Roadha Mihaaru
ވަގު ޑޮލަރުތަކެއްގެ މައްސަލާގައި ދިގު ބަންދެއް!

ވަގު ޑޮލަރުތަކެއްގެ މައްސަލައެއްގައި ތިން މީހަކު ދިގު މުއްދަތަކަށް ބަންދަށް

30 ނޮވެމްބަރ 2022

ވަގު ޑޮލަރުތަކެއް ބޭނުންކޮށްގެން މުއާމަލާތު ކުރި މައްސަލައެއްގައި ތިން މީހަކު ހައްޔަރުކޮށް، ދިގު މުއްދަތަކަށް ބަންދުކޮށްފި އެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

ވަގު ޑޮލަރުތަކެއް ބޭނުންކޮށްގެން މުއާމަލާތު ކުރި މައްސަލައެއްގައި ތިން މީހަކު ހައްޔަރުކޮށް، ދިގު މުއްދަތަކަށް ބަންދުކޮށްފި އެވެ.

ކްރިމިނަލް ކޯޓުން އާންމުކުރި ކޯޓު އަމުރުތަކުން އެނގޭ ގޮތުގައި މަކަރާއި ހީލަތް ހެދުމާއި ފޯޖަރީގެ ތުހުމަތު ފުލުހުން ކުރާ ތިން މީހަކު ބަންދު ކުރަން އިއްޔެ އެ ކޯޓުން ވަނީ ނިންމައިފަ އެވެ.

ފުލުހުން ހައްޔަރުކޮށްފައި ވަނީ އުމުރުން 23 އަހަރުގެ ފިރިހެނަކާއި 21 އަހަރުގެ ފިރިހެނަކާއި 24 އަހަރުގެ އަންހެނެކެވެ.

މިކަމާ ގުޅިގެން ފުލުހުން "މިހާރު" އަށް ހަމައެކަނި ބުނެފައި ވަނީ އެއީ ވަގު ޑޮލަރުތަކަކާ ގުޅޭ މައްސަލައެއް ކަމަށެވެ. ތަހުގީގު އޮތީ ކުރިއަށެވެ.

މިފަދަ މައްސަލަތަކުގައި ހިމެނޭ މީހުން ހައްޔަރުކޮށްގެން، އާންމުކޮށް ބަންދުގެ މުއްދަތު އިތުރު ކުރަމުން ދިޔަ ނަމަވެސް، ކްރިމިނަލް ކޯޓުން އިއްޔެ ނިންމީ އެ ތިން މީހުން ވެސް ދިގު މުއްދަތަކަށް ބަންދު ކުރުމަށެވެ.

އެ މީހުންގެ ތެރެއިން 21 އަހަރުގެ މީހާ 30 ދުވަހަށް ބަންދު ކުރަން އަދި ދެން ތިބި ދެ މީހުން 40 ދުވަހަށް ބަންދު ކުރަން އިއްޔެ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލް ވަނީ ނިންމަވައިފަ އެވެ.

އެ މީހުން ބަންދުކުރީ، ދޫކޮށްލައިފި ނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބުނެ އެވެ. ކޯޓު އަމުރުގައިވާ ގޮތުން އެ މީހުންގެ މައްޗަށް ތުހުމަތު ކުރެވޭ ވަރަށް ހެކި ވަނީ ލިބިފަ އެވެ.