Roadha Mihaaru
މިހާ އަގުބޮޑު ބިމެއްގައި ޖަލެއް ހުރުން މުހިއްމުތަ؟

މިހާ އަގުބޮޑު ބިމެއްގައި ޖަލެއް ހުރުން މުހިއްމުތަ؟

24 ނޮވެމްބަރ 2022

މި ރަށުގައި މީގެ 12 ވަރަކަށް އަހަރު ކުރިން ޓޫރިޒަމްގެ ވިޔަފާރި ފެށިއިރު، ރަށުގެ އެއް ފަރާތުގައި ހުރި ބޮޑު ޖަލަކީ އެކަމަށް އެޅޭނެ ހުރަހެއް ކަމަށް ބައެއް މީހުންނަށް ގަބޫލުކުރެވުނެވެ. އިންވެސްޓްމަންޓުތައް ބޭކާރުވެ، މާލީ ގެއްލުމަކާ ކުރިމަތިވާނެ ކަމަށް ދެކި، އެންމެ ފުރަތަމަ ގެސްޓް ހައުސްގެ ވިޔަފާރި ފެށި ފަރާތްތަކުން ވެސް އެކަން ކުރީ އަމިއްލަ ރިސްކެއްގަ އެވެ.

އާސިމާ ނިޒާރު ކ. މާފުށިން އާސިމާ ނިޒާރު

މި ރަށުގައި މީގެ 12 ވަރަކަށް އަހަރު ކުރިން ޓޫރިޒަމްގެ ވިޔަފާރި ފެށިއިރު، ރަށުގެ އެއް ފަރާތުގައި ހުރި ބޮޑު ޖަލަކީ އެކަމަށް އެޅޭނެ ހުރަހެއް ކަމަށް ބައެއް މީހުންނަށް ގަބޫލުކުރެވުނެވެ. އިންވެސްޓްމަންޓުތައް ބޭކާރުވެ، މާލީ ގެއްލުމަކާ ކުރިމަތިވާނެ ކަމަށް ދެކި، އެންމެ ފުރަތަމަ ގެސްޓް ހައުސްގެ ވިޔަފާރި ފެށި ފަރާތްތަކުން ވެސް އެކަން ކުރީ އަމިއްލަ ރިސްކެއްގަ އެވެ.

އޭގެ ތެރެއިން އެކަކަކީ، 2011 ވަނަ އަހަރު ލޯކަލް ޓޫރިޒަމްގެ ތެރެއަށް ނުކުތް އަދި މިހާރު މި ރަށުގައި އެންމެ ވަރުގަދަ އަށް މި މަސައްކަތްކުރާ ޓްރައިޓަންގެ އެއް ހިއްސާދާރު އިބްރާހިމް މުރުތަލާ އެވެ.

އޭނާ ވިދާޅުވި ގޮތުގައި މާފުށީގައި ގެސްޓް ހައުސްގެ ވިޔަފާރި ފެށިއިރު ޖަލު ހުރުން ކޮންމެ ވެސް ވަރަކަށް މައްސަލައަކަށް ވި އެވެ. ސޯޝަލް މީޑިއާގައި މާފުށީ ޖަހައި ސާޗު ކޮށްލާއިރު، ޖަލުގައި ހިނގި ހިތާމަވެރި ހާދިސާތައް ފެނުން ވެގެން ދިޔައީ އޭރު ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެންވެ، މާފުށީ ޖަލު އެހެން ރަށަކަށް ބަދަލުކުރަން ގެސްޓް ހައުސްތަކަށް އޭރު އެދުނެވެ. އެކަމަކު، އެކަން ކުރިއަކަށް ނުދިޔަ އެވެ.

ނަމަވެސް މާފުށީގައި ވަރަށް ހިތްވަރު ގަދަ ބައެއްގެ މަސައްކަތުން އެކަން ބަދަލުކޮށްލައިފި އެވެ. ވަކިވަކި ޓޫރިސްޓުންނަށް އެ ޖަލުގެ ހާލަތު ކިޔައިދީގެން އެ މީހުންގެ އިތުބާރު ހޯދައިފި އެވެ. މީގެ ކުރިން ފެނުނު ޖަލުގެ ބަދަލުގައި މިހާރު ފެންނަނީ މާފުށީގެ ބޮޑެތި ގެސްޓް ހައުސްތަކާއި ރަށުގައި ޓޫރިސްޓުން ހެލިފެލިވެ އުޅޭ މަންޒަރެވެ.

"މި ވަގުތު އެއީ [ޖަލު ހުރުމަކީ] މައްސަލައެއް ނޫން،" މުރުތަލާ ވިދާޅުވި އެވެ.

ޖުމުލަ 10 ކޮޓަރިއާއެކު ގެސްޓް ހައުސްގެ ވިޔަފާރިއަށް ނުކުތް ޓްރައިޓަން އިން މިހާރު އަންނަނީ އެ ކުންފުނީގެ ހަތަރު ވަނަ ގެސްޓް ހައުސް އިމާރާތް ކުރަމުންނެވެ. ކޮޓަރީގެ އަދަދު ވެސް 80 އަށް އިތުރުވެއްޖެ އެވެ.

ނަމަވެސް މުރުތަލާގެ އެ ވިސްނުމަށް، މި ރަށުގައި ގެސްޓް ހައުސް ހިންގުމުގައި އަހަރުތަކެއް ވަންދެން އިސްކޮށް އުޅުނު މީހަކު އެއްބަހެއް ނޫނެވެ.

މާފުށީގެ މަތިން ނަގާފައިވާ ފޮޓޯއެއް.- ފޮޓޯ: ނިޝާން އަލީ/ މިހާރު

މާފުށީގެ މަތިން ނަގާފައިވާ ފޮޓޯއެއް.- ފޮޓޯ: ނިޝާން އަލީ/ މިހާރު

އޭނާ ގަބޫލުކުރާ ގޮތުގައި ބިމުގެ އަގު މިލިއަނުން އަރައި، ރަނަށް ބަދަލުވެގެން ގޮސްފައިވާ މާފުށީގައި ޖަލު ހުރުމަކީ މައްސަލައެކެވެ. ނުރައްކާތެރި ކުށްވެރިން ތިބި މި ޖަލު މީހުން ދިރިނޫޅޭ ރަށަކަށް ބަދަލުކުރުން މާ ބުއްދިވެރި ކަމަށް، ނަން ނުޖެހުމަށް އެދި ވާހަކަ ދެއްކި މީހާ ބުންޏެވެ.

ޖަލު ހުރި ބިމުގެ ބޮޑުމިނަކީ 99،000 ސްކެއާ މީޓަރެވެ. އެއީ، މި ރަށުގައި މިހާރު ބިން ހުރި އެވްރެޖު އަގު، އަކަފޫޓަކަށް 2،700ރ. ގެ ރޭޓުން ބަލާ ނަމަ 2.4 ބިލިއަން ރުފިޔާ އެވެ. އަދި އަލަށް ހިއްކި 25 ހެކްޓަރުގެ ބިމާއެކު، މުޅި މާފުށީގެ ބިމުގެ އަގު އެތައް ބިލިއަން ޑޮލަރަކަށް އަރާނެ އެވެ.

"ގެސްޓް ހައުސް ހުންނަން ޖެހޭ ތަނުގައި ހުރީ ޖަލު. އެ ތަނުގައި ވަރަށް ރީތި މޫދެއް އޮންނާނެ. ޖަލު ހުއްޓަސް ރަށުގެ މީހުން ބިރެއް ނުގަނޭ. އެކަމަކު، ހުރިހާ ގެސްޓް ހައުސް އެއް ޓޫރިސްޓުންނާ އެކު ފުރިފައި އޮންނައިރު ކަމެއް ދިމާވާއިރު އެތައް ބައެއްގެ ފުރާނަ ނުރައްކަލެއް އެޅިފައި އޮންނާނެ. އެންމެ ރަނގަޅު ގޮތަކީ އެ ޖަލު ބަދަލުކުރުން،" އޭނާ ބުންޏެވެ.

ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އަދި މިހާރު މާފުށީގައި ވިޔަފާރި ކުރައްވާ އާދިލް ސަލީމް ވިދާޅުވި ގޮތުގައި، މާފުށީ ޖަލުގެ ސަބަބުން، މި ރަށުގެ ޓޫރިޒަމަށް ވަރަށް ބޮޑު ހިޔަންޏެއް އޮތީ އެޅިފަ އެވެ.

"ދުނިޔެ ގަބޫލުކުރާ ވަރުގެ ޓޫރިޒަމެއް މި ރަށުގައި އެބައޮތް. އެކަމަކު މި ރަށް އަދިވެސް މަޝްހޫރީ ޖަލުގެ ސަބަބުން. އެއީ މައްސަލައެއް،" އޭނާ ވިދާޅުވި އެވެ.

"އަނެއް ކަމަކީ، މި ބިމުގެ އަގަށް ބަލާއިރު މި ރަށެކޭ މާލެއެކޭ މިހާރު ތަފާތެއް ނެތް. އެހާ ބޮޑު ބިމެއް ޖަލު ހަދާށޭ ކިޔައިފައި ދީފައި އޮތުމަކީ، އަޅުގަނޑަކަށް ހިޔެއް ނުވޭ ސަރުކާރުން ވިސްނައިފައި އޮތް ކަމެއްހެން ވެސް، ސަރުކާރަށް ވަރަށް ބޮޑު ފައިދާއެއް ލިބިދާނެ ކަމެއް އެއީ. އެތައް ބައިވަރު ހޮޓާތައް އެޅޭނެ ބިމެއް އެއީ،" އާދިލް ވިދާޅުވި އެވެ.

މާފުށީގެ ޓޫރިޒަމް މިހާ ފުޅާވެގެން އަންނައިރު، މި ރަށުގައި ޖަލު ހުރުން މުހިންމުތޯ ދެންނެވުމުން ކައުންސިލްގެ ރައީސް ހަސަން ސަލާހު އެންމެ ފުރަތަމަ ވެސް ވިދާޅުވީ މާފުއްޓަށް ޖަލު ބޭނުންވާ ކަމަށެވެ.

"ޖަލަކީ އަޅުގަނޑުމެންގެ އިންޖީނު ހަމަ. ވަރަށް ގިނަ މުވައްޒަފުން އެ ތަނުގައި އެބަ އުޅޭ. އަޅުގަނޑު ބައެއް ޓޫރިސްޓުންނާ ވާހަކަދައްކާލީމަ އެ މީހުން ދެކެނީ ވަރަށް ސޭފް ރަށެއްގައި ވީމަތާއޭ ޖަލު އިންނާނީ. އެގޮތަށް ވެސް މާނަ ނަގާ،" ސަލާހު ވިދާޅުވި އެވެ.

މާފުށީގައި ޓޫރިސްޓުންތަކެއް އެކްސްކާޝަން އަށް ދަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މާފުށީގައި ޓޫރިސްޓުންތަކެއް އެކްސްކާޝަން އަށް ދަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އޭނާ ވިދާޅުވި ގޮތުގައި މާފުށީ ޖަލު އެ ތަނުން ބޭރުކުރަން އިންވެސްޓަރުން ޑިމާންޑެއް ނުކުރެ އެވެ. ނަމަވެސް ބައެއް ފަހަރު މާފުށީ ޖަލު ކިޔާތީ މައްސަލަ ދިމާވާކަން ފާހަގަކުރެއްވި އެވެ.

ޖަލު އޮފިސަރެއްގެ ގޮތުގައި 12 އަހަރު ވަންދެން މަސައްކަތްކުރެއްވުމަށް ފަހު، ކައުންސިލަށް ވަޑައިގެންނެވި ސަލާހު ވިދާޅުވީ އެ ތަން ފަޅާލައިގެން ނުކުތުމުގެ ފުރުސަތެއް ނެތް ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެތަން ފަޅާލާފައި ނުއެއް ނިކުމެވޭނެ. އެއީ ރިސްކެއް ނޫން،" ކަރެކްޝަންސްގެ އިމަޖެންސީ ރެސްޕޮންސް ޓީމުގައި ކުރިން މަސައްކަތް ކުރެއްވި ސަލާހު ވިދާޅުވި އެވެ.

"އަނެއް ކަމަކީ އެއީ މި ރަށުގެ ވަރަށް ގިނަ މީހުން ވަޒީފާ އަދާކުރާ ތަން. އެތައް ބައިވަރު މީހުން އެތާނގައި އެބަ ވަޒީފާ އަދާކުރޭ."

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވި ގޮތުގައި މާފުށީގައި ޖަލު ހުންނާތީ މިހާތަނަށް އެއްވެސް ފަރާތަކުން މިނިސްޓްރީ އަށް ޝަކުވާއެއް ހުށަހަޅާފައެއް ނުވެ އެވެ. އެ މިނިސްޓްރީން މި ވަގުތު އެންމެ ބޮޑު އިސްކަމެއް ދީގެން ކުރަމުން އަންނަނީ މާލޭގައި ހުންނަ ޖަލު، ހުޅުމާލެ އަށް ބަދަލުކުރުމުގެ މަސައްކަތް ކަމަށް އޭނާ ވިދާޅުވި އެވެ.

މާފުށީގެ ބިން ފުރި، ބިމުގެ އަގު ރަނަށް ވެއްޖެ އެވެ. ބައެއް މީހުން ގަބޫލުކުރާ ގޮތުގައި ކުރިއަށް އޮތް ދިހަވަރަކަށް އަހަރުގެ ތެރޭގައި މުޅި މާފުށި ފެންނާނީ ޓޫރިސްޓް ހޮޓާތަކުން ފުރިފައި އޮއްވަ އެވެ. އެހާ ކާމިޔާބު ޓޫރިޒަމެއް މިހާރު ވެސް އޮތް ރަށެއްގައި، ޖަލު ހުރުން މުހިންމުތޯ، މިއީ ހަމަ އިންވެސްޓަރުން އުފައްދާ ސުވާލެކެވެ.