Roadha Mihaaru
ހިމޭންކޮށް ތިބުމަށް ފަހު ޕީޕީއެމުން ބޮޑު ޖަލްސާއެއް

ހިމޭންކޮށް ތިބުމަށް ފަހު "ފެލާލައިފި" ނަމުގައި ޕީޕީއެމުން ޖަލްސާއެއް ބާއްވަނީ

14 ޑިސެމްބަރ 2022

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް، ކުރީގެ ރައީސް އަބްދުﷲ ޔާމީންއާ އެކު ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ފެށި ދަތުރުތަކާއި ޖަލްސާތައް މެދުކަނޑާލައިގެން ތިބުމަށް ފަހު، "ފެލާލައިފި" ނަމުގައި ބޮޑު ޖަލްސާއެއް އިދިކޮޅުން ބާއްވަން ނިންމައިފި އެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް، ކުރީގެ ރައީސް އަބްދުﷲ ޔާމީންއާ އެކު ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ފެށި ދަތުރުތަކާއި ޖަލްސާތައް މެދުކަނޑާލައިގެން ތިބުމަށް ފަހު، "ފެލާލައިފި" ނަމުގައި ބޮޑު ޖަލްސާއެއް އިދިކޮޅުން ބާއްވަން ނިންމައިފި އެވެ.

ޖަލްސާ ބާއްވަން ތައްޔާރުވަމުން އަންނަނީ ޑިސެމްބަރު 23 ވާ ހުކުރު ދުވަހުގެ ރޭ 20:30 ގައި ކާނިވަލުގަ އެވެ.

ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ އެ ޖަލްސާއަކީ ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ނުފުއްދައި، ރައްޔިތުންގެ އަތުން ނަގަމުންދާ ޓެކްސް ބޮޑުކޮށް، ތަކެތީގެ އަގު އުފުލި، ޚިދުމަތްތަކުގެ އަގު ބޮޑުވެ، އެކި ނަންނަމުގައި ރައްޔިތުން ޖޫރިމަނާކޮށް ރައްޔިތުން "ފެލަމުންދާތީ" އެކަންކަމަށް އަޑުއުފުލުމަށް ބާއްވާ ޖަލްސާއެއް ކަމަށެވެ.

ރަށްރަށަށް ދަތުރުކުރުމާއި މެމްބަރުން އިތުރުކުރަން ފެށި ހަރަކާތް މަޑު ޖައްސާލައިގެން ތިބުމަށް ފަހު ޕީޕީއެމްއިން ބޮޑު ޖަލްސާއެއް ބާއްވާއިރު، ޕީޕީއެމްގެ ލީޑަރު ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުުގައި ކުރިއަށްދާ ރިޝްވަތު ހިފުމުގެ ދައުވާއާއި މަނީ ލޯންޑަރިންގެ ދައުވާ އޮތީ ހުކުމް އިއްވުމާ ހިސާބުގަ އެވެ.

އިދިކޮޅު ކޯލިޝަނުގެ ރިޔާސީ ޓިކެޓު ޕްރައިމަރީއަކާ ނުލައި ޔާމީނަށް ދީފައިވާއިރު، އެމަނިކުފާނަށް ކުރާ ދައުވާތައް ސާބިތުވެއްޖެ ހާލަތެއްގައި އަމަލު ކުރާނެ ގޮތަކާ ބެހޭގޮތުން އިދިކޮޅުން ވާހަކައެއް ނުދައްކަ އެވެ. ކުށް ސާބިތުވެއްޖެ ނަމަ ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަ ކުރުމުގެ ފުރުސަތު ގެއްލޭނެ އެވެ.

އެންމެ ފަހުން ޕީޕީއެމްގެ ބޮޑު ޖަލްސާއެއްގައި ޔާމީން ބައިވެރިވެވަޑައިގަތީ، މިދިޔަ މަހުގެ ކުރީކޮޅު ޕީޕީއެމްގެ ލީޑާޝިޕުން ހުވަދޫ ފުވައްމުލައް އަދި އައްޑުއަށް ކުރި ދަތުރުގައި ބޭއްވި ޖަލްސާތަކުގަ އެވެ. އޭގެ ކުރިން އޮކްޓޯބަރު މަހު އުތުރުގެ ނ. އަދި ށ. އަތޮޅަށް ވެސް އެމަނިކުފާނު ވަޑައިގެންނެވި އެވެ.