Roadha Mihaaru
ރޮނާލްޑޯ އަލުން ޔުނައިޓެޑްގެ ޓީމާއެކު ފަރިތަކުރުންތަކަށް

ރޮނާލްޑޯ އަލުން ޔުނައިޓެޑްގެ ޓީމާ އެކު ފަރިތަކުރުންތަކަށް

26 އޮކްޓޯބަރ 2022

މެންޗެސްޓާ (އޮކްޓޫބަރު 26) - މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހަގް ގެ އަމުރަށް މިދިޔަ ހަފްތާ ޔުނައިޓެޑްގެ ސީނިއާ ޓީމާ ވަކިން އެކަނި ފަރިތަކުރުންތައް ކުރިއަށް ގެންދިޔަ ކްރިސްޓިއާނޯ ރޮނާލްޑޯ އަލުން ޔުނައިޓެޑްގެ ޓީމާ އެކު ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށައިފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

މެންޗެސްޓާ (އޮކްޓޫބަރު 26) - މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހަގް ގެ އަމުރަށް މިދިޔަ ހަފްތާ ޔުނައިޓެޑްގެ ސީނިއާ ޓީމާ ވަކިން އެކަނި ފަރިތަކުރުންތައް ކުރިއަށް ގެންދިޔަ ކްރިސްޓިއާނޯ ރޮނާލްޑޯ އަލުން ޔުނައިޓެޑްގެ ޓީމާ އެކު ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށައިފި އެވެ.

ޔުނައިޓެޑުން ޓޮޓެންހަމް ހޮޓްސްޕާއާ ދެކޮޅަށް ކުޅުނު މެޗުގައި ބަދަލު ކުޅުންތެރިއެއް ގޮތުގައި ކުޅެން އަރަށް ދެކޮޅު ހެދުމުން، ރޮނާލްޑޯ ވަނީ ލީގުގައި އެންމެ ފަހުން ޗެލްސީއާ ދެކޮޅަށް ކުޅެ 1-1 އިން އެއްވަރުވި މެޗަށް ނެގި ޓީމުން ބާކީ ކޮށްފަ އެވެ. ޔުނައިޓެޑްގެ ކޯޗު ޓެން ހަގް ބުނީ ރޮނާލްޑޯ އޭނާގެ ކުށް ތަކުރާތު ކުރާ ނަމަ އަދަބު ލިބެން ޖެހޭނެ ކަމަށެވެ.

ފާއިތުވި ހަފްތާގައި މި ކަމާ ގުޅިގެން ޓެން ހަގް އާއި ރޮނާލްޑޯއާ ދެމެދު ވާހަކަތައް ދެކެވިފައި ވާކަމަށް ބެލެވޭ އިރު، ފަހުން ރޮނާލްޑޯ ވަނީ އެ މެޗުގައި އޭނާ ޖަޒުބާތުގައި ޖެހުނީ ކަމަށް ބުނެފަ އެވެ. ޓޮޓެންހަމް މެޗުގައި ޔުނައިޓެޑުން 2-0 އިން މޮޅުވި އިރު، ރޮނާލްޑޯ އިނީ ބެންޗުގައި ކުޅި ބަލާށެވެ. އަދި ހިތްހަމަ ނުޖެހިގެން ބެންޗު ދޫކޮށް ދިޔައީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން މިނިޓަކަށް ވެފައި ވަނިކޮށެވެ.

ޕޯޗުގަލްގެ ތަރި ރޮނާލްޑޯ އިއްޔެ ޔުނައިޓެޑްގެ ފަރިތަކުރުންތަކަށް ނުކުމެފައި ވާއިރު، ބުރާސްފަތި ދުވަހުގެ ރޭ ޔޫރޮޕާ ލީގުގައި ޔުނައިޓެޑުން މޮލްޑޯވާގެ ޝެރިފް ޓްރާންސިޕޯލާ ދެކޮޅަށް ކުޅޭ މެޗުގައި ކުޅޭނެ ކަމަށް ބެލެވެ އެވެ.

ޕްރިމިއާ ލީގުގައި ރޮނާލްޑޯ އަށް ފުރަތަމަ 11 އިން ޖާގަ ހޯދަން އުނދަގޫ ވެފައި ވީ ނަމަވެސް، ޔޫރޮޕާ ލީގުގައި ކޮންމެ މެޗެއްގައި ވެސް އޭނާ އަންނަނީ ފުރަތަމަ 11 ގައި ހިމެނިގެން ކުޅެފަ އެވެ. ރޮނާލްޑޯ މި ސީޒަންގައި ޖެހި ފުރަތަމަ ލަނޑަކީ ޔޫރޮޕާ ލީގުގައި ޓްރާންސިޕޯލާ ދެކޮޅަށް ރަށުން ބޭރުގައި ޖެހި ލަނޑެކެވެ.

ޔުނައިޓެޑަށް ބުރާސްފަތި ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ޓްރާންސިޕޯލް ބަލި ކުރެވިއްޖެ ނަމަ އެ ޓީމަށް މުބާރާތުގެ ނޮކައުޓް ބުރުގެ ފުރުސަތު ޔަގީން ވާނެ އެވެ.

އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ތިބި ޑޮނީ ވެން ޑި ބީކް އާއި ކެޕްޓަން ހެރީ މެގުއާ ވެސް ވަނީ އިއްޔެ ފަރިތަކުރުންތަކަށް ނުކުމެފަ އެވެ.