Roadha Mihaaru
ޖަމަލު ހުން ފެތުރޭތީ ފްރާންސްގެ ޓީމަށް ބިރު

ޖަމަލު ހުން ފެތުރޭތީ ފްރާންސްގެ ޓީމަށް ބިރު

18 ޑިސެމްބަރ 2022

ލުސައިލް (ޑިސެމްބަރު 18) - ވޯލްޑް ކަޕުގެ ފައިނަލުގައި މިރޭ އާޖެންޓީނާއާ ވާދަކުރާ ފްރާންސްގެ ޓީމުގައި ފެތުރެމުންދާ ޖަމަލު ހުމުގެ ވައިރަހާއެކު އެ ޓީމަށް އުނދަގޫ ހާލަތެއް ކުރިމަތިވެއްޖެ އެވެ.

ލުސައިލް (ޑިސެމްބަރު 18) - ވޯލްޑް ކަޕުގެ ފައިނަލުގައި މިރޭ އާޖެންޓީނާއާ ވާދަކުރާ ފްރާންސްގެ ޓީމުގައި ފެތުރެމުންދާ ޖަމަލު ހުމުގެ ވައިރަހާއެކު އެ ޓީމަށް އުނދަގޫ ހާލަތެއް ކުރިމަތިވެއްޖެ އެވެ.

ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް ބުނި ގޮތުގައި އެ ހުން ޖެހި ޓީމުގެ ބައެއް ސީނިއާ ކުޅުންތެރިން ހުކުރު ދުވަހުގެ ފަރިތަކުރުންތަކުގައި ވެސް ބައިވެރި ނުވެ އެވެ.

ޑިސެމްބަރު 10 ގައި އިންގްލެންޑާ ދެކޮޅަށް ކުޅުނު ކުއާޓާ ފައިނަލު މެޗާ ހިސާބުން ފެށިގެން ފްރާންސްގެ އެކި ކުޅުންތެރިން ވަނީ ބަލިވެފަ އެވެ. އެ މެޗުގައި ކުޅުނު ކުޅުންތެރިން ކަމަށްވާ ޑިފެންޑަރު ޑަޔޮޓް އުޕަމެކޯނާ އާއި އެޑްރިއަން ރަބިއޯ ހުން ޖެހިގެން ސެމީ ފައިނަލު މެޗުގައި މޮރޮކޯ އާ ދެކޮޅަށް ނުވެސް ކުޅެ އެވެ.

ރަބިއާގެ ބަލި ބޮޑުވުމުން، ޓީމާއެކު ދަނޑަށް ވެސް ނުދެ އެވެ. އޭނާ ހުރީ ދޯހާގައި ޓީމު ތިބޭ ހޮޓަލުގަ އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ޑެޝޯމްޕްސް ބުނީ ކިންގްސްލީ ކޯމަން ވެސް ބަލިވެފައިވާ ކަމަށެވެ. އަދި ރަފޭލް ވަރާން އާއި އިބްރާހިމް ކޮނާޓޭ ވެސް ވަނީ ބަލިވެފަ އެވެ.

ފައިނަލުގައި އާޖެންޓީނާ އާ ދެކޮޅަށް މިރޭ ކުޅޭ މެޗަށް ތައްޔާރުވުމުގެ ގޮތުން ޕްރެކްޓިހުގައި ބައިވެރިނުވެވުނު ކުޅުންތެރިންނަކީ ވަރާން އާއި ކޮނާޓޭގެ އިތުރުން އައުރެލިއަން ޗުއަމެނީ އާއި ތެއޯ ހެނާންޑޭޒް އެވެ.

މޮރޮކޯ މެޗުގައި ހެނާންޑޭޒްގެ ކަކުލަށް ކޮންމެ ވެސް ވަރަކަށް ވަނީ އަނިޔާވެފަ އެވެ. ޗުއަމެނީ އަށް މިރޭގެ މެޗުގައި ނުކުޅެވޭ ގޮތްވެއްޖެނަމަ އެ ވާނީ ފްރާންސަށް ކުރިމަތިވާ ބޮޑު މައްސަލައަކަށެވެ.

ރެއާލް މެޑްރިޑްގެ ޒުވާން މިޑްފީލްޑަރު ދަނީ މިހާތަނަށް މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. ތަޖުރިބާކާރު މިޑްފީލްޑަރުން ކަމަށްވާ ޕޯލް ޕޮގްބާ އާއި އެންގޯލާ ކަންޓޭ ނެތްތަން ޗުއަމޭނީ ދަނީ ވަރަށް ރަނގަޅަށް ފޫބައްދަމުންނެވެ.

ޑެޝޯމްޕްސް އިއްޔެ ބުނީ ކުޅެވެން ތިބި ކުޅުންތެރިންނަކީ ކޮބައިކަން އޭނާ މިއަދު ވެސް ދެނެގަންނާނެ ކަމަށެވެ.

ގަތަރުގެ ފިނިހޫނުމިން ދަށް ގޮސްފައި ވުމުން ދޯހާގައި ޖަމަލު ހުން ދަނީ ފެތުރެމުންނެވެ. މީގެ ކުރިން ސްވިޒަލެންޑް ބައެއް ކުޅުންތެރިންނަށް ވެސް އެ ހުން ޖެހުނެވެ.

އެންމެ ފަހުގެ ޗެމްޕިއަން ފްރާންސާއި އާޖެންޓީނާ ކުޅޭ މެޗު ފަށާނީ ރާއްޖޭ ގަޑިން މިރޭ 8 ޖަހާއިރު އެވެ.