Roadha Mihaaru
ނަޝީދު، ޕްރައިމަރީގައި ވާދަކުރައްވަނީ

ޕްރައިމަރީގައި ވާދަކުރާނަން، މެމްބަރުން އަޅުގަނޑަށް ވޯޓު ދޭތި: ނަޝީދު

18 ޑިސެމްބަރ 2022

އަންނަ އަހަރުގެ ރިޔާސީ އިންތިހާބަށް އެމްޑީޕީން ނުކުންނަވާ ކެންޑިޑޭޓަކު ކަނޑައެޅުމުގެ ޕްރައިމަރީގައި ވާދަކުރައްވާނެކަން ކުރީގެ ރައީސް އަދި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު މިއަދު އިއުލާން ކުރައްވައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

އަންނަ އަހަރުގެ ރިޔާސީ އިންތިހާބަށް އެމްޑީޕީން ނުކުންނަވާ ކެންޑިޑޭޓަކު ކަނޑައެޅުމުގެ ޕްރައިމަރީގައި ވާދަކުރައްވާނެކަން ކުރީގެ ރައީސް އަދި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު މިއަދު އިއުލާން ކުރައްވައިފި އެވެ.

ރާއްޖޭގެ އެންމެ ބޮޑު ޕާޓީގެ ޕްރައިމަރީ ބާއްވަން ނިންމާފައި ވަނީ އަންނަ ޖެނުއަރީ މަހުގެ 28ގަ އެވެ.

ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށެވެ. އަދި ޕާޓީގެ މެމްބަރުން ވޯޓު ދިނުމަށް ވެސް އެ މަނިކުފާނު އެދިވަޑައިގަތެވެ.

ނަޝީދު، ޕްރައިމަރީގައި ވާދަކުރައްްވާނެކަން ރަސްމީކޮށް އިއުލާން ކުރެއްވިއިރު، ރިޔާސީ ދެ ވަނަ ދައުރަކަށް ކުރިމަތިލައްވަން ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ ވިދާޅުވެފަ އެވެ. އެމްޑީޕީގެ ޕްރައިމަރީއަށް ހުޅުވާލާފައި ވާއިރު، ޕާޓީގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފެކްޝަނާއި ނަޝީދުގެ ފެކްޝަނުގެ ވާދަވެރިކަން ވަނީ ބޮޑުވެފައި އެވެ. ދެ ފަޅިން ވެސް ވަނީ ޕްރައިމަރީ ކެމްޕޭނުގެ މަސައްކަތްތައް ވަނީ ފަށައިފަ އެވެ.

ދެ ރައީސުން ވާދަކޮށް، އެމްޑީޕީން 2023 އަށް ރިޔާސީ ކެންޑިޑޭޓަކު ހޮވާ ޕްރައިމަރީއަކީ އެ ޕާޓީގެ ހަޔާތުގައި މިހާތަނަށް އަންނާނެ ސިޔާސީ އެންމެ ވަރުގަދަ ހަރަކާތެވެ. ދެ ރައީސުންގެ ހިޔާލުތަފާތުވުން ބޮޑުވެ، ގުޅުން އޮތީ ގޯސްވެފަ އެވެ. މި ހިތްހަމަނުޖެހުމުގެ ފެށުމަކީ ބަރުލަމާނީ ނިޒާމެވެ. ދައުރުގެ މެދުތެރެއިން ބޮޑުވަޒީރަކަށް ވެވަޑައިގަތުމަށް ނަޝީދު ބޭނުންފުޅުވެ، އެކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އަރިހުން އެދިވަޑައިގަތެވެ. އެކަމަކު، އެ މަނިކުފާނުގެ ވިސްނުންފުޅާ އެއްގޮތަށް ވެރިކަން ހިންގުމުގެ ނިޒާމު ބަދަލުކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ޖާގަ ނުދެއްވީ އެވެ. އެކަން ކުރެއްވެން އޮތީ، ގާނޫނުއަސާސީ އިސްލާހުކޮށް، ރައްޔިތުންގެ ވޯޓަކުންނެވެ. އެ މަގަށް، މަސައްކަތްކުރަން އެމްޑީޕީގެ މެމްބަރުން ހިމެނޭ ގޮތަށް ސަރުކާރު ކޯލިޝަންގެ ޕާޓީތަކުން ވެސް ދެކޮޅު ހެދީ އެވެ.