Roadha Mihaaru
ދެޕާޓީގެ ސިޔާސީ ހަރަކާތުން ފަޒްނާ ދެއްކެވީ މިނިިވަންްކަން

އިދިކޮޅަށް ހުރަސްނާޅާ، ބަންދުނުކޮށް ދިން ފުރުސަތަކީ މިނިވަންކަން އޮތް ވަރު: ފަޒްނާ

05 ޖެނުއަރީ 2023

ރާއްޖޭގެ އެންމެ ބޮޑު ދެ ޕާޓީއަށް އެއްތަނެއްގައި ރޭ ސިޔާސީ ހަރަކާތް ހިންގުމަކީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން މި ސަރުކާރުން ދޫކޮށްފައި އޮތް މިންވަރު ފެނިގެން ދިޔަ ކަމެއް ކަމަށް ވިދާޅުވެ، ފަސްޓް ލޭޑީ ފަޒްނާ އަހްމަދު ތައުރީފު ކުރައްވައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ރާއްޖޭގެ އެންމެ ބޮޑު ދެ ޕާޓީއަށް އެއްތަނެއްގައި ރޭ ސިޔާސީ ހަރަކާތް ހިންގުމަކީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން މި ސަރުކާރުން ދޫކޮށްފައި އޮތް މިންވަރު ފެނިގެން ދިޔަ ކަމެއް ކަމަށް ވިދާޅުވެ، ފަސްޓް ލޭޑީ ފަޒްނާ އަހްމަދު ތައުރީފު ކުރައްވައިފި އެވެ.

އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފުރަތަމަ ކެމްޕޭން ޖަލްސާއާ ދިމާކޮށް، ޕީޕީއެމުން ރޭ ވަނީ އެމްޑީޕީގެ ހަރުގެ ކުރިމަތީގައި މުޒާހަރާކޮށްފަ އެވެ. ކުރިން މަގުތަކުގައި ހިނގާލުން ބޭއްވިޔަސް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރުމުގެ އަޑުއުފުލުން ރޭ ބޭއްވީ އާޓިފިޝަލްބީޗު ސަރަހައްދުގަ އެވެ.

އެމްޑީޕީގެ ޖަލްސާގައި ރައީސް ވާހަކަފުޅު ދެއްކެވި ވަގުތު، ޕީޕީއެމުން ގެންދިޔައީ ޔާމީން މިނިވަންކުރަން އަޑުހަރުކޮށް ގޮވަމުންނެވެ. ދެ ޕާޓީގެ ސިޔާސީ ހަރަކާތް ކުރިއަށް ގެންދެވޭ ގޮތަށް ފުލުހުން ގެންދިޔައީ ސެކިއުރިޓީ ބަލަހައްޓަމުންނެވެ.

އެމްޑީޕީން ރޭ ބޭއްވި ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދުކުރާ ފަރާތްތަކުން އެމަނިކުފާނުގެ ވާހަކަފުޅު އަޑުއަހަނީ. -- ފޮޓޯ | އެމްޑީޕީ

އެމްޑީޕީން ރޭ ބޭއްވި ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދުކުރާ ފަރާތްތަކުން އެމަނިކުފާނުގެ ވާހަކަފުޅު އަޑުއަހަނީ. -- ފޮޓޯ | އެމްޑީޕީ

ރިޔާސީ އިންތިހާބު ގާތްވެފައި ވަނިކޮށް، ދެ ޕާޓީން ބޭއްވި ސިޔާސީ މި ހަރަކާތް، ފަސްޓް ލޭޑީ ފަޒްނާ އަހްމަދު ސިފަކުރެއްވީ ތާރީހީ މަންޒަރެއްގެ ގޮތުގަ އެވެ. ސަރުކާރާއި އިދިކޮޅު ޕާޓީ އެއް ތަނެއްގައި އެއްވެސް ހަމަނުޖެހުމެއް ނެތި މިގޮތަށް ހަރަކާތްތައް ރާއްޖޭގައި ހިންގުމަކީ އާއްމު މަންޒަރެއް ނޫނެވެ.

ޕީޕީއެމް އާއި އެމްޑީފީން އެއް ތަނެއްގައި ދެ ޕާޓީގެ ޖަލްސާ ބޭއްވި ރެއެއް. ނަމަވެސް، އެއްވެސް ހަމަނުޖެހުމެއް ނުހިންގާ. ބާރުގެ ބޭނުންކޮށް އިދިކޮޅުގެ ޖަލްސާއަށް ހުރަހެއް ނާޅާ. ނުހުއްޓުވާ، މީހަކު ހައްޔަރެއް ނުކުރޭ. -- ފަސްޓް ލޭޑީ

ފަޒްނާ ވިދާޅުވި ގޮތުގައި ރޭ ފެނިގެން ދިޔައީ ރާއްޖޭގައި ހިޔާލުފާޅުކުރުމުގެ މިނިވަންކަން ދީފައި އޮތް މިންވަރެވެ.

"ޕީޕީއެމް އާއި އެމްޑީފީން އެއް ތަނެއްގައި ދެ ޕާޓީގެ ޖަލްސާ ބޭއްވި ރެއެއް. ނަމަވެސް، އެއްވެސް ހަމަނުޖެހުމެއް ނުހިންގާ. ބާރުގެ ބޭނުންކޮށް އިދިކޮޅުގެ ޖަލްސާއަށް ހުރަހެއް ނާޅާ. ނުހުއްޓުވާ، މީހަކު ހައްޔަރެއް ނުކުރޭ،" ފަޒްނާ ވިދާޅުވި އެވެ.

ޕީޕީއެމުން ރޭ ބޭއްވި އެއްވުމުގައި ޔާމީން މިނިވަންކުރަން ގޮވާލައި އަޑު އުފުލަނީ. -- ފޮޓޯ | ޕީޕީއެމް

ޕީޕީއެމުން ރޭ ބޭއްވި އެއްވުމުގައި ޔާމީން މިނިވަންކުރަން ގޮވާލައި އަޑު އުފުލަނީ. -- ފޮޓޯ | ޕީޕީއެމް

ފަސްޓް ލޭޑީ ވިދާޅުވި ގޮތުގައި، އެ މިނިވަންކަމުގެ ފަހަތުގައި އޮތީ ރައީސްގެ ކެތްތެރިކަމެވެ.

"ކެތްތެރިކަމުގެ ލާމަސީލު މިސާލެއް،" ފަޒްނާ ވިދާޅުވި އެވެ.

ރައީސް ދިފާއުކުރައްވައި ފަޒްނާ މިހެން ވިދާޅުވީ ކަންކަމުގައި "ރިއެކްޓް ނުކުރައްވާ" ކަމަށް ވިދާޅުވެ އިދިކޮޅުންނާއި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނުން ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފާޑުވިދާޅުވަމުން ދަނިކޮށެވެ.

އެމްޑީޕީގެ ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް ވަނީ ޕީޕީއެމްގެ މުޒާހަރާއަށް އިޝާރާތްކުރައްވައި އެއީ، އެމަނިކުފާނުގެ ވެރިކަމުގައި އިދިކޮޅުގެ އަޑު ކަނޑުވާލައި ހުރަސްއަޅަން އެއްވެސް މަސައްކަތެއް ނުކުރާ ކަމުގެ ހެއްކެއް ކަަމަށް ވިދާޅުވެފަ އެވެ.

އެކަމަކު ޔާމީން ރައީސްކަމުގައި ހުންނެވި ޕީޕީއެމްގެ ވެރިކަމުގައި ގައުމުގެ ހާލަތު އޮތީ އެގޮތަކަށް ނޫން ކަމަށާއި އިދިކޮޅު ޕާޓީތަކަށް ސިޔާސީ ހަރަކާތް ނުހިންގޭހާ ދަތިތަކާއި ބިރުވެރި ހާލަތެއް ކުރިމަތިކުރުވާފައި ކަމަށް ރައީސް ވިދާޅުވި އެވެ.

އެއްވެސް މީހަކު ބަންދު ކުރޭތޯ އެބަ. މިތާ އަޅުގަނޑުމެންނަށް ޖަލްސާ ނުބޭއްވިގެން މި އުޅެނީ. އެހެން ވިޔަސް އެ މިނިވަން ކަމާ އެކީ އެބޭފުޅުންގެ ހިޔާލު ފާޅުކުރުމަށް އަޅުގަނޑުމެން ޖާގަ ދީފިން. ހައްޔަރު ނުކުރިޔަސް، ބަންދު ނުކުރިޔަސް ވެރިކަން ކުރެވޭނެކަން މި ދައްކަނީ. -- ރައީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ 2014 އިން 2018އަށް ރާއްޖޭގެ ހާލަތު އޮތީ ނާމާން ކަމާއި ބިރުވެރި ކަމެއްގެ ތެރޭގައި ކަމަށެވެ. ނަމަވެސް 2018 ގައި މި ސަރުކާރު އައިސް އެ ހުރިހާ ކަމަކަށް ދޫދީ، ހިޔާލުފާޅުކުރުމުގެ މިނިވަންކަން ވެސް ހުޅުވާލާފައިވާ ކަމަށް ވިދާޅުވި އެވެ.

"ހިޔާލު ފާޅުކުރުގެ މިނިވަންކަމާއި އަމާންކަން މިވަނީ ތަންމިނަށް ހުޅުވާލާފައި. ޖެހިގެން މި އޮތީ، ކުރިއަށް އެ ގެންދަނީ [ޕީޕީއެމްގެ އެއްވުން]. އެއްވެސް މީހަކު ބަންދު ކުރޭތޯ އެބަ. މިތާ އަޅުގަނޑުމެންނަށް ޖަލްސާ ނުބޭއްވިގެން މި އުޅެނީ. އެހެން ވިޔަސް އެ މިނިވަން ކަމާ އެކީ އެބޭފުޅުންގެ ހިޔާލު ފާޅުކުރުމަށް އަޅުގަނޑުމެން ޖާގަ ދީފިން. ހައްޔަރު ނުކުރިޔަސް، ބަންދު ނުކުރިޔަސް ވެރިކަން ކުރެވޭނެކަން މި ދައްކަނީ،" ރައީސް ވިދާޅުވި އެވެ.

ރައީސްގެ ފުރަތަމަ ކެމްޕޭން ޖަލްސާ އިއުލާނުކޮށްފައި ވަނިކޮށް އިދިކޮޅުން އެތަނުގައި މުޒާހަރާ ކުރާކަން އިއުލާނު ކުރުމުން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވި އެވެ. ރައްދުގައި ޕީޕީއެމުން ބުނެފައި ވަނީ އެ ހަރަކާތަކީ މާ ކުރިން ރާވާފައިވާ ކަމެއް ކަމަށެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގައި މަނީ ލޯންޑްރިން އާއި ރިޝްވަތުގެ ކުށް ސާބިތުވެ ޔާމީނަށް ކްރިމިނަލް ކޯޓުން ވަނީ 11 އަހަރުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ. މިއީ ސިޔާސީ ހުކުމެއް ކަމުގެ ތުހުމަތާ އެކު އިދިކޮޅުން ދަނީ އެކަމާ ދެކޮޅަށް ސިލްސިލާ މުޒާހަރާތަކެއް ކުރަމުންނެވެ.