Roadha Mihaaru
"އެޑެކްސް"ގެ ރާއްޖޭގެ އެޑިޝަން އަންނަ އަހަރު ބާއްވަނީ

ރާއްޖެއަށް ހާއްސަކޮށްގެން ފުރަތަމަ ފަހަރަށް "އޭޝިއަން ޑައިވް އެކްސްޕޯ" ބާއްވަނީ

21 ނޮވެމްބަރ 2022

އޭޝިއާގެ އެންމެ މަގްބޫލު ސްކޫބާ ޑައިވިން އެގްޒިބިޝަން ބްރޭންޑް، "އޭޝިއަން ޑައިވް އެކްސްޕޯ (އެޑެކްސް)" އިން ރާއްޖެ އަށް ހާއްސަކޮށްގެން ފުރަތަމަ ފަހަރަށް އެގްޒިބިޝަނެއް ބާއްވަން ނިންމައިފި އެވެ.

އަހުމަދު އަރުޝަމް އަހުމަދު އަރުޝަމް

އޭޝިއާގެ އެންމެ މަގްބޫލު ސްކޫބާ ޑައިވިން އެގްޒިބިޝަން ބްރޭންޑް، "އޭޝިއަން ޑައިވް އެކްސްޕޯ (އެޑެކްސް)" އިން ރާއްޖެ އަށް ހާއްސަކޮށްގެން ފުރަތަމަ ފަހަރަށް އެގްޒިބިޝަނެއް ބާއްވަން ނިންމައިފި އެވެ.

އެޑެކްސްގެ ރާއްޖޭގެ އެޑިޝަން "އެޑެކްސް މޯލްޑިވްސް"ގެ ނަމުގައި އެ އެގްޒިބިޝަން ބާއްވަން ނިންމާފައި ވަނީ އަންނަ އަހަރުގެ މާޗު މަހު އޮންނަ މެރިން އެކްސްޕޯއާ އެކީގަ އެވެ.

ހުޅުމާލެ ސެންޓްރަލް ޕާކުގައި އަންނަ އަހަރުގެ މާޗް މަހުގެ 15 އިން 18 އަށް ބާއްވަން ހަމަޖެހިފައިވާ އަށް ވަނަ "މޯލްޑިވްސް މެރިން އެކްސްޕޯ" ގައި އެޑެކްސް މޯލްޑިވްސް އިންް، ޑައިވިންގެ އެންމެ ކުރީގައި އުޅޭ ފަރާތްތައް ތަމްސީލުކުރަން ވަނީ ހަމަޖެހިފަ އެވެ.

މެރިން އެކްސްޕޯ އަކީ ރާއްޖޭގެ ސަފާރީ އޮޕަރޭޓްކުރުމުގެ ދާއިރާގައި އުޅޭ ޖަމިއްޔާ، ނޭޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް) އިން 2016 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ސަފާރީތަކާއި ޔޮޓުތަކާއި ވޯޓާ ސްޕޯޓްސް އަދި މަސްވެރިކަން ފަދަ މެރިން ދާއިރާއާ ގުޅޭ ޕްރޮޑަކްޓްތަކާއި އެއާ ގުޅޭ މައުލޫމާތު ހިއްސާކުރާ ހަރަކާތެކެވެ.

އެޑެކްސް މޯލްޑިވްސް އިންތިޒާމްކުރުމަށްޓަކައި، އެ ބްރޭންޑުން މިހާރު ވަނީ އެންބީއޭއެމްއާ އެކު އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. އަދި އިވެންޓު އިންތިޒާމް ކުރާ ރާއްޖޭގެ ކުންފުންޏެއްކަމަށްވާ މީޑިއަމް ޕްރައިވެޓް ލިމިޓެޑާ އެކު ވެސް އެއްބަސްވުމެއްގައި ސޮއިކޮށްފައިވެ އެވެ.

އޭޝިއާ ސަރަހައްދުގެ އެންމެ ބޮޑު ޑައިވް ފެއާ، "އޭޝިއަން ޑައިވް އެކްސްޕޯ" ސިންގަޕޫރުގައި ބާއްވަމުން އަންނަތާ 27 އަހަރު ވެއްޖެ އެވެ. އަދި އެ ބްރޭންޑުން އެކި ގައުމުތަކަށް ހާއްސަކޮށްގެން ވެސް އަންނަނީ އެކްސްޕޯތައް ބާއްވަމުންނެވެ. އޭގެ ތެރޭގައި ފިލިޕީންސް، މެލޭޝިއާ، ޗައިނާ އަދި އިންޑިއާ ފާހަގަކޮށްލެވެ އެވެ.