Roadha Mihaaru
ކްރިކެޓް ވޯލްޑް ކަޕުގެ ސެމީގެ ފަހު ދެ ޖާގަ އިންޑިއާ އާއި ޕާކިސްތާނަށް

ކްރިކެޓް ވޯލްޑް ކަޕުގެ ސެމީގެ ފަހު ދެ ޖާގަ އިންޑިއާ އާއި ޕާކިސްތާނަށް

06 ނޮވެމްބަރ 2022

އޮސްޓްރޭލިއާގައި ކުރިއަށްދާ ޓީޓްވެންޓީ ކްރިކެޓް ވޯލްޑް ކަޕުގެ ގްރޫޕް ދޭއް އިން ސެމީ ފައިނަލުގެ ދެ ޖާގަ އިންޑިއާ އާއި ޕާކިސްތާން ހޯދައިފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

އޮސްޓްރޭލިއާގައި ކުރިއަށްދާ ޓީޓްވެންޓީ ކްރިކެޓް ވޯލްޑް ކަޕުގެ ގްރޫޕް ދޭއް އިން ސެމީ ފައިނަލުގެ ދެ ޖާގަ އިންޑިއާ އާއި ޕާކިސްތާން ހޯދައިފި އެވެ.

އިންޑިއާ އަށް ޕޮއިންޓާ އެކު ގްރޫޕުގެ އެއް ވަނަ ހޯދުމުން އަންނަ ބުރާސްފަތި ދުވަހު ކުޅޭ ދެ ވަނަ ސެމީ ފައިނަލުގައި ބައްދަލުކުރާނީ ގްރޫޕް އެކެއްގެ ދެ ވަނަ ހޯދި އިންގްލެންޑާ އެވެ.

އަދި ޕާކިސްތާން ހަ ޕޮއިންޓާ އެކު ދެ ވަނަ ހޯދުމުން އެ ޓީމު ސެމީ ފައިނަލުގައި ބައްދަލުކުރާނީ ގްރޫޕް އެކެއްގެ އެއް ވަނަ ހޯދި ނިއު ޒީލެންޑާ އެވެ. މި މެޗު އޮންނާނީ ބުދަ ދުވަހު އެވެ.

މި ގްރޫޕުން އިންޑިއާއާ އެކު ސެމީ ފައިނަލަށް ދާނެ ކަމަށް ބެލެވިފައި އޮތީ، ފަސް ޕޮއިންޓާ އެކު ތިން ވަނަ އަށް ދިޔަ ދެކުނު އެފްރިކާ އެވެ. އެކަމަކު މިއަދު ނެދަލެންޑްސް އަތުން 13 ލަނޑުން ދެކުނު އެފްރިކާ ބަލިވުމުން އެ ޓީމަށް ފުރުސަތު ގެއްލުނީ އެވެ.

އެއާ އެކު އިންޑިއާ އިން މިއަދު ޒިމްބާބްވޭ އަތުން 71 ލަނޑުން މޮޅުވި މެޗުގެ ކުރިން އިންޑިއާ އަށް ސެމީ ފައިނަލް ކަށަވަރުވި އެވެ. އަދި އެ ހިސާބުން ސެމީ ފައިނަލުގެ ފަހު ޖާގަ ލިބެން އޮތީ މިއަދު ބަންގްލަދޭޝް އާއި ޕާކިސްތާން ކުޅެ މޮޅުވާ ޓީމެކެވެ. ޕާކިސްތާން ސެމީ ފައިނަލުން ފުރުސަތު ހޯދީ ބަންގްލަދޭޝް އަތުން ފަސް ވިކެޓުން މޮޅުވެގެންނެވެ.

އޮސްޓްރޭލިއާގެ އަޑެލައިޑްގައި ކުޅުނު މި މެޗުގައި ޓޮސް ދިމާވުމުން ބަންގްލަދޭޝް ގަސްދުކުރީ ކުޅެން އަރާށެވެ. އެ ޓީމުން 20 އޯވަރުގެ ތެރޭގައި އަށް ކުޅުންތެރިން ނުބައިވެގެން 127 ލަނޑު ހެދި އެވެ. އެންމެ ރަނގަޅަށް ކުޅުނީ 48 ބޯޅައިން 54 ލަނޑު ހެދި ނަޖްމުލް ހުސެއިން ޝަންޓޯ އެވެ. މި އިނިންގްސްގައި، އަނިޔާގައި ގިނަ ދުވަސްތަކެއް ހުރެފައި އެނބުރި އައި ޕާކިސްތާނުގެ ފާސްޓް ބޯލަރު ޝާހީން ޝާހް އަފްރީދީ ވަނީ 22 ލަނޑަށް ހަތަރު ވިކެޓު ނަގައިފަ އެވެ.

ޕާކިސްތާނުން ކުޅެން އަރައި 18.1 އޯވަރުގެ ތެރޭގައި ފަސް ކުޅުންތެރިން ނުބައިވެގެން 128 ލަނޑު ހަދައި މޮޅުވެގެން ފޭބި އެވެ. ޕާކިސްތާނުން އެންމެ މޮޅަށް ކުޅުނީ 32 ބޯޅައިން 32 ލަނޑު ހެދި މުހައްމަދު ރިޒްވާން އެވެ.

މެލްބަންގައި މިއަދު ޒިމްބާބްވޭއާ ދެކޮޅަށް ކުޅެން އޮތް މެޗުގައި ޓޮސް ދިމާވުމުން އިންޑިއާ އެރީ ކުޅޭށެވެ. އެ ޓީމުން 20 އޯވަރުގެ ތެރޭގައި ފަސް ކުޅުންތެރިން ނުބައިވެގެން 186 ލަނޑު ހެދި އެވެ. އެންމެ މޮޅަށް ކުޅުނީ ނުބައިނުވެ 25 ބޯޅައިން 61 ލަނޑު ހެދި ސުރީއާކުމާރު ޔާދަވް އެވެ. ޒިމްބާބްވޭ އަށް 17.2 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 115 ލަނޑެވެ.