Roadha Mihaaru
އިންޑިއާއިން ރާއްޖެއަށް 100 މިލިއަން ޑޮލަރުގެ ލޯނެއް

އިންޑިއާއިން ރާއްޖެއަށް 100 މިލިއަން ޑޮލަރުގެ ލޯނެއް ދީފި

29 ނޮވެމްބަރ 2022

އިންޑިއާއިން ރާއްޖެއަށް 100 މިލިއަން ޑޮލަރުގެ ލޯނެއް މިއަދު ދީފި އެވެ. މިއީ އެސްބީއައި މެދުވެރިކޮށް ޓީބިލްގައި އިންވެސްޓްކޮށްގެން ދޭ ލޯނެކެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އިންޑިއާއިން ރާއްޖެއަށް 100 މިލިއަން ޑޮލަރުގެ ލޯނެއް މިއަދު ދީފި އެވެ. މިއީ އެސްބީއައި މެދުވެރިކޮށް ޓީބިލްގައި އިންވެސްޓްކޮށްގެން ދޭ ލޯނެކެވެ.

ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި، އެ ލޯނުގެ ރަމްޒީ ލިޔުން ހަވާލުކޮށްދެއްވީ އެ ގައުމުން ރާއްޖެ ކަނޑައަޅާފައިވާ ސަފީރު މުނޫ މަހާވަރެވެ. ރާއްޖޭގެ ފަރާތުން އެ ލިޔުމާ ހަވާލުވެވަޑައިގަތީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ.

އެ ރަސްމިއްޔާތުގައި ޝާހިދު ވިދާޅުވީ 100 މިލިއަން ޑޮލަރުގެ ލޯނަކީ ރާއްޖޭގެ އިޖުތިމާއީ އަދި އުމްރާނީ ކުރިއެރުމަށް ކުރާ މަސައްކަތަށް ބޮޑު އެހީއެއް ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ރާއްޖެއަށް ލިބޭ މި ފަދަ އެހީތަކުން އަންގައިދެނީ ދުނިޔެއިން ރާއްޖޭގެ ހާރިޖީ ސިޔާސަތު ވަރަށް ފުރިހަމައަށް ބަލައިގެންފައިވާކަން ކަމަށެވެ. އެ ސިޔާސަތުގެ ސަބަބުން ރާއްޖޭގެ ގަދަރު ބޮޑުވެގެންދާ ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.

ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި ރާއްޖެއަށް އެކި ގޮތްގޮތުން 2.5 ބިލިއަން ޑޮލަރުގެ އެހީ ދީފައިވާކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ އިންޑިއާގެ އެހީއަކީ ނަމޫނާއެއް ކަމަށެވެ.

ވާޗުއަލްކޮށް އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ޖައިޝަންކަރު ވިދާޅުވީ މި ހާލަތުގައި ރާއްޖެ އަށް އެހީތެރިކަން ދިނުމަކީ އުފަލެއް ކަމަށެވެ.

ޖައިޝަންކަރު ވިދާޅުވީ ބަޖެޓު ސަޕޯޓާއި ކަރެކްސީ ސްވޮޕާއި އަދި އެނޫން ގޮތްގޮތުން ވެސް ރާއްޖެ އަށް ދީފައިވާ އެހީއަކީ މި ގުޅުމުގެ ރަމްޒުކަން އަންގައިދޭ ކަމަށެވެ.

ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވީ ސްޓޭޓް ބޭންކް އޮފް އިންޑިއާ މެދުވެރިކޮށް ހަމަޖެއްސި 100 މިލިއަން ޑޮލަރަކީ ރާއްޖޭގައި ހިންގާ މަޝްރޫއުތަކުގައި އިންވެސްޓްމަންޓް ސެކިއުރިޓީ ކަމަށެވެ.

ފާއިތުވި އަހަރުތަކުގައި އިންޑިއާއިން ދިން އެހީތެރިކަމަށް އޭނާ ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ.

އިންޑިއާއަކީ ރާއްޖޭގެ ތަރައްގީގެ އެންމެ މުހިއްމު އެއް ހިއްސާދާރު ކަމަށާއި ކުރިއަށް އޮތް ތަނުގައި އެ ގުޅުން އިތުރަށް ބަދަހިވާނެ ކަމަށް އަމީރު ވިދާޅުވި އެވެ.

ޓީބިލަކީ ކުރު މުއްދަތެއްގައި އަނބުރާ ފައިސާ ދައްކަން ޖެހޭ ފައިނޭންޝަލް އިންސްޓުރޫމްންޓެކެވެ.