30 ޖޫން 2022
ލިބޭ އާމްދަނީގެ ބައެއް ފަހަށް ރައްކާކުރުމަކީ ރަނގަޅު ކަމެއްކަން އެންމެން ވެސް ދަނެ އެވެ. އަދި ރައްކާކުރެވޭ ފައިސާ، އިތުރު އާމްދަނީއެއް ލިބޭނެހެން އިންވެސްޓުކުރުމަކީ ބުއްދިވެރިކަމެކެވެ.
ލިބޭ އާމްދަނީގެ ބައެއް ފަހަށް ރައްކާކުރުމަކީ ރަނގަޅު ކަމެއްކަން އެންމެން ވެސް ދަނެ އެވެ. އަދި ރައްކާކުރެވޭ ފައިސާ، އިތުރު އާމްދަނީއެއް ލިބޭނެހެން އިންވެސްޓުކުރުމަކީ ބުއްދިވެރިކަމެކެވެ.
މި ޒަމާނުގައި އިންވެސްޓް ކުރާ ތަފާތު އެތައް މަގެއް ވަނީ ފަހިވެފަ އެވެ. ބޭންކް ފިކްސްޑް ޑިޕޮސިޓް އެކައުންޓްތަކުގަ އެވެ. ފޮރެކްސް ޓްރޭޑިން މުއާމަލާތްތަކުގަ އެވެ. ނަން-ފަންޖިބަލް ޓޯކަންސް އަދި ބިޓްކޮއިން، ކްރިޕްޓޯ ކަރަންސީ ފަދަ ޑިޖިޓަލް މާލީ ޕްލެޓްފޯމުތަކުގަ އެވެ. އިންވެސްޓްމަންޓު ފަންޑުތަކުގަ އެވެ. ސަރުކާރާއި، ލިސްޓެޑް ކުންފުނިތަކުން ދޫކުރާ ދަރަނީގެ ވަސީލަތްތަކުގަ އެވެ. ޝަރީއާގެ ހަމަތަކާއި އެއްގޮތަށް ދޫކުރެވޭ ސުކޫކުގަ އެވެ. ކުންފުނިތަކުން ވިއްކާ ހިއްސާގަ އެވެ. އިންވެސްޓް ކުރުމަށް އެތައް ފުރުސަތުތަކެއް ވަނީ ހުޅުވިފަ އެވެ. އިންވެސްޓް ކުރުމުގެ ކުރިން އެ އިންވެސްޓްމަންޓެއްގައި އެކުލެވޭ ރިސްކުތައް ދެނެގަންނަން ޖެހެ އެވެ. ކުރެވޭ އިންވެސްޓްމަންޓަކުން ލިބޭ ނަފާ އާއި އިންވެސްޓްމަންޓުގެ ރިސްކާ ވަނީ ވަރަށް ބޮޑަށް ގުޅިފަ އެވެ. ރިސްކު ބޮޑު އިންވެސްޓްމަންޓަކުން ލަފާކުރާ ނަފާ ވެސް ބޮޑުވާނެ އެވެ. ނަމަވެސް އިންވެސްޓް ކުރުމުގައި ރިސްކު ނެގުން އެންމެ ރަނގަޅު ގޮތަކީ އެ މީހަކަށް އެކަށީގެންވާ، އަދި "ކަލްކިއުލޭޓެޑް" ރިސްކެއް ނެގުމެވެ.
ރާއްޖޭގެ ހިއްސާގެ ބާޒާރުގައި ލިސްޓްކޮށްގެން ހިއްސާ ވިއްކާފައިވާ ނުވަ ކުންފުނި އެބަ އޮތެވެ. މި ނުވަ ކުންފުނީގެ ހިއްސާއަކީ ސެކަންޑަރީ މާކެޓުގައި ގަނެވިއްކުމުގެ މުއާމަލާތްތައް (ޓްރޭޑް) ކުރަމުން އަންނަ ހިއްސާ އެވެ.
ލިސްޓެޑް ކުންފުނިތަކުން ވިއްކާފައިވާ ހިއްސާގެ އަދަދާއި މޫނުމަތީ އަގު
ލިސްޓުކޮށްފައިވާ ކުންފުންޏެއްގެ ހިއްސާއެއް ގަތުމުގެ ކުރިން ހިއްސާއަކުން އެ މީހަކަށް ލިބޭނެ ކަމަށް ލަފާކުރާ ފައިސާ ދެނެގަތުން ވަރަށް މުހިއްމެވެ. އެކަން ދެނެގަތުމަށްޓަކާއި ވޭތުވެދިޔަ އަހަރުތަކުގައި އެ ކުންފުނިތަކުން ހިއްސާގެ ފައިދާގެ ގޮތުގައި ބަހާފައިވާ އަދަދުތައް ދެނެގަތުން ވަރަށް މުހިއްމެވެ. އެކަން ދެނެގަނެވޭނީ ކުންފުނިތަކުގެ ޑިވިޑެންޑް ޔީލްޑަށް އަންނަ ބަދަލުތައް ދެނެގަނެގެންނެވެ. ޑިވިޑެންޑް ޔީލްޑަކީ، ބާޒާރުގައި ހިއްސާގެ އަގު އެ އިރެއްގެ ހުރި ވަރަށް ބަލައި ހިއްސާއަކަށް އެ އަހަރު ލިބުން ފައިދާ އިންސައްތަ އިން ގެނެސްދޭ ރޭޝިއޯ އެވެ. އެއީ ކުންފުނިތަކުގެ ޕާފޯމަންސާއި ގުޅުންހުރި، މާލީ ހިސާބުތައް އަޅާކިއުމުގައި ބޭނުންކުރާ މައިގަނޑު އެއް އަސާސެވެ. މި ރޭޝިއޯ އިން މިންކޮށްދެނީ ބާޒާރުގައި ހިއްސާގެ އަގު ހުރިވަރާއި އަޅާބަލާ އިރު ޑިވިޑެންޑުގެ ގޮތުގައި ކުންފުނިން ހިއްސާއަކަށް ބަހާފައިވާ ފައިސާގެ މިންވަރެވެ.
ލިސްޓެޑް ކުންފުނިތަކުގެ ޑިވިޑެންޑް ޔީލްޑް ހިސާބުތައް ހަދާލުމުމަށްފަހު ލިބޭ އަދަދުތައް އަޅާކިއާލެވިދާނެ އެވެ. އެއަހަރަކަށް ބޮޑު ޕަސެންޓޭޖެއް ޑިވިޑެންޑް ޔީލްޑުގެ ގޮތުގައި ލިބިފައިވާ ކުންފުނިތަކަކީ، އެކުންފުނިތަކުގެ ހިއްސާގެ ބާޒާރު އަގު ހުރި ވަރަށް ބަލާއިރު، އެ އަހަރެއްގައި އެ ކުންފުންޏަށް ލިބުން ފައިދާގެ އެދެވޭ މިންވަރެއް ޑިވިޑެންޑުގެ ގޮތުގައި ހިއްސާދާރުންނަށް ބަހާފައިވާ ކުންފުނިތަކެވެ.
ރާއްޖޭގެ ލިސްޓެޑް ކުންފުނިތަކުގެ ޑިވިޑެންޑް ޔީލްޑް 2017 އިން 2022ގެ ނިޔަލަށް ހުރި ގޮތުގެ ތަސައްވުރު
ވޭތުވެދިޔަ ފަސް އަހަރަށް ބަލާއިރު، 2017 ވަނަ އަހަރު އެންމެ ބޮޑު ޑިވިޑެންޑް ޔީލްޑެއް ލިބިފައިވަނީ ސަރުކާރުގެ އެންމެ ބޮޑު އެއް ކުންފުނި އެސްޓީއޯއަށެވެ. އެއީ 15.7 ޕަސެންޓެވެ. ނަމަވެސް، 2018 ވަނަ އަހަރުގައި ދިރާގުން ވަނީ 14.9 ޕަސެންޓާއި އެކު އެސްޓީއޯ އަށްވުރެ ކުރި ހޯދާފަ އެވެ. އެ އަހަރު އެސްޓީއޯގެ ޑިވިޑެންޑް ޔީލްޑް ހުރީ 14.5 ޕަސެންޓުގަ އެވެ. އެސްޓީއޯގެ ޑިވިޑެންޑް ޔީލްޑް 2019 ވަނަ އަހަރު 11.6 ޕަސެންޓުގައި ހުރި އިރު، ދިރާގުގެ ޑިވިޑެންޑް ޔީލްޑް ހުރީ 11.4 ޕަސެންޓުގަ އެވެ.
ކޮވިޑް އާ ގުޅިގެން، 2020 ވަނަ އަހަރު ގިނަ ކުންފުނިތަކުގެ މާލީ ޕާފޯމަންސަށް ނޭދެވޭ އަސަރުކޮށް، ޑިވިޑެންޑް ޔީލްޑް ދަށަށް ގޮސްފައިވެ އެވެ. ނަމަވެސް، އެހެން ކުންފުނިތަކާއި ހިލާފަށް، އެ އަހަރު އެސްޓީއޯގެ ޑިވިޑެންޑް ޔީލްޑް ވަނީ އެ ކުންފުނީގެ 2019 ވަނަ އަހަރުގެ ޑިވިޑެންޑް ޔީލްޑަށްވުރެ ވެސް އިތުރުވެފަ އެވެ. އެއީ 13.2 ޕަސެންޓެވެ. މި އަދަދަކީ 2019 އަހަރާ އަޅާކިޔާއިރު 1.6 ޕަސެންޓު އިތުރު މިންވަރެކެވެ. އެސްޓީއޯގެ ޑިވިޑެންޑް ޔީލްޑް 2021 ވަނަ އަހަރު ހުރީ 11.2 ޕަސެންޓުގަ އެވެ.
ބީއެމްއެލްގެ ޑިވިޑެންޑް ޔީލްޑް 2021 ވަނަ އަހަރު ހުރީ 20.4 ޕަސެންޓުގަ އެވެ. އެ އަހަރު ބީއެމްއެލް އިން ވަނީ އެހެން ކުންފުނިތަކަށް ވުރެ ބޮޑު ޑިވިޑެންޑެއް ޔީލްޑެއް ހޯދައިފަ އެވެ.
2021 ވަނަ އަހަރުގައި ބޭންކް އޮފް މޯލްޑިވްސް ޕަބްލިކް ލިމިޓެޑް (ބީއެމްއެލް) އިން ވަނީ 20.4 ޕަސެންޓާއި އެކު، އެހެން ލިސްޓެޑް ކުންފުނިތަކަށް ވުރެ ނިސްބަތުން ބޮޑު ޑިވިޑެންޑް ޔީލްޑެއް ހާސިލްކޮށްފައެވެ. 2021 ވަނަ އަހަރު އެސްޓީއޯގެ ޑިވިޑެންޑް ޔީލްޑް ހުރީ 11.2 ޕަސެންޓުގަ އެވެ.
ހިއްސާ ގަނެވިއްކުމުގެ މުއާމަލާތްތައް ބާޒާރުގައި ހިނގަނީ ގަންނާނެ ފަރާތަކާއި ވިއްކާނެ ފަރާތަކާ އެކު އެވެ. ނުވަތަ، އޯޑާ މެޗް ވުމުންނެވެ. ހިއްސާ ގަނެވިއްކުމުގެ ވިޔަފާރީގައި ބައިވެރިވާ އިންވެސްޓަރުން ހިއްސާ ގަތުމަށް ނުވަތަ ވިއްކުމަށް އޯޑަރެއް ދިނުމުގެ ކުރިން، ޑިވިޑެންޑް ޔީލްޑް ފަދަ މާލީ ހިސާބުތައް ހަދައި، ލިބޭ ނަތީޖާއަށް ބަރޯސާވެ އެވެ.
މާލީ މާހިރުން އިންވެސްޓު ކުރުމަށް ދޭ ލަފާ އަށް ވެސް ބުރަވެ އެވެ. ގަންނަން އެންމެ ބޭނުންވާ ކުންފުނީގެ ހިއްސާ، ބާޒާރުގައި އެ ވަގުތު ވިއްކާނެ ފަރާތެއް ނެތް ނަމަ، ދެން އެންމެ އެދެވޭ ކުންފުނީގެ ހިއްސާ ގަނެވިއްކުމުގެ މުއާމަލާތުގައި ބައިވެރިވެ އެވެ.
ލިސްޓެޑް ކުންފުނިތަކުގެ ހިއްސާގެ ބާޒާރުއަގު
މި އަހަރު ތެރޭގައި ނިސްބަތުން ހިއްސާގެ ބާޒާރުގެ އަގު އެންމެ މައްޗަށް ގޮސްފައިވަނީ އެމްޓީސީސީގެ ހިއްސާ އެވެ. އެއީ 2021 ވަނަ އަހަރު ނިމުންއިރު ބާޒާރުއަގު ހުރިވަރަށް ވުރެ 157 ޕަސެންޓުގެ އިތުރު ވުމެކެވެ. މިދިޔަ އަހަރު ނިމުނު އިރު 35 ރުފިޔާއަށް ބާޒާރުގައި އެމްޓީސީސީގެ ހިއްސާ ގަނެ ވިއްކުމުގެ މުއާމަލާތް ކޮށްފައި ވާއިރު، މިހާރު އެ މުއާމަލާތް ކުރެވެމުން އަންނަނީ 90 ރުފިޔާގަ އެވެ. ދެވަނަ އަށް އެންމެ ބޮޑު ބަދަލެއް ހިއްސާގެ ބާޒާރުގެ އަގަށް އައިސްފައިވަނީ ބީއެމްއެލްގެ ހިއްސާއަށެވެ. މިދިޔަ އަހަރު ބާޒާރުގައި ބީއެމްއެލްގެ ހިއްސާ ގަނެވިއްކުމުގެ މުއާމަލާތް ކޮށްފައި ވަނީ 235 ރުފިޔާއަށެވެ. ނަމަވެސް، މި އަހަރުގެ މިހާތަނަށް ބީއެމްއެލްގެ ހިއްސާއެއްގެ އަގު ބާޒާރުގައި ވަނީ 500 ރުފިޔާއަށް އުފުލިފަ އެވެ. އެއީ ވޭތުވެދިޔަ އަހަރު ނިމުނު އިރު ހުރި އަގަށްވުރެ 113 ޕަސެންޓު އިތުރު އަދަދެކެވެ.
ޑިވިޑެންޑް ޔީލްޑް ހިސާބުތަކަށް ބަރޯސާވުމުން، ބީއެމްއެލްގެ ހިއްސާގެ ބާޒާރު އަގު މި އަހަރު ތެރޭ އަދިވެސް އުފުލޭނެ ކަމަށް ބެލެވެ އެވެ. ތިންވަނަ އަށް އެންމެ ބޮޑަށް މި އަހަރުގެ ތެރޭގައި ހިއްސާގެ ބާޒާރު އަގު މައްޗަށް ގޮސްފައި ވަނީ އުރީދޫގެ އެވެ. އެއީ ވޭތުވެދިޔަ އަހަރު ނިމުނު އިރު ހުރި ބާޒާރުގެ އަގާއި އަޅާކިޔާ ނަމަ 67 ޕަސެންޓު ގެ އިތުރު ވުމުކެވެ. މިހާރު އުރީދޫގެ ހިއްސާއެއް، ބާޒާރުގައި ގަނެ ވިއްކަން ހުރި އަގަކީ 55 ރުފިޔާ އެވެ. މިދިޔަ އަހަރު ނިމުނު އިރު އުރީދޫ ހިއްސާއެއްގެ އަގު ބާޒާރުގައި ހުރީ 33 ރުފިޔާގަ އެވެ.
ކުންފުންޏަށް އަހަރުން އަހަރަށް ލިބޭ ފައިދާ އިތުރުވަމުން އަންނަ ވަރާއި، އަދި އެ ފައިދާގެ ތެރެއިން ހިއްސާދާރުންނަށް ބަހާ ފައިދާ އަށް ބަލައި މާލީ ހިސާބުތައް ހެދުމަށްފަހު، ލިސްޓެޑް ކުންފުނިތަކުގެ ހިއްސާގައި އިންވެސްޓުކުރުމަކީ، އިންވެސްޓްމަންޓުގައި ހިމެނޭ ރިސްކުތައް ކުޑަ ކުރެވި އިންވެސްޓަރުންނަށް އެދެވޭ ނަފާއެއް ލިބޭނެ އިންވެސްޓްމަންޓެއްގެ ގޮތުގައި ފާހަގަކުރެވެ އެވެ.
ނޯޓް: މިއީ ސީއެމްޑީއޭ އިން ތައްޔާރު ކޮށްފައިވާ ލިޔުމެކެވެ.
ފަހަށް ރައްކާކުރަން ދާންވީ ރެގިއުލޭޓް ކުރެވޭ މާކެޓަކަށް
ވިޔަފާރިތަކަށް ލިކުއިޑިޓީ ތަހުލީލުތައް ވަރަށް މުހިންމު
އިންވެސްމަންޓު ބޭންކިން ރާއްޖެއަށް މުހިންމު
ޓްރޭޑުކުރާ އިންވެސްޓަރުން ވިސްނަންވީ ކަންތައްތައް
"ވިޔަނަ": ސެކިއުރިޓީޒް ބާޒާރަށް އާ ފުރުސަތެއް!
ބޭރުގެ ޕޯޓްފޯލިއޯ އިންވެސްޓްމަންޓުން ފައިދާ ހޯދޭނެ
ފައިނޭންޝަލް އިންކްލޫޝަނަށް އަހައްމިއްޔަތުކަން ދޭންޖެހޭ
ރާއްޖެ ޑިޖިޓަލް އިގުތިސާދަކަށް ބަދަލުވަނީ
ކެޕިޓަލް މާކެޓުން އެސްއެމްއީތަކަށް ފަންޑު ހޯދިދާނެ
ޓޫރިޒަމް ކުންފުނިތަކަށް ވެސް އާންމުންނަށް ހިއްސާވިއްކޭނެ