Roadha Mihaaru
ރީކޯ މޫސަ އެމްޑީޕީއާ އަލުން ގުޅިވަޑައިގެންފި

ރީކޯ މޫސަ އެމްޑީޕީއާ އަލުން ގުޅިވަޑައިގެންފި

08 ނޮވެމްބަރ 2022

އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު އަލުން އެ ޕާޓީއާ މިއަދު ގުޅިވަޑައިގެންފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު އަލުން އެ ޕާޓީއާ މިއަދު ގުޅިވަޑައިގެންފި އެވެ.

މޫސަ ސޮއިކުރެއްވި ފޯމު، ޗެއާޕާސަން ފައްޔާޒު އިސްމާއިލަށް ހަވާލުކުރައްވާ ފޮޓޯއަކާއެކު އެ ޕާޓީގެ އޮފީހުން ކުރި ޓްވީޓުގައި ވަނީ މޫސަ އަލުން ގުޅިވަޑައިގަތުމުން މަރުހަބާ ކިޔައިފަ އެވެ.

އެކަމާ ގުޅޭ އިތުރު ތަފްސީލެއް ނުލިބުނު ނަމަވެސް، ސޮއިކުރަން މުލިއާގޭގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އަދި ޑިފެންސް މިނިސްޓަރު މާރިޔާ ދީދީގެ އިތުރުން ބައެއް މެމްބަރުން ބައިވެރިވެވަޑައިގެންނެވި އެވެ.

ޕާޓީގެ އިސްވެރިންނާ ދެމެދު އުފެދުނު ޚިޔާލު ތަފާތުވުންތަކުގައި އެތައް ދުވަހަކު އުޅުއްވުމަށް ފަހު، އެމްޑީޕީގެ ދަފްތަރުން ރީކޯގެ ނަން އުނިކުރީ ނޮވެމްބަރު 28، 2016 ގަ އެވެ.

އޭގެ ފަހުން، މަޖިލީހުގެ ނައިބު ރައީސްކަން ވެސް ކުރެއްވި ރީކޯ ޖުލައި 11، 2017 ގައި ސޮއިކުރެއްވީ އޭރު ވެރިކަން ކުރަމުން ދިޔަ ޕީޕީއެމަށެވެ. ނަމަވެސް، އެ ވެރިކަން ނިމުނު ފަހުން ޕީޕީއެމްގެ ހަރަކާތްތަކުން ރީކޯއެއް ނުފެނެ އެވެ.

އެންމެ ބޮޑު ޕާޓީން ރީކޯ ވަކިކުރަން ނިންމީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މަދު ކުރަން ރައްޔިތުންގެ މަޖިލީހުގައި ނެގި ވޯޓުގައި އެ ޕާޓީގެ ތްރީ ލައިން ވިޕާ ޚިލާފުވެ ވަޑައިގަތް މައްސަލައިގަ އެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި "މިހާރު" އަށް ދެއްވި އިންޓަވިއުގައި ރީކޯ ވިދާޅުވީ ސިޔާސީ ކަންކަމުގައި އަމަލީގޮތުން ނޫޅުއްވި ނަމަވެސް ހިތް އޮތީ އެމްޑީޕީގައި ކަމަށެވެ.