Roadha Mihaaru
އައްޑޫގެ ތަރައްގީއަށް ޔާމީނުގެ މަލާމާތް!

ޔާމީންގެ މަލާމާތް: އައްޑުއަށް އައި އިރު ފަސް ބައްރުން އައިސްތިބި ޖެޓުތައް ފެނި ކޮސްވެއްޖެ

08 ނޮވެމްބަރ 2022

މި ސަރުކާރުން އައްޑުަށް ގެނެސްފައިވާ ތަރައްގީ ފެނި "ކޮސްވެއްޖެ" ކަމަށް ވިދާޅުވެ ކުރީގެ ރައީސް އަބްދުﷲ ޔާމީން، ސަރުކާރަށް ފާޑު ވިދާޅުވެއްޖެ އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

މި ސަރުކާރުން އައްޑުަށް ގެނެސްފައިވާ ތަރައްގީ ފެނި "ކޮސްވެއްޖެ" ކަމަށް ވިދާޅުވެ ކުރީގެ ރައީސް އަބްދުﷲ ޔާމީން، ސަރުކާރަށް ފާޑު ވިދާޅުވެއްޖެ އެވެ.

އައްޑުއަށް ޔާމީން ކުރައްވާ ދަތުރުގައި މިރޭ ހިތަދޫގައި ޔާމީން ބޭއްވި ޖަލްސާގައި މިގޮތަށް ވާހަކަ ދެއްކެވުމުގެ ކުރިން މި ސަރުކާރުން އައްޑުއަށް ގެނެސްފައިވާ ތަރައްގީ ފެނި ޔާމީނާއި ޕީޕީއެމްގެ އެހެން ބޭފުޅުން ވެސް ހައިރާންވެ ކޮސްވެފައިވާ ކަމަށް ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވެފައިވެ އެވެ.

މި ވާހަކައަށް ރައްދު ދެއްވަމުން ވިދާޅުވީ އައްޑުއަށް ވަޑައިގެން، އެއާޕޯޓުގައި އެތައް ފަހަރަކު ބުރު ޖެއްސެވި އިރު ފެނިވަޑައިގަތީ ހަތަރު ބައްރުން އައިސް އައްޑޫގައި ޖައްސާފައި އޮތް ޖެޓުތައް ކަމަށެވެ.

"ނިހާދު އެ ވިދާޅުވީ ތެދުފުޅެއް. އަޅުގަނޑު އައްޑޫ ސިޓީއަށް އައިއިރު، ފަސް ބައްރުން އައިސްތިބި ޖެޓުތައް ފެނި ހަމަ ކޮސްވެއްޖެ،" ޔާމީން ވިދާޅުވި އެވެ.

ޔާމީން އެހެން ވިދާޅުވެފައި ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުން އައްޑޫއަށް ދަތުރުތައް ފަށާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެފައި ވިޔަސް އެކަން ނުވާ ކަމަށް އިޝާރާތްކުރައްވަމުންނެވެ.

ޔާމީން އިއްޔެ ފޭދޫގައި ވިދާޅުވި ގޮތުގައި އެ މަނިކުފާނުގެ ވެރިކަމުގައި ކުރިއަށް ގެންދިޔަ ތަރައްގީގެ މަޝްރޫއުތަކަށް ފަހު، އައްޑޫން މާބޮޑު ކަމެއް ފެންނާކަށް ނެތެވެ.

އެ މަނިކުފާނު ވިދާޅުވީ އައްޑޫ ތަރައްގީކުރައްވަން ބޭނުންވާ ކަމަަށާއި އެކަން ކުރެއްވުމަށް ވެރިކަމުގެ އިތުރު ދައުރެއް ބޭނުންވާ ކަމަށެވެ. އަދި ވެރިކަން ލިބިވަޑައިގެންފި ނަމަ އައްޑޫގައި 5،000 ވަޒީފާ އުފައްދަވާނެ ކަމަށް ވެސް ވަނީ ވިދާޅުވެފައި އެވެ.

އެކަން ނުވާނެ ކަމަށް ބުނެ ފާޑު ކިޔާފައި ވާތީ މިރޭގެ ޖަލްސާގައި ޔާމީން ވަނީ އެ ވާހަކައަށް ވެސް ރައްދު ދެއްވައިފަ އެވެ.

"އަޅުގަނޑަށް ހީވަނީ އައްޑޫ ޒުވާނުންނަށް ވަޒީފާ އުފައްދައިދޭނީ ކިނެއްކަން އަޅުގަނޑު ކިޔައިދީފި ނަމަ ކުރިއަށް މި އޮތް ކުޑަ ދުވަސްކޮޅުގެ ތެރޭގައި ވެސް ކޮންމެވެސް ކަމެއް ކުރާނެހެން. އަޅުގަނޑު ދެން ވެރިކަމަށް އާދެވިއްޖެ ނަމަ އައްޑޫ ސިޓީ ޒުވާނުންނަށް ރޭސިން ޓްރެކެއް އަޅައިދޭނަން،" ޔާމީން ވިދާޅުވި އެވެ.

އައްޑޫ ޒުވާނުންނަށް ވަޒީފާ އުފައްދާނެ ގޮތެއް ނެތް ކަމަށް ވިދާޅުވެ ވާހަކަ ދައްކަވާއިރު، ކުރިން ހިދުމަތް ދެމުންދިޔަ ރިސޯޓުތައް ހުއްޓާލާފައިވާތީ އެކަމާ ވެސް ޔާމީން ވަނީ ސަރުކާރަށް ސުވާލު އަމާޒުކޮށްފަ އެވެ. އެއީ އައްޑޫ ރައްޔިތުން ކަންބޮޑުވާ ކަމަކަށް ވިޔަސް އެކަން ހައްލު ކުރުމަށް އެއްވެސް ކަމެއް ނުކުރާ ކަމަށް ޔާމީން ވިދާޅުވި އެވެ.