Roadha Mihaaru
ދިއްދޫގައި އާދަޔާ ޚިލާފު ލަތީފާއި ހާޝިމާއި ވަހީދު!

ދިއްދޫގައި އާދަޔާ ޚިލާފު ލަތީފާއި ހާޝިމާއި ވަހީދު!

01 ނޮވެމްބަރ 2022

މި ރަށުގެ ބައެއް މީހުންނާ ގުޅޭ ގޮތުން ދެކެވުނު ވާހަކައިގައި، ލަތީފް ދަންނަމޭ ބުނެ ނުނިމެނީސް ވަރަށް އުފަލުން އެއީ އަޅުގަނޑުގެ އެއްބަނޑު އެއްބަފާ މީހެކޭ ބުނެފި އެވެ. މާލޭގައި ދިރިއުޅޭ ތަނާއި ރަށަށް ނާންނަތާ ދުވަސްވެއްޖެއޭ ބުނެ ތައާރަފްކޮށްދީ ނިމުނުއިރު އެއީ މުޅިން އެހެން ލަތީފަކަށް ބަދަލުވެއްޖެ އެވެ. ލަތީފު ގިނަކަމުން އޮޅުންއެރީ އެވެ. ލަތީފެއް ނަމަ, މި ރަށުގައި ކިޔަން ޖެހެނީ ގޭގެ ނަން ކުރިއަށް ލައިގެން ކަމަށް ސަމާސާއަކަށް ހަދާފައި އޭނާ ބުންޏަސް އެއީ ހަގީގަތެކެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

މި ރަށުގެ ބައެއް މީހުންނާ ގުޅޭ ގޮތުން ދެކެވުނު ވާހަކައިގައި، ލަތީފް ދަންނަމޭ ބުނެ ނުނިމެނީސް ވަރަށް އުފަލުން އެއީ އަޅުގަނޑުގެ އެއްބަނޑު އެއްބަފާ މީހެކޭ ބުނެފި އެވެ. މާލޭގައި ދިރިއުޅޭ ތަނާއި ރަށަށް ނާންނަތާ ދުވަސްވެއްޖެއޭ ބުނެ ތައާރަފްކޮށްދީ ނިމުނުއިރު އެއީ މުޅިން އެހެން ލަތީފަކަށް ބަދަލުވެއްޖެ އެވެ. ލަތީފު ގިނަކަމުން އޮޅުންއެރީ އެވެ. ލަތީފެއް ނަމަ, މި ރަށުގައި ކިޔަން ޖެހެނީ ގޭގެ ނަން ކުރިއަށް ލައިގެން ކަމަށް ސަމާސާއަކަށް ހަދާފައި އޭނާ ބުންޏަސް އެއީ ހަގީގަތެކެވެ.

އެއީ ދިއްދޫގެ ފަޚުރުވެރި ނަންތަކުގެ ތެރެއިން ނަމެކެވެ. މި ނޫނަސް އެންމެ ނަމަކުން ފަރުނުޖެހި މުޅި އާއިލީ ވަނަވަރު ކިޔައިދޭން ޖެހޭ ނަންތަކެއް މި ރަށުގެ ބައެއް މީހުންނަށް ކިޔަ އެވެ. ދިއްދޫގެ ބައެއް މީހުން ބުނާ ގޮތުގައި ހާޝިމާއި ވަހީދު ވެސް އޭގެތެރޭގައި ހިމެނެ އެވެ.

މި ދެ ނަން ކިޔާ މީހުންގެ ވެސް ދިގު ސަފެއް ރަށުގައި އަތުރާލެވިދާނެ އެވެ.

ދިއްދޫގެ ޒުވާނުންތަކެއް އެ ރަށުގައި: އާއްމުކޮށް ވާހަކަ ދައްކާއިރު ވެސް ބައެއް ނަންތައް މި ރަށުގައި ކިޔަނީ ގޭގެ ނަން ކުރިއަށް ލައިގެން.

ދިއްދޫގެ ޒުވާނުންތަކެއް އެ ރަށުގައި: އާއްމުކޮށް ވާހަކަ ދައްކާއިރު ވެސް ބައެއް ނަންތައް މި ރަށުގައި ކިޔަނީ ގޭގެ ނަން ކުރިއަށް ލައިގެން.

ލަތީފާއި ހާޝިމާއި ވަހީދު، ދިއްދޫގެ ހުރިހާ އާއިލާތަކެއްގައި ކަހަލަ ގޮތަކަށް އުޅެ އެވެ. ޖުމްލަ އާބާދީ 5,000 އަށް ވުރެ މަތި ދިއްދޫގައި ހާޝިމް ކިޔާ ކިތައް މީހުން އުޅޭތޯ ރަސްމީ ލިޔެކިޔުންތަކުން ބެލިއިރު ގައިމު ވެސް 100 އަށް ވުރެ ގިނަ އެވެ. ވަހީދު ކިޔާ މީހުންގެ އަދަދު ވެސް ހަމަ އެހާ ގިނަ އެވެ.

އެއް ނަމެއް ކިޔާ މި މީހުން ވަކިކުރަނީ ވަނަމުން ނުވަތަ ގޭގެ ނަމާ ގުޅުވައިގެން އެ މީހަކާ މުހާތަބުކޮށްގެންނެވެ. މިކަން މިރަށުގެ މީހުންނަށް ވެސް ޝައުގުވެރި އެވެ.

"ފުރަތަމަ ގޭގެ ނަން ލާފައި އަސްލު ނަން ކިޔަން މި ޖެހޭނީ. އެހެން ނޫނީ އެ ދައްކަނީ ކާކުގެ ވާހަކަ ކަމެއް ނޭނގޭނެ. ކޮންމެ މީހަކަސް ޖެހޭނެ ކަށިމާ ލަތީފް, ކުދިމާ ލަތީފް, ފުނަމާ ލަތީފް, ސަނދުބަރަކާ ލަތީފް. މިދެން ވަރަށް އުނދަގޫ ވެސް ގޮތެއްތާ, އެކަމަކު ވެސް އަހަރެމެން ވީމަ މި ޖެހެނީ ގޭގެ ނަން ކުރިއަށްލާން," މަޖިލީހުގެ ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްލަތީފް ވިދާޅުވި އެވެ.

އެކަމަކު އެއް ނަންތަކެއް ގިނަވެފައި ހުރީ ތަންކޮޅެއް އުމުރުން ދޮށީ މީހުންގެ އެވެ. މި ނަންތައް 1980 އިން ފެށިގެން ބަދަލުވާން ފަށައި ޒަމާނީ އާ ނަންތަކެއް ކިޔަން ފެށި ކަމަށް މި ރަށުގެ ބައެއް މީހުން ބުނެ އެވެ.

"ބަރިބަރިއަށް މޫސާ ލަތީފް, ހަސަން ލަތީފް, މުހައްމަދު ލަތީފް ގޮތަށް ހަމަ ވަހީދު ވެސް އައީ. އެއް އާއިލާއަކުން ފަހަތަށް މި އަންނަނީ މިސާލަކަށް ރަޝީދު. ދެން ކިޔަމުން އައީ މުހައްމަދު ރަޝީދު," ލަތީފް ވިދާޅުވި އެވެ.

ހއ. ދިއްދޫ--

ހއ. ދިއްދޫ--

ގިނަ މީހުންގެ ގަބޫލުކުރުމަކީ އެއް ނަންތަކެއް ތަކުރާރުވެފައި ހުރީ ދިއްދޫގެ އާބާދީ ބޮޑުކަމުންނެވެ. ކުރީޒަމާނުގައި ރީތި އާ ނަންތަކެއް ހޯދުމަށް ވުރެން ބޮޑަށް ބަލަނީ އާއިލީ ނަމަކާ ގުޅުވައި ކުރިއަށް ކޮންމެވެސް ނަމެއް ކިއުމަށެވެ.

"ކައުންސިލްގައި ވެސް މިއުޅެނީ ގާތްގަނޑަކަށް އެއް ނަންތަކެއް," ނައިބު ރައީސް އަބްދުﷲ ވަހީދު ވިދާޅުވި އެވެ.

ހަ މެމްބަރުން ތިއްބަވާ ކައުންސިލްގައި އަބްދުﷲ ރަޝީދު ކިޔާ ދެ ބޭފުޅުންނާއި އަބްދުﷲ ވަހީދެއްގެ އިތުރުން މޫސާ ލަތީފެއް ހިމެނިވަޑައިގަންނަވަ އެވެ. އެއް ނަމެއް ކިޔާތީ އުނދަގޫ ޖެހޭ ފަހަރުތައް ވެސް އާދެ އެވެ. މިސާލެއްގެ ގޮތުން އޭނާ ނެންގެވީ ކައުންސިލް އިންތިހާބެވެ.

ދިއްދޫގެ ކައުންސިލަރުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު ފޮޓޯއެއް ނަންގަވަނީ: ކައުންސިލް އިންތިހާބުގައި  ނަމުގެ މައްސަލަ ބޮޑުވެ ކެންޑިޑޭޓު ނަމްބަރު ޕްރޮމޯޓްކުރަން ޖެހުނު.

ދިއްދޫގެ ކައުންސިލަރުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު ފޮޓޯއެއް ނަންގަވަނީ: ކައުންސިލް އިންތިހާބުގައި ނަމުގެ މައްސަލަ ބޮޑުވެ ކެންޑިޑޭޓު ނަމްބަރު ޕްރޮމޯޓްކުރަން ޖެހުނު.

"ކައުންސިލް އިންތިހާބުގައި މި ނަންތަކުގެ އުނދަގޫ ދިމާވި. ކުރިމަތިލައިގެން އުޅުނީ މުޅިން ވެސް އެއް ނަންތަކެއް ކިޔާ މީހުން. ދެން ޖެހުނީ މިވެނި ނަމްބަރެއްގެ އަބްދުﷲ ވަހީދުގައި ފާހަގަޖަހަން ބުނަން," އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ދިއްދޫގައި ހާޝިމްކިޔާ މީހުން ގިނަކަން އެނގިގެން ގިނަ ބަޔަކު އެއްތަންވި ފަހަރެއްގައި ފޮޓޯއެއް ވެސް ނެގި އެވެ.

"އަޅުގަނޑުމެންނަށް އެނގުނީ ހާޝިމް ކިޔާ މީހުން ގިނަކަން. އެހެންވެ ހުރިހާ ހާޝިމް ކިޔާ މީހުންގެ ފޮޓޯއެއް ނަގާފައި ހުންނާނެ," ވަހީދު ވިދާޅުވި އެވެ.

އެއް ނަންތަކެއް ކިޔާ މީހުން ގިނައީ ރަށުގެ ބައެއް މީހުން ގަބޫލުކުރާ ގޮތުގައި ރަށުގެ އާބާދީ ބޮޑުވުމެވެ. އެކަމަކު ދުވަސްވީ ބައެއް މީހުން ގަބޫލުކުރާ ގޮތުގައި, އެކަން ގުޅިފައި އޮތީ ކުރީ ޒަމާނުގައި ނަން ކިޔަމުން އައި ސަގާފަތާ އެވެ.

ކުރިން ނަން ކިޔައި އުޅުނު ގޮތް

ތާރީޚީ ކަންކަން ދިރާސާކުރައްވައި ލިއުއްވަމުން ގެންދަވާ އުތީމު އަބްދުއްރަހްމާން (އާދަމްބެ) ވިދާޅުވީ ދިއްދޫގައި އެއް ނަންތަކެއް ގިނަވީ އޭރު ނަން ކިޔަމުން އައި ސަގާފަތުގެ ގޮތުން ކަމަށެވެ. މައިންބަފައިންގެ މާބޮޑު ދައުރެއް ކުރިއަކު ނޯވެ އެވެ. ރަށްރަށުގައި އެ އިހްތިޔާރު ދޫކޮށްލާފައި އޮންނަނީ އެދުރުމީހާ އަށެވެ.

އެއް އާއިލާއެއްގައި އެއް ނަންތަކެއް މާ ގިނަވެގެން ނުވަތަ އެއް ނަން ކިޔާ މާ ބައިވަރު މީހުން ރަށުގައި އުޅުމަކީ މާ ބޮޑު ކަމަކަށް ނުހަދަ އެވެ. ބައެއް ނަންތައް ގުޅުވާފައި ހުންނަނީ ހަފުތާގެ ދުވަސްތަކާ ކަމަށް ވެސް އާދަމްބެ ވިދާޅުވި އެވެ.

މިސާލެއް ދައްކަވަމުން ވިދާޅުވީ ހޯމަ, އަންގާރަ ނުވަތަ ބުދަ ދުވަހު އުފަންވާ ކުދިންނަށް ދޭން ނިންމާފައި ހުންނާނީ ވަކި ނަންތަކެކެވެ. އާދަމްބެގެ "ދިވެހި ދިރިއުޅުމުގެ ތެރެއިން" ފޮތުގައި ވެސް އޭރު ނަން ކިޔައި އުޅުނު ގޮތް ލިއުއްވާފައިވެ އެވެ.

"މިސާލަކަށް ހުކުރުދުވަހު ފިރިހެން ކުއްޖަކު އުފަންވެއްޖެ ނަމަ ކިޔާނީ އާދަމް އެވެ. ހޯމަދުވަހެއްގައި ނަމަ މުހައްމަދު ނުވަތަ އަހްމަދެވެ. އާދީއްތަ ނަމަ އަލީ އެވެ. އަންހެން ކުދިންނަށް ވެސް މިގޮތަށް އާމިނަތު, ފާތިމަތު, އައިޝަތު ފަދަ ނަންނަން ކިޔަންޖެހޭ ދުވަސްތައް ހުންނާނީ ކަނޑައަޅައިފަ އެވެ," އާދަމްބެ ލިއުއްވި އެވެ.

ކުރީ ޒަމާނުގައި އެންމެ ތަފާތު ނަމެއް ކިޔައި އުޅެނީ އެ އާއިލާއަކަށް ދިމާވާ ހިތާމާވެރި ހާދިސާތަކާ ގުޅުވަ އެވެ. ތެލެސީމިއާ ފަދަ އޭރު ގޮތް ނޭނގޭ ބަލިތަކުގައި އެއް އާއިލާއަކުން ވެސް ގިނަ ކުދިން މަރުވާ ފަހަރުތައް ދިމާވެ އެވެ.

އާދަމްބެ ވިދާޅުވި ގޮތުގައި ބައެއް ކުދިންނަށް "މަރުދުރު" ކިޔައި އުޅުނެވެ. އެއީ އެ ގެއަކަށް އުފަންވާ ގިނަ ކުދިން މަރުވަމުންދާ ނަމަ އެ ބަދުނަސީބުން އަރައިގަތުމަށްޓަކައި ކުދިންނަށް ކިޔައި އުޅޭ ނަމެކެވެ. އެ ނަން ކިޔަންވެއްޖެ ނަމަ އެކަން ނިންމުގެ އިހްތިޔާރު ވެސް ދޫކޮށްލާފައި އޮންނަނީ އެދުރުބެއަށެވެ.

ކުރިން ނަން ކިޔައި އުޅުނު އިރު ކެއުމުގެ ޖާފަތާ އެކު ސަގާފަތާ ގުޅުވާލާފައިވާ ކަންކަން މިހާރު ވަރަށް ބޮޑަށް ބަދަލުވެ ނަން ކިއުން ޒަމާނީވެފައިވާ ކަން އާދަމްބެ ފާހަގަކުރެއްވި އެވެ.

"އޭރު ކިތަންމެ ލަތީފެއް އެއް ރަށެއްގައި ތިއްބަސް މިހާރު ބަލާނީ ލަތީފް ނުކިޔާވޭތޯ. އެއީ އެހެން މީހަކު ނުކިޔާ ނަމެއް ކިޔަން ބޭނުންވާތީ. ފޮތްތައް ހާވައި ބަލައިގެން ވެސް އެކަން ކުރާ ގޮތަށް ނަން ކިއުން މިހާރު ބަދަލުވެފައި މިއޮތީ," އާދަމްބެ ވިދާޅުވި އެވެ.

އެހެންކަމުން ދިއްދޫގައި މިހާރު ތިބި ލަތީފާއި ވަހީދާއި ހާޝިމްމެންނަކީ ދިއްދޫގެ ތާރީޚާއި ސަގާފަތުގެ މުހިއްމު ހިއްސާއެކެވެ. އެ ރަށުގެ ފަޚުރުވެރި ނަމެވެ. ދިއްދޫން ޝައުގުވެރި ވާހަކައެކެވެ.