13 ނޮވެމްބަރ 2022
މީޑިއާގެ މަސައްކަތްތެރިންނަށް ޕްރެސް ކްލަބް ހެދުމުގެ މަސައްކަތުގެ ބޮޑު ބައި، މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ ހިނގަމުންދާ ދައުރު ނިމުމުގެ ކުރިން ނިންމާލެވޭނެ ކަމަށް އެ ކައުންސިލުގެ ރައީސް މުހައްމަދު ޝަފާއު ހަސަން ވިދާޅުވެއްޖެ އެވެ.
މީޑިއާގެ މަސައްކަތްތެރިންނަށް ޕްރެސް ކްލަބް ހެދުމުގެ މަސައްކަތުގެ ބޮޑު ބައި، މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ ހިނގަމުންދާ ދައުރު ނިމުމުގެ ކުރިން ނިންމާލެވޭނެ ކަމަށް އެ ކައުންސިލުގެ ރައީސް މުހައްމަދު ޝަފާއު ހަސަން ވިދާޅުވެއްޖެ އެވެ.
ރޭ އެމްއެމްސީއިން ބޭއްވި 2021 ވަނަ އަހަރުގެ ނޫސްވެރިކަމުގެ އިނާމު ދިނުމުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޝަފާއު ވިދާޅުވީ، ކައުންސިލްގެ މި ހިނގާ ދައުރުގައި މިހާތަނަށް ފާހަގަކޮށްލެވޭ މުހިއްމު ކާމީޔާބީތައް ހާސިލްކުރެވިފައިވާ ކަމަށެވެ. އެގޮތުން 11 އަހަރު ފަހުން ނޫސްވެރިންގެ އަހްލާގީ މިންގަނޑު މުރާޖައާކޮށް މީޑިއާގެ އެންޑޯސްމެންޓާ އެކު އަމަލުކުރަން ފަށާފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.
އަދި ގައުމުން ބޭރަށް ނޫސްވެރިން ތަމްރީނަށް ފޮނުވަމުންދާ ކަމާއި ދާއިރާގެ އެންމެ ތަޖުރިބާ ހުރި މީހުންގެ އެހީގައި ގިނަ އަދަދެއްގެ ޒުވާނުން ނޫސްވެރިކަމަށް ނެރެދެވުނު ކަމަށް ވިދާޅުވި އެވެ.
ރަޖިސްޓަރީކޮށް ހިންގާ ނޫސް މަޖައްލާތަކުގެ ދަފުތަރު އެކުލަވައިލުމުގެ އާ އުސޫލް ތަރުތީބުކޮށްފައިވާ ކަމަށް ވެސް ޝަފާއު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، ކުރިއަށް ހިނގާ ދުވަސްކޮޅުގެ ތެރޭގައި މީޑިއާ ދަފްތަރު އެކުލަވާލައި ނިމޭނެ ކަމަށެވެ.
އޭނާ ވިދާޅުވީ، މީޑީއާ ކައުންސިލުގެ މިހާރުގެ ދައުރު ނިމޭ އިރު ޕްރެސް ކްލަބެއް ހެދުމުގެ މަސައްކަތުގެ ބޮޑު ބައި ނިމިގެންދާނެ ކަމަށެވެ.
"ކައުންސިލްގެ މި ދައުރު އަންނަ ޑިސެމްބަރުގެ މެދަށް ހަމަވާނެ. އަޅުގަނޑު ޔަގީން ކޮށްދޭނަން، ކައުންސިލްގެ މި ދައުރު ނިމޭނީ މީޑިއާ މަސައްކަތްތެރިންނަށް ޕްރެސް ކްލަބެއް ހެދުމުގެ މަސައްކަތުގެ އުނދަގޫ ބައި ފުރިހަމަ ވެގެން،" ޝަފާއު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ދިވެހި ނޫސްވެރިންނަށް އޮތް ބިރާއި ގޮންޖެހުންތަކާ ނުރައްކާތައް އަބަދުވެސް އެކި މިންވަރަށް އެކި ސިފަސިފައިގައި އޮންނަ ކަމަށެވެ. މި ވަގުތު ވެސް މަސްދަރު ހާމަ ކުރަން މަޖުބޫރުކޮށް ޖަލަށްލެވޭ ގޮތަށް ހަދާފައިވާ ގާނޫނެއް އެބަ އޮތްކަން އޭނާ ފާހަގަކުރެއްވި އެވެ. އަދި ނޫސްވެރިންނާއި ނޫސްވެރިކަމަށް ވަރަށް ބޮޑު ހުރަހަކާ ނުރައްކަލެއް ކުރިމަތި ވާނެ އިސްލާހެއް ގާނޫނުލްއުގޫބާތަށް ހުށަހަޅާފައި އެބަ އޮތް ކަމަށް ވިދާޅުވި އެވެ.
ނޫސްވެރިކަމުގެ މިދިޔަ އަހަރުގެ އިނާމުތައް ހާސިލުކުރި ނޫސްވެރިން، ރޭގެ ޖަލްސާގެ ޝަރަފުވެރި މެހުމާން ޑރ. ޒަކަރިއްޔާ އާއި އެމްއެމްސީގެ ރައީސް ޝަފާއު އަދި ސައުދީގެ ޑެޕިއުޓީ އެމްބެސެޑަރާއެކު ގުރޫޕް ފޮޓޯއެއް ނަގަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
އެކަން އެހެން އޮއްވާ ވެސް ނޫސްވެރިކަމުގެ މާހައުލުގައި އޮތް ބިރުވެރިކަން ކުޑަ ކުރަން އަދި ޒަމާނާ ފައި ހަމަ ކުރަން ކައުންސިލުގެ ގާނޫނަށް ގެންނަން ފެންނަ އިސްލާހުތައް 12 އަހަރަށް ފަހު މަޖިލީހަށް ފޮނުވާފައިވާކަން ވެސް އޭނާ ފާހަަގަކުރެއްވި އެވެ.
ޝަފާއު އިތުރަށް ވިދާޅުވީ، ރާއްޖޭގެ ނޫސްވެރިކަން "ވަޑިފަތިވެފައި" އޮތްގޮތް އަދި ރާއްޖޭގެ މީޑިއާގެ މާލީ މިނިވަންކަމުގެ ސިފަ އޮތް ހާލަތު އެންމެނަށް އެނގޭ ކަމަށާއި އެކަން ވަޒަންކޮށް ފަރުވާ ހޯދުން މުހިންމު ކަމަށެވެ.
އެގޮތުން، މީޑިއާ ކައުންސިލުން ފުރަތަމަ ފަހަރަށް ރާއްޖޭގެ މީޑިއާތަކާއި ގުޅޭ ބޭސްލައިން ސްޓަޑީއެއް އެ ފުރިހަމަ ކުރަމުންދާ ކަމަށް ވެސް ޝަފާއު ރޭ ވިދާޅުވި އެވެ. އަދި ވިދާޅުވީ، މީޑިއާ އަށް ހިތްވަރު ދިނުމަށް މީޑި ގްރާންޓް ސްކީމެއް މިހާރު ފަށާފައިވާ ކަމަށެވެ.
އަދި މި ދައުރު ނިމޭނީ މީޑިއާ މަސައްކަތްތެރިންގެ ސަލާމަތާ ރައްކާތެރިކަމާ ގުޅޭ ފުޅާ މަގުޗާޓެއް އެކުލަވާލައި އާ ކައުންސިލަށް ފަސޭހަ ކޮށް ދެމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ކައުންސިލްގެ މޭޒުމަތީ އޮތީ އާ ޒުވާނުން ނޫސްވެރި ކަމަށް ނެރެން ތަމްރީން ޕްރޮގްރާމްތައް ހިންގާން ފަހި ކުރުން. ނޫސްވެރިން ދަރަޖަ ކުރުމާއި ގިންތި ކުރުމުގެ މަސައްކަތް. އޮންލައިންކޮށް މައްސަލަ ހުށަހެޅޭނެ ގޮތް ގެނައުން." ޝަފާއު ވިދާޅުވި އެވެ.
ރޭގެ ހަފްލާގައި އެކި ދާއިރާތަކުން އެންމެ މޮޅު ނޫސްވެރިންނަށް އިނާމު ދިނުމުގެ އިތުރުން ދިގު މުއްދަތަކަށް ނޫސްވެރިކަން ކޮށްފައިވާ ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ވެސް އެވޯޑް ދީފައިވެ އެވެ.
މިދިޔަ އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާއަށް "ދައުރު" ނޫހުގެ އައިމިނަތު ޝިފްލީން ހޮވުނު އިރު އުއްމީދީ ނޫސްވެރިޔާގެ އެވޯޑް ހޯދާފައި ވަނީ "މިހާރު"ގައި މަސައްކަތް ކުރާ ނޫސްވެރިޔާ އާލިމް އަބްދުއްލަތީފެވެ. "ހަޔާތީ އަރުތަ" ގެ ނަމުގައި އެ އެވޯޑް ދީފައި ވަނީ ދިގު މުއްދަތަކަށް ނޫސްވެރިކަމުގައި ހިދުމަތްކުރި ޑރ. އަލީ ރަފީގާއި މަޑުލު މުހައްމަދު ވަހީދަށެވެ.
ނޫސްވެރިކަމުގެ އިނާމުގެ މާކްސްތައް އާންމުކޮށްފި
އެވޯޑުގެ މައްސަލަ ތަހުގީގުކުރަން އޭސީސީން އެމްއެމްސީއަށް
"އެވޯޑު ހަފުލާގައި އަޅުގަނޑުގެ ބައިވެރިވުމެއް ނެތް"
ޝަނާ: ލިޔަން ޖެހިލުމެއް ނުވާނެ، ނަތީޖާ ނެރޭނެ
ނޫސްވެރިކަމުގެ އެވޯޑު ޖަލްސާ ބުދަ ދުވަހަށް ފަސްކޮށްފި
ނޫސްވެރިކަމުގެ އިނާމަށް 80 އަށް ވުރެ ގިނަ ހުށަހެޅުން
އަރުތަ އެވޯޑު: އަލީ ހުސެއިނާއި ހުސެއިން މުހައްމަދަށް
ނޫސްވެރިކަމުގެ ގިނަ އެވޯޑުތައް ސަންގަށް
ނޫސްވެރިކަމުގެ އިނާމުގެ އުސޫލަށް ބަދަލުތަކެއް ގެނެސްފި
ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހަޅަން ހުޅުވާލައިފި