14 ނޮވެމްބަރ 2022
ކޯޗު އެރިކް ޓެން ހަގް އާއި ސީނިއާ އޮފިޝަލުންތަކެއް އޭނާ ކްލަބުން ބޭރުކުރަން މަސައްކަތްކުރާ ކަމަށާއި އޭނާ އަށް ކުރެވެނީ ކްލަބުން އޭނާ އަށް އޮޅުވާލާފައިވާ ކަމުގެ އިހުސާސް ކަމަށް މެންޗެސްޓާ ޔުނައިޓެޑުގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފި އެވެ.
ކޯޗު އެރިކް ޓެން ހަގް އާއި ސީނިއާ އޮފިޝަލުންތަކެއް އޭނާ ކްލަބުން ބޭރުކުރަން މަސައްކަތްކުރާ ކަމަށާއި އޭނާ އަށް ކުރެވެނީ ކްލަބުން އޭނާ އަށް އޮޅުވާލާފައިވާ ކަމުގެ އިހުސާސް ކަމަށް މެންޗެސްޓާ ޔުނައިޓެޑުގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފި އެވެ.
އިނގިރޭސި ނޫސްވެރިޔާ ޕިއާސް މޯގަންގެ 'އަންސެންސާޑް' ޝޯ އަށް ދިން އިންޓަވިއުއެއްގައި ރޮނާލްޑޯ ވަނީ ސިއްސައިގެންދާ ފަދަ ވާހަކަތަކެއް ދައްކައިފަ އެވެ.
ޔުނައިޓެޑުން ވިދާލި ފޯވާޑް، ރެއާލް މެޑްރިޑާއި ޔުވެންޓަސް އަށް ކުޅުމަށް ފަހު އެނބުރި އެ ކްލަބަށް ދިޔައީ މިދިޔަ ސީޒަނުގަ އެވެ. މެންޗެސްޓާ ސިޓީން ފުރުސަތު ލިބިފައި އޮއްވާ އޭނާ ޔުނައިޓެޑަށް ގޮސް ފުރަތަމަ ސީޒަނުގައި ރަނގަޅަށް ކުޅުނެވެ.
އެކަމަކު ޔުނައިޓެޑަށް މި ސީޒަނުގެ ޗެމްޕިއަންސް ލީގުން ފުރުސަތު ނުލިބުމުން އޭނާ ވަނީ ޓީމު ދޫކޮށްލަން މަސައްކަތްކޮށްފަ އެވެ. އަނެއްކޮޅުން އާ ކޯޗު ޓެން ހަގްގެ ޕްލޭނުގައި އޭނާ ނުވެސް ހިމެނެ އެވެ.
ދާދި ފަހުން ޕްރިމިއާ ލީގުގައި ޓޮޓެންހަމް ހޮޓްސްޕާސްއާ ދެކޮޅަށް ކުޅެން އަރަން ރޮނާލްޑޯ ދެކޮޅު ހެދުމުން ޓެން ހަގް ވަނީ އަދަބު ދީފަ އެވެ. އޭގެ ފަހުން އެސްޓަން ވިލާ އަތުންް 3-1 އިން މޮޅުވި މެޗުގައި ރޮނާލްޑޯ އަށް ކޯޗު ކެޕްޓަންކަން ދިނެވެ. އެއާ އެކު ބެލެވުނީ މައްސަލަ ހައްލުވީ ކަމަށެވެ.
އެކަމަކު އިންޓަވިއުގައި ރޮނާލްޑޯ ބުނީ ޓެން ހަގް އަށް އިހުތިރާމު ނުކުރާ ކަމަށެވެ.
"އޭނާ އަހަންނަށް އިހުތިރާމް ނުކުރޭ އެހެންވެ އަހަރެން ވެސް އޭނާ އަށް އިހުތިރާމެއް ނުކުރަން. ހަމައެކަނި ކޯޗެއް ނޫން. ކްލަބުގައި އުޅޭ އިތުރު ދޭއް ނުވަތަ ތިން މީހަކު. އަހަންނަށް އިހުސާސްކުރެވެނީ އެ މީހުން އަހަންނަށް އޮޅުވާލާފައިވާ ކަމަށް،" ރޮނާލްޑޯ ބުންޏެވެ.
ރޮނާލްޑޯ ބުނީ ކްލަބުގެ ބައެއް އިސް އޮފިޝަލުން އޭނާ އެ ކްލަބުގައި ބަހައްޓަން ބޭނުންނުވާ ކަމަށާއި މިދިޔަ އަހަރު ވެސް އެ މަސައްކަތް އެ މީހުން ކުރި ކަމަށެވެ.
އެލެކްސް ފާގަސަންގެ ކޯޗުކަމުގައި ޔުނައިޓެޑުގައި ވިދާލި ރޮނާލްޑޯ ބުނީ ފާގަސަން ދިޔަ ފަހުން ކްލަބަށް ކުރިއެރުމެއް ނާންނަ ކަމަށާއި އެއްވެސް ކަމެއް ބަދަލުނުވާ ކަމަށެވެ.
"އަހަރެން ބޭނުންވަނީ މި ކްލަބަށް އެންމެ ރަނގަޅު ގޮތް ވާން. އެހެންވެ އެނބުރި އައީ ވެސް،" ރޮނާލްޑޯ ބުންޏެވެ.
ރޮނާލްޑޯ ބުނީ މެންޗެސްޓާ ސިޓީ އާއި ލިވަޕޫލް އަދި މިހާރު އާސެނަލް އެއޮތް ފެންވަރަށް ޔުނައިޓެޑް ނުދަނީ އެތެރޭގެ މައްސަލަތަކާ ހެދި ކަމަށާއި މިވަރުގެ ކްލަބެއް އޮންނަންވާނީ އެންމެ ކުރީގައި ކަމަށެވެ.
"މިސާލަކަށް މިއީ ޝައުގުވެރި ޕޮއިންޓެއް. ކޯޗު އޮލެ ގުނަ ސޯލްޝެއާ ވަކި ކުރުމަށް ފަހު ގެނައީ ސްޕޯޓްސް ޑިރެކްޓަރު ރަލްފް ރަންގްނިކް. މިއީ ކިހިނެއް ވީ ކަމެއް ކަން އެކަކަށް ވެސް އޮޅުމެއް ނުފިލާ. އެނާ އަކީ ކޯޗެއް ވެސް ނޫން، މެންޗެސްޓާ ޔުނައިޓެޑް ކަހަލަ ބޮޑު ކްލަބަކުން ކޯޗަކަށް، ސްޕޯޓްސް ޑިރެކްޓަރެއް ގެނައީމައި ހައިރާންކަން ގެނުވީ އަހަރެންނަށް އެކަންޏެއް ނޫން، އެއީ ދުނިޔެއަށް ވެސް ލިބުނު ސިހުމެއް،" ރޮނާލްޑޯ ބުންޏެވެ.
ރޮނާލްޑޯ ބުނީ، ޔުނައިޓެޑްގެ ފެސިލިޓީގެ އިންފްރާސްޓްރަކްޗާ އާއި ކްލަބުގައި މަސައްކަތް ކުރާ ސްޓާފުންނަކީ ވެސް އޭނާ އެންމެ ފުރަތަމަ ޔުނައިޓެޑާ ގުޅުނު އިރު މަސައްކަތް ކުރާ މީހުން ކަމަށާއި، ޓެކްނޮލޮޖީގެ ގޮތުން ދުނިޔެ މިހާ ކުރި އަރާފައި އޮތް އިރު، ޔުނައިޓެޑުން އެކަން ފެންނަން ނެތުމަކީ ހައިރާން ވާ ކަމެއް ކަމަށެވެ.
މީގެ ކުރިން ރޮނާލްޑޯ އަށް ފާޑު ކިޔައި ވާހަކަ ދެއްކި އޭނާގެ ކުރީގެ ޓީމްމޭޓް ވޭން ރޫނީ އަށް ވެސް ރޮނާލްޑޯ ބަހުގެ ހަމަލާތަކެއް ދިނެވެ.
"އަހަރެންނަކަށް ނޭނގޭ ރޫނީ އަހަރެންނަށް އެހާ ބޮޑަށް ފާޑު ކިޔަންވީ ސަބަބެއް. ފަހަރުގައި ވެދާނެ އޭނާ ކުޅުން ހުއްޓަލައިގެން ހުރި އިރު އަހަރެން އަދިވެސް އެންމެ މަތީ ލެވެލްގައި ކުޅޭތީ ކަމަށް ވެސް،" ރޮނާލްޑޯ ބުންޏެވެ.
އިންޓަވިއު ގައި ރޮނާލްޑޯ ވަނީ، އޭޕްރީލް މަހު އޭނާގެ ދަރިފުޅު ނިޔާވުމާ ގުޅިގެން، ލިވަޕޫލްގެ އެންފީލްޑުގައި ކުޅުނު މެޗުގައި ލިވަޕޫލްގެ ސަޕޯޓަރުންގެ ހާއްސަ ޓްރިބިއުޓް ފާހަގަ ކޮށް ވާހަކަ ދައްކައިފަ އެވެ. އެ މެޗުގެ ހަތްވަނަ މިނިޓުގައި ލިވަޕޫލްގެ ސަޕޯޓަރުން ވަނީ ރޮނާލްޑޯގެ ހިތާމައިގައި ބައިވެރިވެ، މުޅި ދަނޑުގައި ލިވަޕޫލްގެ ސްލޯގަން "ޔޫ ވިލް ނެވާ ވޯކް އެލޯން" ގެ އަޑުން ގުގުމާލައިފަ އެވެ.
ރޮނާލްޑޯ ބުނީ ވާދަވެރި ޓީމެއްގެ ސަޕޯޓަރުންގެ ފަރާތުން އެފަދަ ހިތްހެޔޮކަމެއް ފެންނާނެ ކަމަށް އޭނާ ދުވަހަކު އުއްމީދު ވެސް ނުކުރާ ކަމަށާއި، އެންމެ ބޮޑު ހިތާމައަކީ އެވަރުގެ ސަޕޯޓެއް އޭނާ ނިސްބަތްވާ ކްލަބުން ނުލިބުން ކަމަށެވެ. ރޮނާލްޑޯ ބުނި ގޮތުގައި އޭނާ ޕްރީ ސީޒަން ފަރިތަކުރުންތަކުގައި ބައިވެރި ނުވެވުނީ، އޭނާގެ ތިން މަހުގެ ތުއްތު ދަރިފުޅު ޖުލައި މަހު ހޮސްޕިޓަލުގައި އެޑްމިޓް ކުރުމުން، ދަރިފުޅު ގާތުގައި ހުންނަން އޭނާ ބޭނުން ވެގެން ކަމަށެވެ.
އެހެން ނަމަވެސް ޔުނައިޓެޑްގެ ސީނިއާ އެގްޒެކެޓިވް ސްޓާފުން އޭނާއާ މެދު ޝައްކު ކުރަން ފެށުމުން ވަރަށް ހިތުގައި ޖެހުނު ކަމަށް ވެސް ރޮނާލްޑޯ ބުންޏެވެ.
ބެލެވޭ ގޮތުގައި ވޯލްޑް ކަޕަށް ފަހު ޖެނުއަރީ މަހު ހުޅުވޭ ޓްރާންސްފާ ބާޒާރުގައި ރޮނާލްޑޯ ކްލަބް ދޫކޮށްލާނެ އެވެ. ހޫނު މޫސުމުގެ ޓްރާންސްފާގައި އޭނާ އަށް ކްލަބަކަށް ނުދެވުނީ އޭނާގެ މުސާރަ ބޮޑުވުމުންނެވެ. އެހެންވެ އެކަން ގުރުބާންކޮށްފައި ވިޔަސް އޭނާ މި ފަހަރު ކްލަބް ދޫކުރާނެ ކަމަށް ބެލެވެ އެވެ.
ރޮނާލްޑޯއަށް ޖާގަދޭން ބޭރުކުރި އަބޫބަކުރު ބެސިކްޓަސްއަށް
ޔުނައިޓެޑުން ކްރިސްޓިއާނޯ ރޮނާލްޑޯ ބޭރު ކޮށްލައިފި
"ޔުނައިޓެޑުން ވިސްނަނީ ކާމިޔާބަކަށް ނޫން، ފައިސާއަށް"
ރޮނާލްޑޯގެ ކެޕްޓަން ކަމުގައި ޔުނައިޓެޑް ބަލިވެއްޖެ
ރޮނާލްޑޯ އެނބުރި އައި މެޗުން މޮޅުވެ ޔުނައިޓެޑް އަނެއް ބުރަށް
ރޮނާލްޑޯ އަލުން ޔުނައިޓެޑްގެ ޓީމާއެކު ފަރިތަކުރުންތަކަށް
ޗެލްސީއާ ދެކޮޅަށް ޔުނައިޓެޑް ޓީމުގައި ރޮނާލްޑޯ ނުހިމެނޭ
ރޮނާލްޑޯ، ކްލަބްގައި 700 ގޯލް ޖެހި ކުޅުންތެރިޔާ
ރޮނާލްޑޯ ކުޅެން ނުނެރުނީ އިހުތިރާމް ކުރާތީ: ޓެން ހަގް
ރިޓަޔާކުރުމުގެ ވިސްނުމެއް ނެތް: ރޮނާލްޑޯ