Roadha Mihaaru
ކެންސަރުގައި 2020 ގައި 100 އަށްވުރެ ގިނަ މަރު!

ކެންސަރުގައި 2020 ވަނަ އަހަރު 100 އަށް ވުރެ ގިނަ މަރު!

18 މާޗް 2022

ކެންސަރުގެ އެކި ބަލިތަކުގައި އެކަނިވެސް 2020 ވަނަ އަހަރު ރާއްޖެ އިން 100 އަށް ވުރެ ގިނަ މީހުން މަރުވި ކަމަށް ހެލްތު މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކެންސަރުގެ އެކި ބަލިތަކުގައި އެކަނިވެސް 2020 ވަނަ އަހަރު ރާއްޖެ އިން 100 އަށް ވުރެ ގިނަ މީހުން މަރުވި ކަމަށް ހެލްތު މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

އެ މިނިސްޓްރީން މިދިޔަ މަހުގެ ފަހުކޮޅު ނެރުނު ތަފާސްހިސާބު ރިޕޯޓުގައި ވަނީ ގައިންގަޔަށް ނާރާ ބަލިތަކާއި އެ ބަލިތަކަށް ފަރުވާ ދިން މީހުންގެ އަދަދު އަދި އެ ބަލިތަކުގައި މަރުވި މީހުންނާއި ރާއްޖޭގެ ސިއްހީ ދާއިރާގެ ހާލަތު ވަރަށް ރަނގަޅަށް ކިޔައިދީފަ އެވެ.

އެ މައުލޫމާތުތަކުން، ރާއްޖޭގައި ކެންސަރު ބަލި ގޯސްވެފައިވާ މިންވަރު ވަރަށް ރަނގަޅަށް އެނގިގެންދެ އެވެ.

ރިޕޯޓުގައި ބުނީ ކެންސަރަކީ ގައިންގަޔަށް ނާރާ ބަލިތަކުގެ ތެރެއިން ތިން ވަނައަށް އެންމެ ގިނަ މީހުން މަރުވި ބަލި ކަމަށެވެ.

ކެންސަރުގެ އެކި ބަލިތަކުގައި 2020 ވަނަ އަހަރު 125 މީހުން މަރުވި އެވެ. އެއީ 50 އަންހެނުންނާއި 75 ފިރިހެނުންނެވެ.

މާލެ އާއި ރާއްޖޭން ބޭރުގައި މަރުވި މީހުން ނުލައި، ކެންސަރުގައި އެންމެ ގިނަ މީހުން މަރުވީ ހދ، ގދ، އަދި އައްޑު އަތޮޅުގަ އެވެ. އައްޑޫގެ އެކި ރަށްރަށުން ކެންސަރުގައި 10 މީހުން މަރުވިއިރު ހދ. އަތޮޅުން ހަތް މީހުން އަދި ގދ. އަތޮޅުގެ ރަށްތަކުން ހަތަރު މީހުން އެ ބަލީގައި މަރުވި އެވެ.

ރިޕޯޓުގައިވާ ގޮތުން، ކެންސަރުގައި އެންމެ ގިނައިން މަރުވީ 72-89 އަހަރާ ދެމެދު އުމުރުގެ މީހުންނެވެ. އެ އުމުރުގެ 55 މީހަކާއި 54-71 އަހަރާ ދެމެދުގެ ކެޓަގަރީން 47 މީހަކު ވަނީ 2020 ވަނަ އަހަރު ކެންސަރުގައި މަރުވެފަ އެވެ.

އެ ބަލީގައި މަރުވި މީހުންގެ އަދަދު 36-53 އުމުރު ކެޓަގަރީގައި ހުރީ 16 ގަ އެވެ.

ގިނަ ފިރިހެނުން މަރުވީ ފުއްޕާމެ އާއި ފުރަމޭގެ ކެންސަރުގައި

މިނިސްްޓްރީން ހާމަކުރި މައުލޫމާތުގައި ބުނީ 2020 ވަނަ އަހަރު ފިރިހެނުން އެންމެ ގިނައިން މަަރުވީ ފުއްޕާމެއާ ލިވާ (ފުރަމޭ) ގެ ކެންސަރުގައި ކަމަށެވެ. އެ ދެ ބާވަތުގެ ކެންސަރުގައި ވެސް 17 މީހުން މަރުވި ކަމަށެވެ. އެހެނިހެން ކެންސަރުތަކުގައި 16 މީހުން މަރުވި އެވެ.

ޕްރޮސްޓްރޭޓް (ޖިންސީ ގުނަވަނަށް ޖެހޭ) ކެންސަރުގައި ހަ މީހަކާއި ޕެންކްރިއޭޓިކް ކެންސަރުގައި ފަސް މީހަކު މަރުވި އެވެ.

އަންހެނުންނަށް ނުރައްކާ ބޮޑީ އުރަމަތީގެ ކެންސަރުގައި

އުރަމަތީގެ ކެންސަރުގައި 2020 ވަނަ އަހަރު 11 އަންހެނުން މަރުވި އެވެ. ކެންސަރުގެ އެހެނިހެން ވައްތަރުތަކުގައި ނުވަ މީހަކާއި ފުރަމޭ ކެންސަރުގައި އެ އަހަރު އަށް މީހުން މަރުވި އެވެ.

އަނގައިގެ ކެންސަރުގައި ހަތް މީހަކު އަދި ލިމްފޮމަސް ކެންސަރުގައި ހަތަރު މީހުން މަރުވި އެވެ.

ކެންސަރަށް ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދު އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވަމުންދާތީ، ސަރުކާރުން ވަނީ އެ ބައްޔަށް ހާއްސަ ހޮސްޕިޓަލެއް އަޅަން ނިންމައިފަ އެވެ. ލ. ގަމުގައި އަޅާ ހޮސްޕިޓަލް ބޭނުންކުރަން ފެށުމުން، ކެންސަރު ބައްޔަށް ފަރުވާ ހޯދުމަށް ރާއްޖެއިން ބޭރަށް ދާން ނުޖެހޭނެ ކަމަށް ވެސް މިނިސްޓްރީން ބުނެ އެވެ.