޓަރަށް ދެއްކީ. އޭގެ ކުރިން ފުޓްބޯޅަ ކުޅެ، ހަފުތާއަކު 3-4 ފަހަރު ދުވާނެ."