Roadha Mihaaru
ކެންސަރު ހޮސްޕިޓަލްގެ މަސައްކަތް ފެށޭނީ އަންނަ އަހަރު

ކެންސަރު ހޮސްޕިޓަލްގެ އަމަލީ މަސައްކަތް ފެށޭނީ އަންނަ އަހަރު: ރައީސް އޮފީސް

21 ޑިސެމްބަރ 2022

ކެންސަރު ހޮސްޕިޓަލްގެ އަމަލީ މަސައްކަތް އަންނަ އަހަރުގެ ތެރޭގައި ފެށޭނެ ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކެންސަރު ހޮސްޕިޓަލްގެ އަމަލީ މަސައްކަތް އަންނަ އަހަރުގެ ތެރޭގައި ފެށޭނެ ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.

އެ އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ އިންޑިއާ ސަރުކާރުގެ އެހީގައި ލ. ގަމުގައި ހަދާ ހޮސްޕިޓަލްގެ ޑީޓެއިލްޑް ޕްރޮޖެކްޓް ރިވިއު ހަދަން މިދިޔަ މަހު ފަށާފައިވާ ކަމަށެވެ. އެ މަސައްކަތް ނިމުމުން އެހެން މަރުހަލާތައް ފަށައި، އަންނަ އަހަރު އަމަލީ މަސައްކަތް ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޑީޕީއާރް ހަދަން ހަވާލުކުރީ ފީސިބިލިޓީ ހެދުމަށްފަހު. މި ކަހަލަ ޕްރޮޖެކްޓެއް ހިންގާއިރު ވަރަށް ގިނަ ދިރާސާތަކެއް ހެދުމަށްފަހު، މި ކަހަލަ އެތަކެއް މަރުހަލާތަކެއް ނިމުނީމަ ޕްރޮޖެކްޓްގެ އަމަލީ މަސައްކަތް ފެށޭނީ." މިއުވާން ވިދާޅުވި އެވެ.

ގަމު ކައުންސިލަރުންނާ އެކު ނޮވެމްބަރު 20، 2021 ގައި ބޭއްވި ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައި ވަނީ ގަމުގައި އިމާރާތްކުރަން ނިންމާފައިވާ ކެންސަރު ހޮސްޕިޓަލާއި ޓާޝަރީ ހޮސްޕިޓަލުގެ އަމަލީ މަސައްކަތް މި އަހަރު ފެށޭނެ ކަމަށެވެ.

އެކަމަކު، އަމަލީ މަސައްކަތް ނުފެށި ދިގުލައިގެން ދާތީ ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.

ރާއްޖޭގައި ކެންސަރު ހޮސްޕިޓަލެއް އަޅައިދޭނެ ކަމަށް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ވިދާޅުވީ، ރާއްޖެ އަށް ބޮޑެތި އެހީތަކެއް ދިނުމަށް ޑިސެމްބަރު 4، 2019 ގައި ވާޗުއަލްކޮށް ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

އޭގެ ފަހުން، ހޮސްޕިޓަލްގެ މަސައްކަތްތައް ކުރުމަށް އިންޑިއާގެ ޓީމެއް ވެސް ރާއްޖެ އައެވެ.

ރައީސް އޮފީހުގައި މި މަހުގެ 8 ވަނަ ދުވަހު ބޭއްވި ނިއުސް ކޮންފަރެންސްގައި، ހޮސްޕިޓަލްގެ މަސައްކަތުގެ ސްޕީޑް ލަސްވުމާ ގުޅިގެން "މިހާރު" އިން ސުވާލު ކުރުމުން މިއުވާން ވިދާޅުވީ ދުނިޔޭގެ އިގުތިސޯދަށް އައި ބަދަލުތަކާއެކު ބައެއް ޕްރޮޖެކްޓުތަކަށް ބޭނުންވާ ތަކެތި ހޯދުމުގައި ދަތިތައް އެބަހުރި ކަމަށެވެ.

ކުންފުނިތަކަށް ވެސް އޭގެ ގޮންޖެހުންތައް އެބަހުރި ކަމަށް މިއުވާން ވިދާޅުވި އެވެ.

"އޭގެ ސަބަބުން ކޮންމެ ވެސް ވަރަކަށް ޓައިމްލައިނަށް ބަދަލުތައް އައި ނަމަވެސް އެ މަސައްކަތް ކުރިއަށްދޭ." އޭނާ ވިދާޅުވި އެވެ.

ކެންސަރަށް ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދު އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވަމުންދާއިރު، ގިނަ ބައެއްގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ފަރުވާގެ ވަކި ހިސާބަކުން ބޭރަށް ދާން ޖެހުމެވެ. ރާއްޖޭގައި ރޭޑިއޭޝަން ފަރުވާ ނުލިބޭތީ ކެންސަރަށް ފަރުވާ ހޯދާ މީހުން ވަކި ހިސާބަކުން ޖެހެނީ ރާއްޖެ އިން ބޭރަށް ދާށެވެ.

އެކަމަކު، ކެންސަރު ހޮސްޕިޓަލުން އެ ބަލީގެ ހުރިހާ ފަރުވާއެއް ރާއްޖެއިން ލިބޭނެ ކަމުގެ ޔަގީންކަން ސަރުކާރުން ވަނީ ދީފަ އެވެ.