Roadha Mihaaru
ވިޔަފާރިތަކަށް ލިކުއިޑިޓީ ތަހުލީލުތައް ވަރަށް މުހިންމު

ވިޔަފާރިތަކަށް ލިކުއިޑިޓީ ތަހުލީލުތައް ވަރަށް މުހިންމު

31 އޮކްޓޯބަރ 2022

ކުންފުނީގެ ވިޔަފާރި ބައްޓަންކޮށް ވިޔަފާރި ކުރިއަރުވައި ތަރައްގީކޮށް ވިޔަފާރީގައި ދެމިތިބުމަށްޓަކައި ކުންފުނީގެ ހާލަތު ބެލުމަށް ތަފާތު ދިރާސާތައް ހަދަންޖެހެއެވެ. އެގޮތުން، ކުންފުނީގެ ހާލަތު ދެނެގަތުމަށްޓަކައި ބޭނުންކުރާ ދެ އުންސުރެއް އޮވެ އެވެ. އެއީ ލިކުއިޑިޓީ އާއި ސޮލްވެންސީއެވެ.

ކުންފުނީގެ ވިޔަފާރި ބައްޓަންކޮށް ވިޔަފާރި ކުރިއަރުވައި ތަރައްގީކޮށް ވިޔަފާރީގައި ދެމިތިބުމަށްޓަކައި ކުންފުނީގެ ހާލަތު ބެލުމަށް ތަފާތު ދިރާސާތައް ހަދަންޖެހެއެވެ. އެގޮތުން، ކުންފުނީގެ ހާލަތު ދެނެގަތުމަށްޓަކައި ބޭނުންކުރާ ދެ އުންސުރެއް އޮވެ އެވެ. އެއީ ލިކުއިޑިޓީ އާއި ސޮލްވެންސީއެވެ.

ލިކުއިޑިޓީ އަކީ ކުންފުނީގެ ކުރުމުއްދަތުގެ މާލީ ޒިންމާތައް އަދާކުރުމަށްޓަކައި ފައިސާ ނުވަތަ ފަންޑު ލިބިގަތުމުގެ ގާބިލުކަމެވެ. ލިކުއިޑިޓީ ބިނާވެފައި އޮންނަނީ ކުންފުނީގެ ކޭޝްފްލޯ އަށާއި ކުރުމުއްދަތުގެ އެސެޓްތަކާއި (ކަރަންޓް އެސެޓްސް) ކުރުމުއްދަތުގެ ޒިންމާ (ކަރަންޓް ލައިބިލިޓީޒް) އެކުލެވިފައިވާ ގޮތުގެ މައްޗަށެވެ. ސޮލްވެންސީ އަކީ ދިގުމުއްދަތަކަށް ކުންފުނި ހިންގުމުގެ ގާބިލުކަމާއި ދިގުމުއްދަތުގައި ކުންފުނީގެ މާލީ ޒިންމާތައް އަދާކުރުމުގެ ގާބިލުކަން ލިބިފައިވުމެވެ. އެހެންކަމުން، ލިކުއިޑިޓީ އާއި ސޮލްވެންސީ އަކީ ގުޅިފައިވާ ދެ އުންސުރެވެ.

ފަންނީ ގޮތުން ކުންފުންޏެއްގެ ލިކުއިޑިޓީ ތަހުލީލެއް ހަދައި، ކުންފުނީގެ މާލީ ދުޅަހެޔޮކަން ވަޒަންކުރާނީ ކުންފުނީގެ ބެލެންސް ޝީޓްގައިވާ ބައިތައް ދެނެގަނެ، އެއިން ކޮންމެ ބައެއްގައި އެކުލެވިގެންވާ ބައިތައް ވަކިވަކިން ބަލައި ހިސާބުކޮށް ތަހުލީލު ކޮށްގެންނެވެ.

ލިކުއިޑިޓީގެ ހާލަތު ގާތުން ބެލުމުގެ މަގުސަދަކީ ދެމެހެއްޓެނިވި ގޮތެއްގައި ކުންފުންޏަށް ފައިދާ ހޯދޭނެ މަގުތައް ތަނަވަސްކޮށް ވިޔަފާރި ފުޅާކުރުމަށްޓަކައި ބޭނުންވާ ފަންޑުގެ އިންތިޒާމުތައް ހަމަޖައްސައި އިންވެސްޓަރުން ހޯދުމެވެ.

ކުންފުންޏެއްގެ ލިކުއިޑިޓީ ތަހުލީލެއް ހެދުމަށް ބޭނުންވާ އަސާސީ ބައިތަކަކީ ކުންފުންޏެއްގެ ވިޔަފާރީގެ ތަހުލީލެއް ވެސް ހެދުމަށް ބޭނުންވާ ބައިތަކެވެ. އެގޮތުން އެ އިޖުރާއަތްތަކުގައި އެކުލެވިގެންވާ ބައިތަކަކީ:

• ވިޔަފާރީގެ މާހައުލާއި ސްޓްރެޓީޖިކް އެނަލިސިސް

• އެކައުންޓިން އެނަލިސިސް

• މާލީ ތަހުލީލުތައް

• ޕްރޮސްޕެކްޓިވް އެނަލިސިސް

• އަގުކުރުން

މި ހުރިހާ ބައިތަކަކީ، ކުންފުނީގެ ހާލަތު ވަޒަންކުރުމަށް މުހިންމު އުންސުރުތަކަށްވުމުން އެ ހުރިހާ ބައިތަކެއް ދެނެގަނެ ތަހުލީލު ކުރަން ޖެހެއެވެ. އެއިން ބައެއް ނުބަލައި ދޫކޮށްލައިފި ނަމަ ކުންފުނި ވަޒަންކުރުމުގައި މައްސަލަތަކެއް ހުރުން އެކަށީގެންވެއެވެ.

ވިޔަފާރީގެ މާހައުލާއި ސްޓްރެޓީޖިކް އެނަލިސިސް

ކުންފުނި ހަރަކާތްތެރިވާ ވިޔަފާރީގެ ވެށި ދެނެގަތުމަކީ ވިޔަފާރީގެ އެންމެ މުހިންމު އެއް ތަނބެވެ. އޭގެ ތެރޭގައި އިގްތިސާދާއި ސިނާއަތުގެ ހާލަތު ދެނެގަނެ އެކަންކަން ވަޒަންކުރުން ހިމެނެއެވެ. އެގޮތުން އުފައްދާނެ ޕްރޮޑަކްޓް (މުދަލާއި ޚިދުމަތް)، ވަޒީފާގެ ބާޒާރު، ކެޕިޓަލް މާކެޓާއި ރެގިއުލޭޓަރީ އިންތިޒާމުތައް ހިމެނެއެވެ. ކުންފުނީގެ ވިޔަފާރީގެ ވާދަވެރިކަމުގެ ހާލަތު އޮތްނެތްގޮތާއި، ވިޔަފާރީގެ ފުރުސަތުތަކާއި، ކުރިމަތިވެދާނެ ނުރައްކާ ވެސް އޭގެތެރޭގައި ހިމެނެއެވެ.

ވިޔަފާރީގެ މާހައުލު ދިރާސާކޮށް ތަހުލީލު ކުރުމަށް ފަހު، ކުންފުނިން ހަރަކާތްތެރިވާ ސިނާއަތް ދެނެގަންނަން ޖެހެއެވެ. އެގޮތުން ސިނާއަތުގެ ތަހުލީލުގެ ފުރަތަމަ ފިޔަވަޅަކީ އެ ސިނާއަތުގެ ކުރިމަގާއި ސިނާއަތުގެ އޮނިގަނޑު ތަރުތީބުކުރެވިފައިވާ ގޮތެވެ. އަދި އެ އޮނިގަނޑުގެ މައްޗަށް ބިނާކޮށް ކުންފުންޏަށް ހޯދޭނީ ކިހާވަރެއްގެ ފައިދާއެއްކަން ވަޒަންކުރެވޭނެ އެވެ.

ސިނާއަތަށް ބެލުމަކީ ވާދަވެރިން ޖަމާއީ ގޮތެއްގައި ދެނެގަނެ، ހިދުމަތް ނުވަތަ ތަކެތި ގަންނާނެ ފަރާތްތަކާއި ސަޕްލަޔަރުންގެ މެދުގައި އަގާބެހޭ ގޮތުން ވާހަކަދެއްކުމަށް ލިބިފައިވާ ބާރު (ބާގެއިނިން ޕަވާ) އެކަކު އަނެކަކާއެކު ހަރަކާތްތެރިކޮށް ބައްދަލުކުރުމެވެ. އަދި ދިމާވެދާނެ ނުރައްކާތަކާ ކުރިމަތިލާ އާ ދޮރުތަކުން ވަދެ މިހާރު ބޭނުންކުރާ މުދަލުގެ ބަދަލުގައި އެހެން މުދަލެއް ވެސް ބޭނުންކުރެވިދާނެކަން ދެނެގަތުމާއި، ވިޔަފާރިއާ ކުރިމަތިލުމެވެ. އެހެންކަމުން، ސިނާއަތުގެ ތަހުލީލުގައި ދެ ކަމެއް ވަޒަންކުރަންޖެހެއެވެ. އެއީ ސިނާއަތުގެ ކުރިމަގާއި ހަގީގީ ވާދަވެރިކަމާއި ކުރިމަގުގައި ކުންފުނިން ކުރިމަތިލާންޖެހިދާނެ ވިޔަފާރީގެ ވާދަވެރިކަމެވެ.

ވިޔަފާރީގެ ވެއްޓާއި އިސްތިރާތީޖީ ތަހުލީލަށް އިނގެންޖެހޭނީ ދެ ކަމެކެވެ. އެއީ އިގުތިސާދާއި ސިނާއަތުގެ ބާރުތަކެވެ. އަދި ސްޓްރެޓީޖިކް މެނޭޖްމަންޓް، ބިޒްނަސް ޕޮލިސީ، އުފެއްދުންތެރިކަން، ލޮޖިސްޓިކް މެނޭޖްމަންޓް، މާކެޓިން އަދި މެނެޖީރިއަލް އިކޮނޮމިކުގެ މައުލޫމާތުތަކެވެ. ތަފާތު އުސޫލުތަކެއްގެ މައްޗަށް ބިނާވެފައިވާ ކަންތައްތަކެއް ހިމެނޭތީވެ، ވިޔަފާރީގެ ވެއްޓާއި އިސްތިރާތީޖީ ތަހުލީލުތައް މި ހުރިހާ ދިމާލެއް ހިމަނައިގެން މާލީ ބަޔާންތަކާ ގުޅެއެވެ.

އެކައުންޓިން އެނަލިސިސް

ހިސާބުކުރުމުގެ ތަހުލީލުތަކުގެ އިޖުރާއަތު ދެމިގެންދަނީ ކުންފުނީގެ އިގުތިސާދީ ހަގީގަތަށެވެ.

އެކަން ކުރެވޭނީ ކުންފުނީގެ މުއާމަލާތްތަކާއި އިވެންޓްތައް ދިރާސާކޮށް ދެނެގަނެގެންނެވެ. އެކައުންޓިން ސިޔާސަތުގެ ސަބަބުން މާލީ ބަޔާންތަކަށް ކުރާނެ އަސަރު ވަޒަންކުރަން ޖެހެއެވެ. އަދި ތަހުލީލު ހަދައިގެން ބަޔާންތަކަށް ގެނެވޭ އިސްލާހުތަކުން މިހާރަށްވުރެ އިގުތިސާދުރަނގަޅުވާކަން ދައްކައިދޭން ޖެހެ އެވެ. ފެންވަރު ރަނގަޅު މާލީ ތަހުލީލުތައް ބިނާވެފައި އޮންނަނީ މާލީ ބަޔާންތަކަށް ކުރެވޭ އިތުބާރާއި ހިސާބުތަކުގެ ތަހުލީލުތަކުގެ ފެންވަރުގެ މައްޗަށެވެ.

އެކައުންޓިން އެނަލިސިސްގެ ބޭނުމަކީ ކުންފުންޏަށް ލިބޭ އާމްދަނީ އާއި ކުންފުނީގެ ފައިދާގެ މިންވަރާއި ފެންވަރު ދެނަގަތުމެވެ. ފައިދާގެ ކޮލިޓީ ކަނޑައެޅުމުގައި ބޭނުންވާ މުހިންމު ކަންކަމުގެ ތެރޭގައި ކުންފުނީގެ ވިޔަފާރި އާއި އެކައުންޓިން ޕޮލިސީ އާއި ހާމަކުރާ މައުލޫމާތުގެ މިންވަރާއި ފެންވަރު ހިމެނެ އެވެ. އަދި މެނޭޖްމަންޓާ މެދު ދެކޭ ގޮތާއި ލިބެންހުރި ފުރުސަތުތަކާއި ފައިދާއިން މެނޭޖްމަންޓަށް ލިބޭނެ އިނާޔަތްތައް ހިމެނެއެވެ. އޭގެ އިތުރުން އެކައުންޓިން އެނަލިސިސްގައި އާމްދަނީ އެއްގޮތެއްގައި ހިފެހެއްޓިފައި ހުރުމާއި ދެމެހެއްޓެނިވި އާމްދަނީވެސް ހިމެނެއެވެ.

މާލީ ތަހުލީލު

މާލީ ބަޔާންތަކުގެ ތަހުލީލުތަކަކީ ވިޔަފާރިއެއް އެނަލައިޒް ކުރުމާގުޅޭ އެންމެ މުހިންމު އެއް ބަހާއެވެ. އެގޮތުން ކުންފުނީގެ މާލީ ހާލަތާއި، މެނޭޖްމަންޓާއި، ޕްލޭނާއި އިސްތިރާތީޖީ އާއި ވިޔަފާރީގެ މާހައުލު ހިމެނެއެވެ.

މާލީ ތަހުލީލު ބޭނުންކުރަނީ ކުންފުނީގެ މާލީ ބަޔާންތައް ތަހުލީލުކޮށް އެކުންފުނީގެ މާލީ މަގާމާއި ނަތީޖާ ދެނެގަތުމާއި ކުރިމަގުގެ މާލީ ކާމިޔާބު ނުވަތަ ނަތީޖާ ވަޒަންކުރުމަށެވެ. މާލީ ތަހުލީލުތައް ހެދުމުގައި ގިނަ ސުވާލުތަކަކަށް އަމާޒު ހިފިދާނެއެވެ. އެގޮތުން ފުރަތަމަ ކުރާ ސުވާލުތަކަކީ ކުރިމަގާއި ގުޅޭ ސުވާލުތަކަށް ވާންޖެހޭނެ އެވެ.

އެ ސުވާލުތަކުގެ ތެރޭގައި ވިޔަފާރި ކާމިޔާބުކުރުމަށް ނުވަތަ އިތުރަށް ތަރައްގީކޮށް ފުޅާކުރުމަށް ބޭނުންވާ ވަސީލަތްތައް ކުންފުނީގައި ހުރިތޯ އާއި ކުންފުނީގައި އިތުރު މަޝްރޫއުތަކަށް އިންވެސްޓްކުރުމުގެ ގާބިލުކަން ހުރިތޯ އެހިދާނެ އެވެ. އަދި ވަސީލަތްތަކުން ލިބޭނީ ކިހާވަރެއްގެ ފައިދާ ލިބޭނެ މިންވަރާއި، ކުންފުނީގެ ކުރިމަގުގައި އާމްދަނީ ހޯދުމުގެ ބާރުވެރިކަން ހުރި މިންވަރު ވެސް އެހިދާނެ އެވެ.

ދެވަނައަށް ކުރާ ސުވާލުތަކަކީ ކުންފުނީގެ ޓްރެކް ރިކޯޑު ދެނެގަތުމާއި ލަފާކުރާ މާލީ ނަތީޖާ ނެރުމުގެ ގާބިލުކަން ހުރި މިންވަރު ވަޒަންކުރެވެން ޖެހޭނެ އެވެ. އެގޮތުން ކުރާ ސުވާލުތަކުގެ ތެރޭގައި ކުންފުނީގެ މާލީ މަގާމު ރަނގަޅު މިންވަރާއި، ކުންފުންޏަށް ފައިދާވަ މިންވަރު އެހިދާނެ އެވެ. އަދި ލަފާކުރި ގޮތާ އެއްވަރަށް ފައިދާ ލިބިފައިވޭތޯ ވެސް އެހޭނެ އެވެ. ކުންފުނީގެ މާލީ ތަހުލީލެއް އިތުބަރު ހިރި ގޮތެއްގައި ކުރެވޭނީ މި ފަދަ ސުވާލުތައް ކޮށްގެންނެވެ.

މާލީ ތަހުލީލުތައް ހެދުމަށްޓަކައި މައިގަނޑު ގޮތެއްގައި ތިން ކަމަކަށް ބަލަންޖެހެއެވެ. އެއީ ޕްރޮފިޓަބިލިޓީ އެނަލިސިސް އާއި ރިސްކް އެނަލިސިސް އާއި ފަންޑު ލިބުނު ގޮތާއި ހޭދަކުރި ގޮތެވެ.

ޕްރޮފިޓަބިލިޓީ އެނަލިސިސްގައި ބަލާ ދެނެގަންނާނީ އިންވެސްޓްމަންޓްތަކުން ކުންފުންޏަށް ލިބިފައިވާ ބަދަލު ނުވަތަ ފައިދާއެވެ. އެ އެނަލިސިސްގެ އަމާޒަކީ ކުންފުނީގެ ވަސީލަތްތަކާއި ފައިދާގެ މިންވަރާއި އަދި އޭގެން ކޮންމެ ވަސީލަތަކުން ކުންފުނީގެ ފައިދާއަށް ހިއްސާކޮށްފައިވާ މިންވަރު ދެނެގަނެ ވަޒަންކުރުމެވެ.

ރިސްކް އެނަލިސިސްގައި އިވަލުއޭޓުކޮށް ދެނެގަންނާނީ ކުންފުނިން ކުރަން ކަނޑައަޅާފައިވާ ކަންކަން ކުރުމުގެ ގާބިލުކަން ހުރި ނެތްގޮތެވެ. ރިސްކް އެނަލިސިސްގައި އެންމެ ބޮޑަށް ބަލާނީ އަރަނިވެރިންނަށް (ކްރެޑިޓަރުންނަށް) ދައްކަންޖެހޭ ފައިސާ ގަވާއިދުން ދެއްކުމުގެ ގާބިލުކަން ހުރިމިންވަރަށެވެ.

ކުންފުނީގެ ކުރިމަގު ތަހުލީލު ކުރުން

މި ތަހުލީލަކީ ކުރިމަގުގައި ކުންފުނީގެ އާމްދަނީ އާއި ކުންފުނީގައި ދައުރުވާ ފައިސާ (ކޭޝް ފްލޯ) ލަފާކޮށް ދެނެގަތުމެވެ.

މިއީ ފާއިތުވި އަހަރުތަކުގެ މާލީ ބަޔާންތަކުން ލިބިފައިވާ ޑާޓާތަކަށް ބިނާކޮށް ދިގުމުއްދަތުގެ އަންދާސާ (ލޯންގް-ޓާމް ފޯކާސްޓިން) ހެދުމެވެ. މި އެނަލިސިސް ހެދުމުގައި ހިމެނޭ ބައިތަކުގެ ތެރޭގައި ކުންފުނީގެ ބެލަންސް ޝީޓް، އާމްދަނީގެ ބަޔާން އަދި ފައިސާ ލިބުނުގޮތާއި ހޭދަކުރިގޮތުގެ ބަޔާންތައް އަންދާސީކުރުން ހިމެނެއެވެ.

މި ތަހުލީލުން ދެނެގަންނަން ބޭނުންވާ ކަމަކީ ކުންފުންޏަށް ލިބޭނެ އާމްދަނީ ވަޒަންކޮށް ކުންފުނީގެ އަގު ކަނޑައެޅުމެވެ. ޕްރޮސްޕެކްޓިވް އެނަލިސިސް ރަނގަޅު ފެންވަރެއްގައި ހެދުމަށާއި އަދި ވީވަރަކުން ސައްހަ ނަތީޖާއެއް ހޯދުމަށްޓަކައި ކުއަންޓިޓޭޓިވް ޓޫލްސްތަކުގެ ބޭނުންތެރިކަން ބޮޑެވެ.

މި އެނަލިސިސް އަކީ ލިބިފައިވާ މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް ލަފާކުރުންތަކެއްގެ މައްޗަށް (ސަބްޖެކްޓިވް) ހަދާ އެނަލިސިސްއެކެވެ. މިއީ މާލީ ބަޔާންތައް ތަޙުލީލުކުރުމުގެ އިޖުރާއަތުގެ ތެރެއިން އެންމެ ފަހުގެ އެނަލިސިސްގެ އެންމެ ފަހުގެ ފިޔަވަޅެވެ.

މި އެނަލިސިސްގެ ތެރެއިން ކުންފުނީގެ އިގުތިސާދީ ނަތީޖާއާ ހަމައަށް ވާސިލުވެ، ފުރިހަމަ ކުރެވޭނީ ކުންފުންނީގެ ފާއިތުވި އަހަރުތަކުގެ މާލީ ބަޔާންތަކަށް ގެންނަންޖެހޭ އިސްލާހުތަކެއް ހުރެއްޖެނަމަ، އެ ފަދަ އިސްލާހުތައް ރަނގަޅަށް ސައްހަކޮށް ގެނެވި ހުށަހެޅިގެންނެވެ.

ޕްރޮސްޕެކްޓިވް އެނަލިސިސް އަކީ ކުންފުނީގެ ސްޓްރެޓީޖިކް ޕްލޭން އެކުލަވާލުމަށް ވަރަށް މުހިންމު މަޢުލޫމާތެކެވެ. އަދި ކުންފުނީގެ އަރަނިވެރިންނަށް އެމީހުންގެ ފައިސާ ކުރިމަގުގައި އަނބުރާ ލިބޭނެކަމުގެ ގާބިލުކަން ކުންފުނީގައި ހުރި މިންވަރު ދެނެގަތުމަށްވެސް އެހީތެރިވެދޭނެ މައުލޫމާތެކެވެ.

އަގުކުރުން

އަގުކުރުމަކީ ކުންފުންޏަށް ލިބޭނެ ކަމަށް ލަފާކުރާ އާމްދަނީ އާއި ފައިދާއަށް ބަލާ ކުންފުނީގެ އަގު ކަނޑައެޅުމެވެ. އަދި ކުންފުންޏަށް ދެމެހެއްޓެނިވި ގޮތެއްގައި އާމްދަނީ ހޯދުމުގެ ގާބިލުކަން ލިބިފައިވާ މިންވަރު ވަޒަންކުރުމެވެ.

ކުންފުނީގެ އެސެޓްތަކުގެ ކޮލިޓީ އާއި މެނޭޖްމަންޓުގެ ގާބިލުކަމަކީ ކުންފުނީގެ އަގު ކަނޑައެޅުމުގެ މުހިންމު އަސާސްތަކެވެ. ކުންފުންޏަށް އާމްދަނީ ހޯދުމުގެ ބާރުވެރިކަން ލިބިފައިވާ މިންވަރު ވަޒަންކުރުމުގައި އާމްދަނީއާ ގުޅޭ އެންމެހާ ބައިތައް ތަހުލީލު ކުރަންޖެހެ އެވެ. އަދި އާމްދަނީ ލިބެނީ ކޮންކަމަކުން ކަމާއި ކުންފުނީގެ ކަންކަމަށް ހިނގާ ހަރަދުގެ ބައިތައް ވަކިވަކިން ދެނެގަނެ އެނގެންޖެހެއެވެ. އަދި އަގުކުރުމުގެ މުހިންމު މައުލޫމާތުތަކުގެ ތެރޭގައި ކުންފުނީގެ މެނޭޖްމަންޓުން ކުންފުންޏާމެދު ދެކޭ ގޮތާއި އެމީހުންގެ ތަސައްރަފުތަކާއި އަމަލާއި ވިސްނުން ހުރި ގޮތް ބެލުން ވެސް މުހިންމެވެ. މީގެ އިތުރުން ކުންފުންޏާބެހޭ ތަފާތު ކުއަންޓިޓޭވް މައުލޫމާތާއި ކޮލިޓޭޓިވް މައުލޫމާތުތަކުގެ އަލީގައި ތަހުލީލުތައް ހަދަންޖެހެއެވެ.

ދިގު މުއްދަތުގައި ކުންފުނި އަގުކުރުމުގެ މަސައްކަތުގެ އިޖުރާއަތުތައް ކުރިއަށް ގެންދިއުމުގައި ވެލުއޭޝަން މޮޑެލް ބޭނުންކުރެއެވެ. އަދި ކުންފުނީގެ ކެޕިޓަލް ހަރަދުތައް ލަފާކޮށް ކަނޑައަޅައެވެ. އެހެންކަމުން އަގުކުރުމުގައި ކުންފުންޏަށް ލިބޭނެކަމަށް ލަފާކުރާ އާމްދަނީ ދެނެގަތުމަށްޓަކައި ފާއިތުވި މުއްދަތާއި މިހާރުގެ މާލީ މައުލޫމާތުތައް ބޭނުންވެއެވެ.

ވިޔަފާރި އާއި ލިކުއިޑިޓީ ތަހުލީލުތައް ހެދުމުގެ އަމާޒަކީ ވިޔަފާރީގެ ނިންމުންތަކަކީ ހަރުދަނާ ނިންމުންތަކަކަށް ހަދާ ކުންފުނީގެ ހާލަތު ރަނގަޅަށް ދެނެގަނެ ވަޒަންކުރުމެވެ. އަދި ކުންފުނި ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމަށް ކުރަންޖެހޭ ކަންކަން ފާހަގަކޮށް ބިޒްނަސް އިސްތިރާތީޖީ އަކީ ކޮބައިކަން ކަނޑައެޅުމާއި ކުންފުންޏަށް ދެމެހެއްޓެނިވި ގޮތެއްގައި އާމްދަނީ ލިބުމުގެ ގާބިލުކަން ހުރި މިންވަރު ވަޒަންކުރުމެވެ.

މި ލަނޑުދަނޑިއަށް ވާސިލުވެ ގޮތެއް ކަނޑައެޅުމަށްޓަކައި ކުންފުނީގެ ވިޔަފާރީގެ ބައިތަކާއި ވިޔަފާރީގެ ވެށި ދެނެގަންނަންޖެހެއެވެ. އަދި ކުރުމުއްދަތުގައްޔާއި ދިގު މުއްދަތުގައި ކުންފުނީގެ މާލީ ޒިންމާތައް އަދާކުރުމުގެ ގާބިލުކަން ވަޒަންކުރަންޖެހެއެވެ.

އެ ކަންތައްތައް ދެނެގަތުމަށްޓަކައި ހަދަންޖެހޭ އެނަލިސިސްތަކުގެ ތެރޭގައި ކުންފުނީގެ މާލީ ބަޔާންތައް އެނަލައިޒްކުރުމާއި ރޭޝިއޯތައް ހެދުމާއި ލިބޭފައިސާ އާއި ހޭދަކުރާ ފައިސާގެ މިންވަރު ވަޒަންކުރުމާއި އަދި ކުންފުނީގެ އަގު ކަނޑައެޅުމަށްޓަކައި ފުރިހަމަކުރަންޖެހޭ އިޖުރާއަތުތައް ފުރިހަމަކުރުން ހިމެނެއެވެ.

ކުންފުންޏެއްގެ އަގު ކަނޑައެޅުމުގެ އެންމެ މުހިންމު ދެ އުންސުރަކީ މެނޭޖްމަންޓުގެ ކޮލިޓީ އާއި އެސެޓް މެނޭޖްމަންޓްއެވެ.

ނޯޓު: މިއީ ސީއެމްޑީއޭއިން ތައްޔާރުކޮށްފައިވާ ލިޔުމެކެވެ.