Roadha Mihaaru
ސަމާލުކަމަށް އައި ޒުހުރާގެ ހިތްދަތި ހަޔާތް!

ސަމާލުކަމަށް އައި ޒުހުރާގެ ހިތްދަތި ހަޔާތް!

12 ޑިސެމްބަރ 2022

ފެށުނީއްސުރެން ވެސް ހިތަށް ނުގެނެވޭހާ ފަގީރު ދިރިއުޅުމެކެވެ. ސޯޝަލް މީޑިއާގައި އިއްޔެ ވައިރަލްވި އައިމިނަތު ޒުހުރާގެ ވީޑިއޯ ބަލައިލި މީހުން ރޮއްވާލީ އޭނާގެ ހަޔާތުގެ ދެތިން ދުވަހުގެ ވާހަކަތަކުންނެވެ. މީގެ ނުވަ އަހަރު ކުރީގެ އެ ވީޑިއޯގައި އޭނާ ކިޔައިދިނީ އެކަނިވެރި މައެއްގެ ގޮތުގައި ހޭދަކުރި ހިތްދަތި ދުވަސްތަކެވެ. ދެ ކައިވެންޏަށް ލިބުނު ތިން ކުދިންގެ ހައްގުގައި އުފުލަން ޖެހުނު ތަކުލީފެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ފެށުނީއްސުރެން ވެސް ހިތަށް ނުގެނެވޭހާ ފަގީރު ދިރިއުޅުމެކެވެ. ސޯޝަލް މީޑިއާގައި އިއްޔެ ވައިރަލްވި އައިމިނަތު ޒުހުރާގެ ވީޑިއޯ ބަލައިލި މީހުން ރޮއްވާލީ އޭނާގެ ހަޔާތުގެ ދެތިން ދުވަހުގެ ވާހަކަތަކުންނެވެ. މީގެ ނުވަ އަހަރު ކުރީގެ އެ ވީޑިއޯގައި އޭނާ ކިޔައިދިނީ އެކަނިވެރި މައެއްގެ ގޮތުގައި ހޭދަކުރި ހިތްދަތި ދުވަސްތަކެވެ. ދެ ކައިވެންޏަށް ލިބުނު ތިން ކުދިންގެ ހައްގުގައި އުފުލަން ޖެހުނު ތަކުލީފެވެ.

ވަރިކޮށްފައި ދިޔަ ގޮތަށް ކުދިންގެ ބައްޕަގެ ފަރާތުން ދަރިންނަކަށް އަޅައެއް ނުލަ އެވެ. އެއްވެސް ހަރަދެއް ނުކުރެ އެވެ. ދަރިންގެ ކެއިންބުއިމާއި ކިޔެވުމުގެ ކަންކަން ހަމަޖައްސަން އޭނާއަށް ލިބުނީ ދައުލަތުން އެކަނިވެރި މައިންނަށް ދޭ 3,000ރ. އެވެ. ވީވަރެއް ކޮށްފައި 100ރ. ރައްކާކުރަން މަޖުބޫރެވެ. ބަލި ހާލަތު ބޮޑުކަމުންނެވެ.

އޭގެ ނުވަ އަހަރު ފަހުން މިއަދު ވެސް ޒުހުރާގެ ދިރިއުޅުން އެހާ ނިކަމެއްޗެވެ. ކުޑައިރު އޭނާ ވަށާލި އަނދިރި ހަޔާތުން އަދިވެސް ނުނިކުމެވެ އެވެ.

އެ ވީޑިއޯއަށް ފަހު ވޭތުވެދިޔަ އަހަރުތަކުގައި ދިރިއުޅުން ކިހިނެއްތޯ މިއަދު އަހާލުމުން ދިނީ މި ޖަވާބެވެ.

"ދުވަހަކު ވެސް އުފާވެރިކަމެއް ނުލިބޭ."

އުފާވާ ވަގުތުކޮޅަކަށް ހަނދާނުގައި ހުންނަނީ، އޭނާ ބުނި ގޮތުގައި، ދަރިން އުފަންވި ވަގުތުކޮޅެވެ.

އޭރު އޭނާގެ ތިބި ތިން ކުދިންނާއި ތިން ވަނަ ކައިވެންޏެއްކޮށް މިހާރު އިތުރު ދެ ކުދިން އެބަތިއްބެވެ. ވީޑިއޯގައި އޭނާ އިޝާރާތްކުރި ކުދިންގެ އުމުރަކީ 20، 14 އަދި 13 އެވެ. އޭގެ ފަހުން ކުރި ކައިވެނީގައި ލިބުނު ދެ ކުދިންގެ ތެރެއިން އެއް ކުއްޖެއްގެ އުމުރަކީ އަށް އަހަރެވެ. އަނެއް ކުއްޖާއަށް ނުވަ މަހެވެ.

އާދޭސްކުރިން، ދަރިންގެ ހައްގު ނުލިބުނު!

ޒުހުރާ ކިޔައިދިން ގޮތުގައި ވަރަށް ކުޑައިރު ބައްޕަ މަރުވީ އެވެ. މަންމަ ފެށި ކައިވެންޏާ އެކު ވަކި ދިރިއުޅަމަކަށް ދިޔައީ އޭނާގެ ބެލުމުގެ ދަށުގައި ކޮއްކޮމެން ބައިތިއްބައިފަ އެވެ.

ހަގަށް ތިބި ހަތަރު ކޮއްކޮގެ ޒިންމާ ނަގަން ޖެހުނު އިރު ތަންދޮރު ރަނގަޅަށް ވަކިވެސް ނުވެ އެވެ.

"ކައްކާކަށް ވެސް ނޭނގޭ. ކޮއްކޮމެންނަށްޓަކައި ހުރިހާ ކަމެއް ދަސްކުރަން ޖެހުނީ. ތައުލީމެއް ނުލިބުނު،" ޒުހުރާ ކިޔައިދިނެވެ.

"އެހެން އުޅެފައި އެ ހާލަތުން އަރައިގަނެވޭނެ ކަމަށް މީހަކާ އިނީ. އެކަމަކު ދަރިއެއް ލިބުނު ފަހުން އެ ކައިވެނި ރޫޅުނީ،"

ބަލި ހާލަތާއި ދިރިއުޅުމުގެ ކަންކަން ހަމަޖެހިފައި އޮތް ދަތިކަމުން ދެ ވަނަ ކައިވެންޏަށް ވެސް އެހާ ދުވަސްތަކެއް ނުވެ އެވެ. ޒުހުރާ އެންމެ ހިތްދަތިވާ ކަމަކީ އޭނާ ދޫކޮށްލާފައި ދިޔައަސް ދަރިންނަށް ޚަރަދު ނުކުރުމެވެ. އެއް ކުއްޖެއްގެ ބައްޕަ 20،000ރ. ދިނުމުން އެ ކުއްޖާ ޚިތާނުކުރުމުގެ ކަންކަން ކުރިއިރު އެއީ މީހެއްގެ ފަރާތުން އޭނާއަށް ލިބުނު އެންމެ ބޮޑު އެހީތެރިކަމެވެ.

"ވަރަށް ހާލުގައި އުޅުނީ. އަވަށްޓެރިއަކު ފުށްކޮޅެއް ދިއްކޮށްލީމަ ރޮއްޓެއް ފިހެލައިގެން ކެއުން ހަމަޖައްސައިގެން ވެސް ތިބެން. ކުދިންވީމަ ވަރަށް ވަރަށް ޝަކުވާ ކުރި ބޭނުންވާ ކަންކަން އަހަރެންނަށް ނުކޮށްދެވޭތީ. ދަރިން އެހެން ރުއި ކިތަންމެ ދުވަހެއް ދިޔަ. އެކަމަކު ވިސްނައިދެވޭތޯ ބެލީ،" ޒުހުރާ ކިޔައިދިނެވެ.

"ބައެއް ފަހަރަށް އެކަނި އިނދެ ރޮވޭ. ވަރަށް ބޭކާރު މީހެކޭ ވެސް ހިތަށް އަރާ. އެކަމަކު ވެސް ކުދިން ތިބީމަ އެ ކުދިންނަށްޓަކައިި ހިތްވަރުކުރީ. ކައިވެނިތައް ރޫޅުނުއިރު ވެސް ބެލީ އަތިރިމަތީގައި ނިދަން ޖެހުނަސް ކުދިން ދޫކޮށްނުލާނަމޭ."

ދަރިންގެ ހައްގު ހޯދަން ދައުލަތުގެ އިދާރާތަކަށް އޭނާ އެތައް ސިޓީއެއް ލި އެވެ. ދަރިންގެ ޚަރަދު ދިނުމަކީ ބައްޕައިން ކުރަން ޖެހޭ ކަމަކަށް ވާތީ އެ މީހުން ލައްވައި އެކަން ކުރުވަން ކޯޓުގައި އާދޭސްކުރި އެވެ. އެކަމަކު ނިޒާމުގެ ތެރެއިން އެކަން ކޮށްނުދެވުމަކީ ދަރިން އެހާ ހާލުގައި ދިރިއުޅެން މަޖުބޫރުވި އެއް ސަބަބު ކަމަށް އޭނާ ދެކެ އެވެ.

"އެ މީހުން ކޯޓަށް ހާޒިރުކޮށްގެން ދަރިންގެ ހައްގު ހޯދައިދެވޭނެ އެއްވެސް ގޮތެއް ނުހޯދުނު،" ޒުހުރާ ބުންޏެވެ.

މި ހުުރިހާ ކަމެއް އެކަނި ތަހައްމަލްކުރަނިކޮށް ހަމްދަރުދީވި މީހާއާ އެކު ތިން ވަނަ ކައިވެންޏެއް ޒަހުރާ ފެށީ އެވެ. ރަނގަޅު ގޮތުގައި ދިރިއުޅެން ބޭނުންވާތީ ކަމަށް ޒުުހުރާ ބުންޏެވެ.

ކުޑަ ކޮޓަރިއެއްގައި ހާސްކަމުގައި!

ޒަހުރާ މިދިޔަ އަހަރުގެ ފަހުކޮޅު މާލެ ބަދަލުވީ ހަގު ކުއްޖާ ވިހަންވެގެންނެވެ. ރަށުގައި ވަޒީފާއެއް ނެތުމުން، މާލެ އިން ފިރިމީހާއަށް ލިބިފައި ހުރި އެއް ކޮޓަރީގެ ތަންކޮޅަށް ބަދަލުވީ އެވެ.

ދެމަފިރިންނާއި ދަރިން ދިރިއުޅެމުން އަންނަނީ އެ ކޮޓަރީގަ އެވެ. ފިހާރައެއްގެ ވަޒީފާ އަދާކުރާ ފިރިމީހާއަށް ލިބޭ 9،000ރ. އިން ހަރަދުތައް ދެކޮޅެއް ނުޖެއްސެ އެވެ. އެހީގެ އަތެއް އެ އާއިލާއަށް ފޯރުކޮށްދެނީ ރިސޯޓެއްގައި ވަޒީފާ އަދާކުރަމުން އަންނަ ޒަހުރާގެ 20 އަހަރުގެ ދަރިފުޅެވެ.

"ސަތޭކައިގެ ދަރިއެއް އެއީ. އެހީއެއް ފޯރުކޮށްދެވެނީ ވަޒީފާއަކަށް ދާތީ،" ޒުހުރާ ބުންޏެވެ.

ދަރިން އޭނާއާ އަޅާލާތީ ޒަހުރާ ހިތްހަމަޖެހެ އެވެ. އެކަމަކު އޭނާ އުޅެން ޖެހުނު ނިކަމެތި ދިރިއުޅުން ދުވަހަކު ވެސް ހަނދާން ނުނެތޭނެ ކަމަށް ބުންޏެވެ.

އޭނާ ބުނި ގޮތުގައި ކޮންމެވެސް ދުވަހަކުން އެ ހާލަތުން އަރައިގަނެވޭނެ އެވެ.

"މާތްﷲއަށް ދަންނަވައި ކެތްތެރިވިން. ދަރިންގެ ހައްގުގައި. ރަނގަޅު ގޮތް މިންވަރު ކުރައްވާނެ،"

ހިތްދަތި ހަޔާތަކުން ފެށި ޒުހުރާ މިހާ ދުވަހު ވެސް ދޫނުކޮށްލީ ހިތްވަރެވެ. އެ ނޫން ދުވަހެއް ލިބޭނެ ކަމުގެ އުއްމީދެވެ.