Roadha Mihaaru
މޮޅު ކެޔޮޅުގެ އެވޯޑް ހަފުލާގައި ނުދިނީ ބިރުދެއްކުމުން!

މޮޅު ކެޔޮޅަށް ސްޓޭޖުމަތިން އެވޯޑު ނުދިނީ މިނިސްޓަރަށް އިންޒާރު ދީފައި އޮތުމުން ބިރަކަށް ވާތީ: މިނިސްޓްރީ

14 ޑިސެމްބަރ 2022

ގދ. އަތޮޅުގެ އެންމެ މޮޅު ކެޔޮޅުގެ އެވޯޑް ހައްގުވި މީހާ އަށް، މަސްވެރިންގެ ދުވަހުގެ ޖަލްސާގައި ސްޓޭޖުމަތިން އެ އެވޯޑް ނުދިނީ މަސްވެރިކަމާ ބެހޭ ވަޒީރަށް ކުރިން އިންޒާރު ދީފައި އޮތުމުން، އެ ހާލަތުގައި ބިރަކަށް ވެދާނެތީ ކަމަށް ފިޝަރީޒް މިނިސްޓްރީން މިއަދު ބުނެފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ގދ. އަތޮޅުގެ އެންމެ މޮޅު ކެޔޮޅުގެ އެވޯޑް ހައްގުވި މީހާ އަށް، މަސްވެރިންގެ ދުވަހުގެ ޖަލްސާގައި ސްޓޭޖުމަތިން އެ އެވޯޑް ނުދިނީ މަސްވެރިކަމާ ބެހޭ ވަޒީރަށް ކުރިން އިންޒާރު ދީފައި އޮތުމުން، އެ ހާލަތުގައި ބިރަކަށް ވެދާނެތީ ކަމަށް ފިޝަރީޒް މިނިސްޓްރީން މިއަދު ބުނެފި އެވެ.

އެންމެ މޮޅު ކެޔޮޅުގެ އެވޯޑް ދޭ ގޮތަށް ހަމަޖައްސާފައި އޮތީ މި ފަހަރުގެ މަސްވެރިންގެ ދުވަސް ރަސްމީކޮށް ފާހަގަކުރި ގދ. ފަރެސްމާތޮޑާ، ސެއްލަ/ ހުސެއިން މަނިކަށެވެ.

ގދ. އަތޮޅުން ހޮވި އެންމެ ތަޖުރިބާކާރު މޮޅު ކެޔޮޅުގެ އިނާމު ފަރެސްމާތޮޑާ ސަފީނާ ދޯނީގެ ކެޔޮޅު ހުސައިން މަނިކަށް އެ ޝަރަފުވެރި ސްޓޭޖުމަތިން ނުދިން މައްސަލާގައި ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވުމާ ގުޅިގެން، ފިޝަރީޒް މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު ނަސްރުﷲ ހުސެއިން "މިހާރު" އަށް ވިދާޅުވީ އެ ޖަލްސާގައި ހުސައިން މަނިކަށް އެވޯޑު ނުދިނީ މި މަހުގެ 8 ވަނަ ދުވަހު އެ ރަށުން މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަނަށް އިންޒާރު ދީފައިވާތީ ކަމަށެވެ.

މަސްވެރިންގެ ދުވަހު ފަރެސްމާތޮޑާގައި މަސްވެރިން ކުރި އިހުތިޖާޖުގައި ބައިވެރިވި ބައެއް މީހުން.-- ފޮޓޯ: މިހާރު

މަސްވެރިންގެ ދުވަހު ފަރެސްމާތޮޑާގައި މަސްވެރިން ކުރި އިހުތިޖާޖުގައި ބައިވެރިވި ބައެއް މީހުން.-- ފޮޓޯ: މިހާރު

"މި ޖަލްސާގެ ކުރިން މިނިސްޓަރު ވަނީ އެ ރަށަށް ވަޑައިގެންފައި. [މި މަހުގެ] 8 ވަނަ ދުވަހު އޭނާ [ހުސައިން މަނިކު] ވަނީ މިނިސްޓަރަށް މަގުމަތިން އިންޒާރު ދީފައި. މަސްވެރިން ބުނަނީ އެއީ މަހުގެ ހަމަ އަގު ނުލިބުމާއި އައިސް ނުލިބުމާއި އެ ކަހަލަ ކަންކަމުގައި ކަމަށް،" ނަސްރުﷲ ވިދާޅުވި އެވެ.

މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ބައިވެރިވެވަޑައިގަންނަވާތީ ސެކިއުރިޓީއާ ގުޅޭ ކަންކަން ހުރުމުން ހުސައިން މަނިކަކީ "ތްރެޓެއް" ކަމަށް ބަލައި އޭނާ އަށް ސްޓޭޖުމަތިން އެވޯޑު ނުދިނީ ކަމަށް ނަސްރުﷲ ވިދާޅުވި އެވެ.

"މިނިސްޓްރީން އެވޯޑު މިހާރު ވަނީ [ހުސައިން މަނިކާ] ހަވާލު ކޮށްފައި،" އޭނާ ވިދާޅުވި އެވެ.

ފަރެސްމާތޮޑާގައި މަސްވެރިން ކުރި އިހުތިޖާޖުގައި ބައިވެރިވި މަސްވެރިން.-- ފޮޓޯ: މިހާރު

ފަރެސްމާތޮޑާގައި މަސްވެރިން ކުރި އިހުތިޖާޖުގައި ބައިވެރިވި މަސްވެރިން.-- ފޮޓޯ: މިހާރު

ފަރެސްމާތޮޑާގެ މަސްވެރިންގެ ފަރާތުން ވާހަކަ ދައްކަމުން، އާދަމް ރާޝިދު ބުނީ، މީހަކަށް އިންޒާރު ދިނުން ފަދަ އެއްވެސް ކަމެއް އެ ރަށުގައި ނުހިނގާ ކަމަށެވެ.

"އަޅުގަނޑުމެން ކުރިހާ ވެސް ކަމަކީ ރައީސް ރަށަަށް ވަޑައިގެންނެވި ދުވަހު ކަޅު ޓީޝާޓު ލައިގެން އަނގަމަތީ ޓޭޕު އަޅައިގެން ތިބީ. އެއީ މަސްވެރިންގެ ކަންބޮޑުވުންތައް ސަރުކާރަށް ހިއްސާ ކުރުމަށް. އިތުރު އެއްވެސް ކަމެއް ނުހިނގާ މި ރަށަކު،" އޭނާ ބުންޏެވެ.

"މަސްވެރިންނާ މިނިސްޓަރު ބައްދަލުކުރި ދުވަހެއްގައި މަސްވެރިންގެ ކަންބޮޑުވުންތައް ފާޅުކުރި. ހިތްހަމަނުޖެހިފައި ހުރި ކަންކަން. އެގޮތުން ދެއްކެވުނު އައިސް ނުލިބުމާއި ތެލުގެ އަގު ބޮޑުވުން ކަހަލަ ކަންކަމުގެ ވާހަކަ. އެ ވާހަކައިގެ ތެރޭގައި ހިތްހަމަ ނުޖެހުންތައް ފާޅުކުރި."