Roadha Mihaaru
ރޮނާލްޑޯ ހުއްޓުވުން ސްވިޒަލެންޑަށް އެހާ މުހިންމެއް ނޫން

ރޮނާލްޑޯ ހުއްޓުވުން ސްވިޒަލެންޑަށް އެހާ މުހިންމެއް ނޫން

06 ޑިސެމްބަރ 2022

ލުސެއިލް (ޑިސެމްބަރު 6) - ވޯލްޑް ކަޕްގެ ގަދަ 16 ގައި މިރޭ ޕޯޗުގަލް އާ ދެކޮޅަށް ނުކުންނަ އިރު، އެޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ހުއްޓުވަން ވަކި ހާއްސަ އިސްކަމެއް ނުދޭނެ ކަމަށް ސްވިޒަލެންޑްގެ ކޯޗު މޫރަތު ޔަކީން ބުނެފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ލުސެއިލް (ޑިސެމްބަރު 6) - ވޯލްޑް ކަޕްގެ ގަދަ 16 ގައި މިރޭ ޕޯޗުގަލް އާ ދެކޮޅަށް ނުކުންނަ އިރު، އެޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ހުއްޓުވަން ވަކި ހާއްސަ އިސްކަމެއް ނުދޭނެ ކަމަށް ސްވިޒަލެންޑްގެ ކޯޗު މޫރަތު ޔަކީން ބުނެފި އެވެ.

މިރޭގެ މެޗާ ގުލޭގޮތުން ބޭއްވި ޕްރީ މެޗު ޕްރެސް ކޮންފަރެންސްގައި ވަރަށް ހަމަޖެހިލައިގެން އިނދެ ޔަކީން ބުނީ، ސްވިޒަލެންޑްގެ ޓީމަށް ޗެލެންޖް ކުރެވޭވަރުގެ ޓީމެއް ކަމަށެވެ. އަދި ޓީމުގެ ގޭމް ޕްލޭނާ އެކުލަވާލާނީ ވެސް އެގޮތަށް ކަމަށް އޭނާ ބުންޏެވެ.

"އަހަރެމެންނަށް އެނގޭ ރޮނާލްޑޯ އަށް މެޗުގެ ނަތީޖާ އަނބުރާލެވިދާނެ ކަން، އެހެންވެ އަހަރެމެންނަށް އޭނާ ބޭނުންވާ ހުސް ޖާގަތައް ނުދެވޭނެ. އެކަމަކު އޭނާ އަށް ހާއްސަކަން ދީގެން އޭނާ މާކު ކޮށްގެން ނުކުޅޭނަން،" ޔަކީން ބުންޏެވެ.

އެންމެ ފަހުން ސްވިޒަލެންޑުން ޕޯޗުގަލް އާ ދެކޮޅަށް ކުޅުނު ހަ މެޗުގެ ތެރެއިން ތިން މެޗުން ސްވިޒަލެންޑް ވަނީ މޮޅު ވެފަ އެވެ. އެ ތިން މެޗުގައި ވެސް ރޮނާލްޑޯ ކުޅެފައެއް ނުވެ އެވެ.

ޕޯޗުގަލް އާ ދެކޮޅަށް ސްވިޒަލެންޑުން އެންމެ ފަހުން ކުޅުނު މެޗުތަކުގެ ތެރޭގައި، މިދިޔަ ޖޫން މަހު، ޔޫއެފާ ނޭޝަންސް ލީގުގައި ކުޅުނު ދެ މެޗު ވެސް ހިމެނެ އެވެ. އޭގެ ތެރެއިން ފަހު މެޗު ސްވިޒަލެންޑް ކާމިޔާބު ކުރި އިރު، ފުރަތަމަ ކުޅުނު މެޗުން ޕޯޗުގަލް ވަނީ ފަސޭހަ ކަމާ އެކު މޮޅު ވެފަ އެވެ. މޮޅުވި މެޗުގައި ރޮނާލްޑޯ ވަނީ ދެ ގޯލު ވެސް ޖަހައިފަ އެވެ.

"ދެ ޓީމުގެ ދެމެދުގައި އެންމެ ފަހުން މެޗެއް ކުޅުނުފަހުން މިހާރު ހަ މަސް ދުވަސް ވެއްޖެ، އެއީ ފުޓުބޯޅައިގައި ވަރަށް ދިގު މުއްދަތެއް،" ޕޯޗުގަލް އާ ދެކޮޅަށް މި އަހަރު ކުޅުނު މެޗާ ގުޅޭ ގޮތުން ކޯޗު ބުންޏެވެ.

"އަހަރެމެންނަކަށް ނޭނގޭ އެމީހުންގެ ޓީމަށް ކުޅެނީ ކޮން ބައެއް ކަމެއް، ސެންޓްރަލް ޑިފެންސަށް ކުޅެނީ ކޮން ކުޅުންތެރިންނެއް ކަމެއް. އިދިކޮޅު ޓީމާ މެދު މާ ބޮޑަށް ވިސްނަން ވެއްޖެ ނަމަ އަހަރެމެންގެ ފޯކަސް ގެއްލިދާނެ."

ސްވިޒަލެންޑުން ގަދަ 16 އަށް ދަތުރު ކުރީ ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި ހަނި ތަފާތަކުން ސާބިއާ ބަލިކޮށްގެން، ބްރެޒިލް ހިމެނޭ ގުރޫޕުގެ ދެވަނަ ހޯދައިގެންނެވެ. އެ މެޗަށް ސްވިޒަލެންޑް ނުކުތް އިރު، ޓީމުގެ ބައެއް މުހިއްމު ކުޅުންތެރިންނަށް ނުކުޅެވެ އެވެ. ނަމަވެސް މި މެޗާ ކުރިމަތިލާ އިރު ކޯޗަށް އޮތް އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ ސްކޮޑުގައި ހިމެނޭ 26 ކުޅުންތެރިން ވެސް މެޗަށް ފިޓް ވެފައި ތިބުމެވެ.

"އަހަރެމެން މިތިބީ ތައްޔާރަށް، ފުލް ސްކޮޑް އެބަ އޮތް. (އެންމެ ފަހު މެޗުގައި) ނުކުޅެވުނު ކުޅުންތެރިން ވެސް އަލުން ޓީމާ ގުޅިއްޖެ،" ކޯޗު ޔަކީން ބުންޏެވެ.

ޕޯޗުގަލް އާ ދެކޮޅަށް ސްވިޒަލެން ބައްދަލުކުރާ މެޗް ފަށާނީ މިރޭ ރާއްޖެ ގަޑިން 12 ޖަހާއިރެވެ.