Roadha Mihaaru
ނެދަލެންޑްސް ބަލިކޮށް ލަންކާ ސުޕަ 12 ޓީމުގެ ބުރަށް

ނެދަލެންޑްސް ބަލިކޮށް ލަންކާ ސުޕަ 12 ޓީމުގެ ބުރަށް

20 އޮކްޓޯބަރ 2022

ނެދަލެންޑްސް އަތުން 16 ލަނޑުން މޮޅުވެ ސްރީ ލަންކާ އިން އައިސީސީ ޓީ20 ކްރިކެޓް ވޯލްޑް ކަޕުގެ ގަދަ 12 ޓީމުގެ ބުރަށް ކޮލިފައިވެއްޖެ އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ނެދަލެންޑްސް އަތުން 16 ލަނޑުން މޮޅުވެ ސްރީ ލަންކާ އިން އައިސީސީ ޓީ20 ކްރިކެޓް ވޯލްޑް ކަޕުގެ ގަދަ 12 ޓީމުގެ ބުރަށް ކޮލިފައިވެއްޖެ އެވެ.

ލަންކާ ކޮލިފައިވީ ކޮލިފިކޭޝަނުގެ ގްރޫޕް ބީ އިންނެވެ. މި ގްރޫޕުން ދެން ކޮލިފައިވާނެ ޓީމެއް އެނގޭނީ މިއަދު ޔޫއޭއީ އާއި ނެމީބިއާ ކުޅޭ މެޗަށް ފަހު އެވެ. ނެމީބިއާ އަށް މޮޅުވެގެން ކޮލިފައިވެވޭނެ އެވެ. ޔޫއޭއީ މޮޅުވެއްޖެ ނަމަ ފުރުސަތު އޮންނާނީ ނެދަލެންޑްސް އަށެވެ. ޔޫއޭއީ ވަނީ ކަޓައިފަ އެވެ.

އޮސްޓްރޭލިއާގެ ގީލޯންގައި މިއަދު ކުޅުނު މެޗުގެ ޓޮސް ދިމާވުމުން ލަންކާ އިން ގަސްދުކުރީ ކުޅެން އަރާށެވެ. ލަންކާ އިން އިނިންގްސް ފެށީ ލަސްކޮށެވެ. ޕަތުމް ނިސަންކަ އާއި ކުސާލް މެންޑިސް އަށް ފުރަތަމަ ފަސް އޯވަރުން ހެދުނީ އެންމެ 22 ލަނޑެވެ. އެކަމަކު 20 އޯވަރުގެ ތެރޭގައި ހަ ކުޅުންތެރިން ނުބައިވެގެން 162 ލަނޑު ހެދި އެވެ. ޖަވާބުގައި ނެދަލެންޑްސް އަރައި 20 އޯވަރުގެ ތެރޭ ނުވަ ކުޅުންތެރިން ނުބައިވެގެން ހެދުނީ 146 ލަނޑެވެ.

މެޗުގެ މޮޅު ކުޅުންތެރިޔަކީ 44 ބޯޅައިން 79 ލަނޑު ހެދި ލަންކާގެ މެންޑިސް އެވެ.

ކޮލިފިކޭޝަނުގެ އަނެއް ގްރޫޕުގައި ހިމެނޭ ސްކޮޓްލެންޑާއި ޒިމްބާބްވޭ އާއި ވެސްޓް އިންޑީޒް އަދި އަޔަލެންޑަށް، ކޮންމެ ޓީމަކަށް ލިބިފައިވަނީ ދެ ޕޮއިންޓެވެ. މި ގްރޫޕުން ކޮލިފައިވާނެ ދެ ޓީމެއް އެނގޭނީ މާދަމާ އަޔަލެންޑާއި ވެސްޓް އިންޑީޒް އަދި ސްކޮޓްލެންޑާއި ޒިމްބާބްވޭ ކުޅޭ މެޗަށް ފަހު އެވެ.

މިދިޔަ އަހަރުގެ ނަތީޖާ އަށް ބަލައި ސުޕަ 12 ޓީމުގެ ބުރުން އަށް ޓީމު ވަނީ އޮޓޮމެޓިކުން ޖާގަ ދީފަ އެވެ. އެއީ އަފްގާނިސްތާން، އޮސްޓްރޭލިއާ، ބަންގްލަދޭޝް، އިންގްލެންޑް، އިންޑިއާ، ނިއު ޒީލެންޑް، ޕާކިސްތާން އަދި ސައުތު އެފްރިކާ އެވެ.

މި އަށް ޓީމާއި ކޮލިފިކޭޝަނުން އަންނަ ހަތަރު ޓީމާ އެކު 12 ޓީމުގެ މެދުގައި އެ ބުރު ފަށާނީ ހޮނިހިރު ދުވަހު އެވެ. ސެމީ ފައިނަލަށް ހޮވޭނީ، 12 ޓީމު ދެ ގްރޫޕަށް ބަހާލައިގެން ކުޅެ ކޮންމެ ގްރޫޕަކުން އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ.

މުބާރާތުގެ ފައިނަލް މެޗު އޮންނާނީ މެލްބަންގައި ނޮވެމްބަރު 13 ވަނަ ދުވަހު އެވެ.