Roadha Mihaaru
ޔާމީންގެ މައްސަލާގައި މެޖިސްޓްރޭޓް ނިހާނަށް ފިޔަވަޅު

ޔާމީން ހައްޔަރުކުރަން އުޅުނު ކަމަށް ބުނާ މައްސަލާގައި ގާޒީ ނިހާނަށް ފިޔަވަޅު އަޅަނީ

07 ނޮވެމްބަރ 2022

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެމަނިކުފާނު ހައްޔަރުކުރަން ކޯޓު އަމުރެއް ނެރެން އުޅުނު ކަމަށް ބުނާ މައްސަލާގައި އދ. މާމިގިލީ ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު ނިހާނާ މެދު ސުލޫކީ ފިޔަވަޅު އަޅަން ނިންމައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެމަނިކުފާނު ހައްޔަރުކުރަން ކޯޓު އަމުރެއް ނެރެން އުޅުނު ކަމަށް ބުނާ މައްސަލާގައި އދ. މާމިގިލީ ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު ނިހާނާ މެދު ސުލޫކީ ފިޔަވަޅު އަޅަން ނިންމައިފި އެވެ.

ޔާމީންގެ ވެރިކަމުގައި 2016 ވަނަ އަހަރު މާމިގިލީ ކޯޓުން ނެރުނު އަމުރެއްގެ ދަށުން ޔާމީން ހައްޔަރުކުރަން އުޅުނު ކަމަށް ބުނެ މެޖިސްޓްރޭޓް ނިހާނާއި ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒް މުހުސިން ޓެރަރިޒަމްގެ ކުށުގައި 17 އަހަރަށް އޭރު ޖަލަށްލި އެވެ. މުހުތާޒަށް ތުހުމަތުކުރީ ފުލުހުންނާ އެކު މާމިގިއްޔަށް ގޮސް، ނިހާން ލައްވައި އަމުރެއް ހޯދަން އުޅުނު ބުނެ އެވެ. އެކަމަކު އެ ހުކުމްތައް ފަހުން ހައިކޯޓުން ބާތިލްކޮށް، އެ ދެ ބޭފުޅުން މިނިވަންކުރި އެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނީ މެޖިސްޓްރޭޓް ނިހާނަށް ފިޔަވަޅު އަޅަން ނިންމީ ފުލުހުންގެ ބަޔަކު އާންމުންގެ މީހަކު ގޮވައިގެން މާމިގިލީ ކޯޓަށް ގޮސް ކޯޓު އަމުރެއް ހޯދަން މަސައްކަތް ކުރިއިރު އާންމު މީހާއަށް އެ އަމުރާ ބެހޭގޮތުން ވާހަކަ ދެއްކުމުގެ ފުރުސަތު ދީފައިވާތީ ކަމަށެވެ.

ޖޭއެސްސީން ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ޚިލާފް ކަމެއް ކަމަށްވާތީ ސުލޫކީ ފިޔަވަޅެއްގެ ގޮތުން، ކޮމިޝަނުން ކަނޑައަޅާ ތަމްރީން ޕްރޮގްރާމެއް ފުރިހަމަކުރަންޖެހޭ ގޮތަށް ނިންމާފައިވާ ކަމަށް ޖޭއެސްސީން ބުންޏެވެ.

އެ މައްސަލާގެ އިތުރު ތަފްސީލެއް ޖޭއެސްސީން ހާމައެއް ނުކުރެ އެވެ. އެކަމަކު "މިހާރު" އަށް ކަށަވަރުވެފައިވާ ގޮތުގައި އެއީ ޔާމީންގެ މައްސަލާގައި ހޯދަން އުޅުނު ކަމަށް ބުނާ އަމުރުގެ މައްސަލަ އެވެ.

ނިހާން އޭރު ޖަލަށްލިޔަސް، އޭނާ ހުރީ ސަސްޕެންޝަންގަ އެވެ. އަދި އޭނާގެ ޖަލު ހުކުމް ފަހުން ހައި ކޯޓުން ބާތިލް ކުރުމުން އޭނާ މިނިވަންވެ، އަލުން ވަޒީފާއަށް ނިކުމެވަޑައިގަތެވެ.