Roadha Mihaaru
އަންނަ އަހަރުގެ ބަޖެޓުން ވާނީ ގެއްލުން: އިދިކޮޅު

އަންނަ އަހަރުގެ ބަޖެޓުން އިގްތިސާދަށް ވާނީ ގެއްލުން: ޕީޕީއެމް/ޕީއެންސީ

27 ނޮވެމްބަރ 2022

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ ސަބަބުން ދިވެހި އިގްތިސާދަށް ވަރަށް ބޮޑެތި ނޭދެވޭ އަސަރުކުރާނެ ކަމަށް ބުނެ އިދިކޮޅު ޕީޕީއެމް/ޕީއެންސީ އިން ފާޑު ކިޔައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ ސަބަބުން ދިވެހި އިގްތިސާދަށް ވަރަށް ބޮޑެތި ނޭދެވޭ އަސަރުކުރާނެ ކަމަށް ބުނެ އިދިކޮޅު ޕީޕީއެމް/ޕީއެންސީ އިން ފާޑު ކިޔައިފި އެވެ.

އަންނަ އަހަރަށް ލަފާކުރާ 42.8 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓް ފާސްކުރަން ވޯޓަށް އެހުން މާދަމާއަށް ތާވަލުކޮށްފައި ވަނިކޮށް އިދިކޮޅު ކޯލިޝަންގެ ޕާލިމެންޓްރީ ގްރޫޕުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެ ބަޖެޓަކީ "ރައްޔިތުންގެ އަތުން ފައިސާ ހޯދައިގެން ސަރުކާރުގެ ސިޔާސީ ބޭނުންތަކަށް ހަރަދުކުރަން" ނިންމާފައިވާ ބަޖެޓެއް ކަމަށެވެ. އެހެންވެ އެކަމުން އިގްތިސާދަށް ނޭދެވޭ އަސަރުކުރާނެ ކަމަށް ބުންޏެވެ.

އެހެންވެ، އިދިކޮޅުން ވަނީ މި ބަޖެޓް 36 ބިލިއަން ރުފިޔާއަށް ކުޑަކޮށް، މަސްވެރިންނަށް ސީދާ މަންފާކުރާނެ ގޮތަށް 297 މިލިއަން ރުފިޔާ މަސްވެރިންގެ ސަބްސިޑީއަށް އިތުރުކުރުމަށް އިސްލާހު ހުށަހަޅާފައި ކަމަށް ބުންޏެވެ.

އެ ބަޔާނުގައި އިދިކޮޅުން ވަނީ ސިޔާސީ ތައައްސުބުން އެއްކިބާވެ، މަޖިލީހުގެ ހުރިހާ މެމްބަރުން ވެސް އިދިކޮޅުގެ އިސްލާހުތަކަށް ތާއީދުކޮށްދިނުމަށް އެދިފަ އެވެ.

މަޖިލީހުގެ މި ދައުރުގެ އެންމެ ފަހު ޖަލްސާ އޮންނާނީ މާދަމާ އެވެ. އެހެންވެ ބަޖެޓަށް ވޯޓަށް އެހުން މާދަމާއަށް ތާވާލުކޮށްފައިވާއިރު މީގެ ކުރިން ވެސް ދެ ޖަލްސާއަކަށް މި ބަޖެޓް ފާސްކުރަން ތާވަލުކުރި އެވެ. އެކަމަކު ކޯރަމް ހަމަނުވާތީ ކަމަށް ބުނެ ވޯޓަކަށް ނާހަ އެވެ.

އަންނަ. އަހަރުގެ ބަޖެޓަށް ބޭނުންވާ އާމްދަނީ ހޯދުމުގެ ގޮތުން އަންނަ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ޖީއެސްޓީ، އަށް ޕަސެންޓަށް އަދި ޓީޖީއެސްޓީ 16 ޕަސެންޓަށް ބޮޑުކުރަން ވަނީ ނިންމައިފަ އެވެ. އަދި ޓެކްސްގެ ގާނޫނު މަޖިލީހުން އިސްލާހުކޮށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އެ އިސްލާހު ތަސްދީގު ކުރައްވައިފަ އެވެ.

އެ ބަޖެޓްގެ ގާތްގަނޑަކަށް 70 ޕަސެންޓް ހޭދަކުރަނީ ސަރުކާރުގެ މުވައްޒަފުންގެ މުސާރަ އާއި އޮފީސްތައް ހިންގުމަށެވެ. އެއީ 29 ބިލިއަން ރުފިޔާ އެެވެ. ޕީއެސްއައިޕީ އާއި ތަރައްގީގެ މަޝްރޫއުތައް ހިންގުމަށާއި އެހެން މަޝްރޫއުތަކށް ކަނޑައަޅާފައިވާ ބަޖެޓަކީ 14 ބިލިއަން ރުފިޔާ އެވެ.

ބަޖެޓާ މެދު އިިދިކޮޅު ޕީޕީއެމްގެ ނުރުހުން ވެސް އޮތްއިރު އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ މެމްބަރުން ވެސް ވަނީ މި ބަޖެޓަކީ ދައުލަތުގެ ދަރަނި އިންތިހާއަށް އިތުރުކުރާނެ ބަޖެޓެއް ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެ މެމްބަރުން، ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރުމަށް ވެސް ދެކޮޅު ހެއްދެވި އެވެ.