Roadha Mihaaru
އެންމެ ބޮޑު އަލިފާން ފަރުބަދަ ގޮވަނީ

އެންމެ ބޮޑު އަލިފާން ފަރުބަދަ ގޮވަނީ

29 ނޮވެމްބަރ 2022

ދުނިޔޭގައި މިވަގުތު ހުރި އެންމެ ބޮޑު އަލިފާން ފަރުބަދަ، ހަވާއީގެ މައުނާ ލޯއާ، 38 އަހަރު ފަހުން ފުރަތަމަ ފަހަރަށް އިއްޔެ ގޮވަން ފަށައިފި އެވެ.

ދުނިޔޭގައި މިވަގުތު ހުރި އެންމެ ބޮޑު އަލިފާން ފަރުބަދަ، ހަވާއީގެ މައުނާ ލޯއާ، 38 އަހަރު ފަހުން ފުރަތަމަ ފަހަރަށް އިއްޔެ ގޮވަން ފަށައިފި އެވެ.

އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ އިން ބުނި ގޮތުގައި މައުނާ ލޯއާ ގޮވަމުންދާ ގޮތަށާއި އެ އަލިފާން ފަރުބަދަ ގޮވުމުން ބޭރުވާ ދިޔާ އަލިފާނާއި ހިލަތައް ފައިބައިގެންދާ މިސްރާބަށް ބަލާއިރު، އެ އަލިފާން ފަރުބަދަޔާ ކައިރީގައި ދިރިއުޅެމުންދާ އާންމުންނަށް އެއްވެސް ގެއްލުމެއް ނެތެވ. އެހެން ނަމަވެސް، އަލިފާން ފަރުބަދަ ގޮވުމުން ބޭރުވާ ދިޔާ އަލިފާންތަކާ އެކު ވައިގެ ތެރެއަށް ބުރައިގެންދާ އަޅިޔާއި ކުދިކުދި ހިލަފުއްތަކުގެ އިތުރުން އަލިފާން ފަރުބަދައިން ނުކުރަން ގޭސް، ވަޔާއެކު ދުރަށް ދަތުރުކުރާނެ ކަމަށް އެ އިދާރާ އިން ބުނެ އެވެ.

އަލިފާން ފަރުބަދަ ގޮވަން ފެށުމާ ގުޅިގެން، ހަވާއީގެ ވައިގެ ސަރަހައްދުން ދަތުރުކުރާ މަތިންދާބޯޓުތައް އެކަމަށް ސަމާލުވެ، މޫސުމާ ބެހޭ އިދާރާތަކުން އެންމެ ފަހުގެ މައުލޫމާތު ހޯދުމަށް، ހަވާއީގެ ދަތުރުފަތުރުތަކާ ބެހޭ އިދާރާ އިން ވަނީ އާންމުކޮށް އިއުލާން ކޮށްފަ އެވެ. ހަވާއީ ސަރުކާރުން ބުނި ގޮތުގައި އަލިފާން ފަރުބަދަ ގޮވަން ފެށުމާ ގުޅިގެން، އެ ސަރަހައްދާ ކައިރީގައިވާ ބައެއް ވައިގެ ބަނދަރުތަކުގެ ދަތުރުތައް ވަނީ ވަކި ވަރަކަށް މަދުކޮށްފަ އެވެ.

އެ ގޮތުން އަލިފާން ފަރުބަދައިގެ އިރުމަތީ ފަރާތުން އައްސޭރި ފަށުގައި އޮންނަ ހީލޯ އިންޓަނޭޝަނަލް އެއާޕޯޓާއި އެ ފަރުބަދައިގެ ހުޅަނގު ފަރާތުން އައްސޭރި ފަށުގައި އޮންނަ އެލިސަން އޮނިޒޫކާ ކޯނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ދަތުރުތައް މިހާރު ވަނީ ވަކި ވަރަކަށް މަދުކޮށްލައިފަ އެވެ. އެމެރިކާގެ ސައުތު ވެސްޓް އެއާލައިނުން ބުނި ގޮތުގައި ހީލޯ އެއާޕޯޓަށް އެ އެއާލައިނުން ކުރާ ދަތުރުތައް މިހާރު ވަނީ ވަގުތީ ގޮތުން މެދުކަނޑާލައިފަ އެވެ.

އަލިފާން ފަރުބަދަ ގޮވުމުން ވައިގެ ތެރެއަށް އަރައިގެންދާ އަޅިއާއި ދުމާއި ވިހަ ގޭސްތައް ވައިގެ ފަށަލައިގެ ތެރޭގައި ޖަމާވެ، ބޯ ވިލާގަނޑެއް އުފެދޭނެ އެވެ. އެހެންކަމުން، އެމެރިކާގެ ފެޑެރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަނުން މިއަދު ބުނީ، އިއްޔެ ގޮވަން ފެށި އަލިފާން ފަރުބަދައިން ނުކުންނަ އަޅިތަކުން އުފެދޭ ވިލާގަނޑުގެ ބޮޑުމިން ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އެކަން ދެނެގަނެވުމާ އެކު، އެ ސަރަހައްދުގައި ދަތުރުތައް ކުރިއަށް ގެންދިއުމާ މެދު އަމަލުކުރަންވީ ގޮތް ވަރަށް އަވަހަށް އަންގާނެ ކަމަށެވެ.

އަލިފާން ފަރުބަދަ ގޮވުމުން ފައިބައިގެންދާ ދިޔާ އަލިފާނާއި ވިރިކެކޭ ހިލަތައް، ކައިރީގައިވާ އަވަށެއްގެ ތެރެއަށް ފައިބަން ފަށައިފިއްޔާ، އެ ތަނެއްގައި ހުންނަ އެއްގަމު އުޅަނދުތަކާއި އިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެ އެވެ. އޭގެ އިތުރުން އެ ސަރަހައްދެއްގެ ބޯފެނުގެ ނިޒާމަށާއި ނަރުދަމާ ނިޒާމަށް ގެއްލުންތަކެއް ލިބި ކަރަންޓުގެ ޚިދުމަތަށް ބުރޫ އެރުމުގެ ފުރުސަތު ވެސް އޮންނާނެ އެވެ.

ހަވާއީ ސަރުކާރުން ބުނި ގޮތުގައި މިހާރު ގޮވަމުންދާ އަލިފާން ފަރުބަދައިން ނުކުންނަ ދިޔާ އަލިފާނާއި ވިރިކެކޭ ހިލަތައް، އަވަށްތަކަށް ފޭބުމުގެ ބިރެއް ނެތަސް، ވަޔާއެކު ބުރައިގެންދާ އަޅިއާއި ދުން އަދި ލޮލަށް ނުފެންނަވަރުގެ ކުދިކުދި ދެލިކޮޅުތަކުން ލޮލަށާއި ނޭވާލާ ނިޒާމަށް ގެއްލުން ލިބުމުގެ ފުރުސަތު އެބަ އޮތެވެ. އެހެންކަމުން، ހުރިހާ އެންމެން ވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލުވުމަށް ސަރުކާރުން ވަނީ އިރުޝާދު ދީފަ އެވެ.

ހަވާއީގެ މައުނާ ލޯއާއަކީ ކަނޑުގެ ސަތަހައިން ފެށިގެން 4169 މީޓަރަށް އުފުލިފައި ހުންނަ ބިޔަ އަލިފާން ފަރުބަދައެކެވެ. މި ފަރުބަދަ 1950 ވަނަ އަހަރު ގޮވުމާއެކު، 34 ކިލޯމީޓަރު ދުރުގައި އޮތް ކަނޑުގެ ތެރެއަށް އޭގެ ދިޔާ އަލިފާނާއި ހިލަތައް ފައިބައިގެން ދިއުމަށް ނެގީ އެންމެ ތިން ގަޑިއިރެވެ. މި ފަރުބަދަ އެންމެ ފަހުން ގޮވާފައިވަނީ 1984 ވަނަ އަހަރުގެ ތެރޭގަ އެވެ.