Roadha Mihaaru
ފުރަތަމަ ބޭރުގެ ރިސޯޓް އޯނަރު ލަނޑު ލިބި ހުސްއަތާ!

އެންމެ ފުރަތަމަ ބޭރުގެ ރިސޯޓް އޯނަރު ލަނޑު ލިބި ހުސް އަތާ!

23 އޮކްޓޯބަރ 2022

"ޓޫރިޒަމަށް 50 އަހަރު ފާހަގަކުރާ އިރު، މި ދަނޑިވަޅު އަޅުގަނޑުގެ އިންވެސްޓްމަންޓްގައި އޮތް އަޅުގަނޑުގެ ހައްގު ދިވެހި ދައުލަތުން ދޭނެ ކަމަށް އަޅުގަނޑު ހީކުރަން."

އިސްމާއިލް ނަސީރު އިސްމާއިލް ނަސީރު

"ޓޫރިޒަމަށް 50 އަހަރު ފާހަގަކުރާ އިރު، މި ދަނޑިވަޅު އަޅުގަނޑުގެ އިންވެސްޓްމަންޓްގައި އޮތް އަޅުގަނޑުގެ ހައްގު ދިވެހި ދައުލަތުން ދޭނެ ކަމަށް އަޅުގަނޑު ހީކުރަން."

"އަޅުގަނޑަކީ ރާއްޖޭގެ ފޮރިން އިންވެސްޓްމަންޓްގެ ގާނޫނުގެ ދަށުން އިންވެސްޓްކޮށްފައިވާ މީހެއް. އެންމެ ކުޑަވެގެން އެ ގާނޫނުގެ ދަށުން އަޅުގަނޑު ހިމާޔަތް ކޮށްދޭން ޖެހޭނެ. އަޅުގަނޑަކީ މި 50 އަހަރުވީ ޓޫރިޒަމްގެ އެންމެ ފުރަތަމަ ބޭރުގެ އެއް އިންވެސްޓަރު."

އޭނާ ވާހަކަ ފެށި އެވެ؛ ސޮއްސައިލީ މީގެ 45 އަހަރު ކުރި، 1976 އަށެވެ.

އުމުރުން އެންމެ 21 އަހަރުގައި، ސްޓެފަން އެރިކްސަން ރާއްޖެ އައީ އޭނާގެ އުފަން ގައުމު، ސްވިޑްންގެ ބޮޑު ވިޔަފާރިއަކު ރާއްޖެ ފޮނުވައިގެން، އެހެން މީހަކާ ވެސް އެކު އެވެ. އެ މީހުން ބޭނުންވީ ރާއްޖޭގައި އިންވެސްޓް ކުރާށެވެ. އެ މީހުން އެންމެ ފުރަތަމަ ބެލީ ރާއްޖޭގައި ހެލިކޮޕްޓަރުގެ ވިޔަފާރި ފަށާށެވެ. އެކަމަކު އެއީ އޭރު ހުއްދަ ކަމަކަށް ނުވެފައި، އެރިކްސަން ބުނާ ގޮތުން އެއީ "މާކެޓެއް ވެސް އޮތް ކަމެއް ނޫނެ"ވެ.

"އަޅުގަނޑުމެން ދެން ބެލީ ކޮން ކަމެއްތޯ ކުރެވޭނީ. އަޅުގަނޑުމެން ބޭނުންވީ ދަތުރުފަތުރު، މަސްވެރިކަން ނުވަތަ ޓޫރިޒަމް ކަހަލަ ކަމެއް ކުރަން. އެހެން އުޅެނިކޮށް އަޅުގަނޑަށް އެއް ދުވަހަކު މަގުމަތިން ދިމާވި މީހަކު އެހީ ތީ ކާކު ހޭ؟ ކީއްކުރަން އައިސް އުޅޭ މީހެއް ހެއްޔޭ. އަޅުގަނޑުމެން ކަހަލަ [ބޭރު] މީހުން މާލޭގެ މަގަކުން އޭރު ވަރަށް ނުފެންނާނެ،" ސްޓެފަން، "މިހާރު" އަށް ދިން އިންޓަވިއުއެއްގައި ބުންޏެވެ.

ރާއްޖެ އައި ބޭނުން ސްޓެފަން އޭނާ އަށް ކިޔައިދިނެވެ. އެ މީހާ ސްޓެފަން އަށް ދެއްކީ އޭރު ވަރަށް މަޝްހޫރު ވިޔަފާރިވެރިއެއް ކަމަށްވާ ހ. ކާކީގޭ އިހަވަންދޫ ހުސެއިން ޝާކިރެވެ. އޭނާގެ އަތުގައި ފަޅު ރަށެއް އޮވެއޭ ބުންޏެވެ.

"ޝާކިރުއާ އަޅުގަނޑުމެން ބައްދަލުކުރީ އޭރު އެމްއެސްއެލް ބިލްޑިންގުގައި ހުންނަ އޭނާގެ ފިހާރައެއްގައި. ފިހާޅޮހި ނަމަކަށް ކިޔާ ފަޅުރަށެއް އޭނާގެ އޮވޭ. އަޅުގަނޑުމެން އެއްބަސްވެއްޖައިން ޝާކިރުއާ އެކު އެ ރަށް ތަރައްގީ ކުރަން. އެ ރަށަކީ އޭރުގެ ފިޝަރީޒް މިނިސްޓަރު ގ. އާކަކާގޭ އިބްރާހިމް ހިލްމީ ދީދީގެ ރަށެއް. އޭނާ ޝާކިރު އަށް ކުއްޔަށް ދީފައި އޮންނަނީ. އެހެންވެ އެކަން ޔަގީން ކުރުމަށް އަޅުގަނޑުމެން ހިލްމީ އާ ވެސް ބައްދަލުކުރިން،" ސްޓެފަން ބުންޏެވެ.

"ހިލްމީ ވިދާޅުވި ކީއްވެގެންހޭ ޝާކިރުއާ ގުޅިގެން ތި ކުރަނީ. ބޭނުމިއްޔާ ސީދާ އަޅުގަނޑުމެންނާ ވެސް ކޮންޓްރެކްޓް ހަދައިދެވިދާނެއޭ. އަޅުގަނޑުމެން ދެންނެވިން އަޅުގަނޑުމެންނަކީ ބޭރު ބަޔެކޭ. ކިހިނެއްހޭ އަޅުގަނޑުމެން މިކަން އެކަނި ކުރާނީ. ދެން ހިލްމީ ވިދާޅުވީ ކުރިއަށް ގެންދާށޭ."

ފިހާޅޮހި ތަރައްގީކުރަން ފެށުން

ޝާކިރުގެ ހިއްސާ އާއި ސްޓެފަންގެ އިތުރުން ސްވިޑްންގެ އެހެން ދެ މީހަކު ބައިވެރިވެގެން، ނޮވެމްބަރު 1979 ގައި ފިހާޅޮހި ޑިވެލޮޕްމަންޓް ލިމިޓެޑް އުފެއްދި އެވެ. ޝާކިރުގެ އޮތީ 37.5 ޕަސެންޓެވެ. ބާކީ 62.5 ޕަސެންޓަކީ ސްޓެފަން އާއި އޭނާގެ ބައިވެރިންގެ ހިއްސާ އެވެ.

"އަޅުގަނޑުމެން އެންމެ ފުރަތަމަ ސިންގަޕޫރަށް ގޮސް 15 ކިލޯވޮޓްގެ ޖަނަރޭޓަރެއް ގަނެގެން އައިސް އެ ރަށުގައި ބަހައްޓައި ރަށް ތަރައްގީ ކުރަން ފެށީ. ފިހާޅޮހި އަކީ ހަމަ ހުސްކޮށް އޮތް ފަޅު ރަށެއް. އަޅުގަނޑަށް ހީވަނީ ރާއްޖޭގައި ބިދޭސީ ބަޔަކު އެގޮތަށް ދުވަހަކު ވެސް ސުމަކުން ފަށައިގެން ރިސޯޓެއް ނުހަދާހެން. އެގޮތަށް ބިދޭސީ އިންވެސްޓަރުން ބިންގަލުން ފަށައިގެން އަމިއްލަ އަތުން ހަދައި ނިންމައި ހިންގަން ފެށި އެހެން ރިސޯޓެއް އަދިވެސް އޮތްހެނެއް އަޅުގަނޑަކަށް ހިއެއް ނުވޭ،" ސްޓެފަން ބުންޏެވެ.

ސްޓެފަން 80ގެ އަހަރުތަކުގެ ތެރޭގައި ފިހާޅޮހީގައި

ސްޓެފަން 80ގެ އަހަރުތަކުގެ ތެރޭގައި ފިހާޅޮހީގައި

މާލެ އާ 28 ކިލޯ މީޓަރު ދުރުގައި އޮތް، އެ ރަށުގައި އެންމެ ފުރަތަމަ ހެދީ 160 އެނދު ނުވަތަ 80 ރޫމެވެ. ރިސޯޓް ނިންމައި، އެޕްރީލް 24، 1981 ގައި ހުޅުވި އިރު ޖެނެރަލް މެނޭޖަރަކީ ވެސް ސްޓެފަން އެވެ.

"އޭރު ރިސޯޓެއް ހިންގުން ވީ ވަރަށް ޗެލެންޖިން ކަމަކަށް. އެއާޕޯޓަށް ވެސް ދާން ޖެހެނީ ޖެނެރަލް މެނޭޖަރު. މުޅި ރިސޯޓްގެ ހުރިހާ ކަމެއް ވެސް ކުރަން ޖެހުނީ އަޅުގަނޑަށް،" އޭނާ ބުންޏެވެ.

އޭގެ ފަހުން ރިސޯޓްގެ އެނދުގެ އަދަދު 300 އަށް އިތުރު ކުރި އެވެ. އެއީ 150 ކޮޓަރި އެވެ. ލިޔެކިޔުންތަކުން އެނގޭ ގޮތުން އޭރު އިންވެސްޓްމަންޓް 390،000 ޑޮލަރަށް ވަނީ އަރައިފަ އެވެ.

"ހުރިހާ ހަރަދެއް ވެސް ކުރީ އަޅުގަނޑުމެން ދެން ތިބި ހިއްސާދާރުން. ޝާކިރު ނޯންނާނެ އެންމެ ސެންޓެއް ވެސް ލައިފައެއް. ރިސޯޓް ހުޅުވައި ހިންގަމުން ވެސް ގެންދިޔައީ އަޅުގަނޑުމެން. ހުރިހާ ކަމެއް ވެސް ބަލަހައްޓަމުން ގެންދިޔައީ އަޅުގަނޑުމެން،" ސްވިޑްންގައި ދިރިއުޅެމުން އަންނަ ސްޓެފަން، ރިސޯޓްގެ ކަންތައްތަކުގައި މިދިޔަ ހަފުތާގައި ރާއްޖެ އައިސް ދިން އިންޓަވިއުގައި ބުންޏެވެ.

ރިސޯޓް ހުޅުވައިގެން ދެ އަހަރެއްހާ ދުވަސް ފަހުން އެ ރިސޯޓްގެ އެއް ހިއްސާދާރު އޭނާގެ ހުރިހާ ހިއްސާއެއް އޭނާގެ، ބޭރު އަނެއް ޕާޓްނަރަށް ވިއްކާލި އެވެ. އަދި ފިހާޅޮހީގެ ހަތަރު ޝެއާހޯލްޑަރުންގެ އަދަދު ޖުމްލަ ތިނަކަށް ބަދަލުވި އެވެ.

"އެގޮތަށް ކުރިއަށް ދަނިކޮށް ޖަރުމަނުގެ އެލްޓީއޭ ގްރޫޕް ރިސޯޓްގެ 80 ޕަސެންޓް ކޮޓަރިތައް ގަނެފި. އެ ހިސާބުން ދެން ދިވެއްސަކު މެނޭޖަރަކަށް ލައިފައި އަޅުގަނޑު ދިޔައީ ޖަރުމަނު ވިލާތަށް. އެއީ އަޅުގަނޑުގެ މަންމަ އަކީ ޖަރުމަނު މީހެއް،" އޭނާ ބުންޏެވެ.

ފިހާޅޮހި ރިސޯޓް

ފިހާޅޮހި ރިސޯޓް

އެލްޓީއޭ ގްރޫޕަކީ އޭރު ވަރަށް ފުޅާ ދާއިރާއެއްގައި ހިންގަމުން އަންނަ ޓްރެވެލް އެޖެންސީއެކެވެ. ސްޓެފަން ބުނި ގޮތުގައި ރިސޯޓްގެ 80 ޕަސެންޓް ކޮޓަރިތައް އެ މީހުން ނެގުމާ އެކު، މުޅި ރިސޯޓް އެ މީހުންނަށް ކުއްޔަށް ދިނުމާ މެދު މަޝްވަރާތައް ފެށި އެވެ.

"ހަގީގަތުގައި އެ ހިސާބުން ދެން އަޅުގަނޑުމެން ހިންގުމުގެ ބޭނުމެއް ނެތް. މުޅި ރިސޯޓްގައި ތިބެނީ އެ މީހުންގެ [އެލްޓީއޭގެ] ޓޫރިސްޓުން. އެ ގޮތަށް ނިންމަން ޝާކިރު ވެސް އެއްބަސް،" ސްޓެފަން ބުންޏެވެ.

"ހުރިހާ ކަމެއް ވެސް ދިޔައީ ވަރަށް ރަނގަޅަށް. އެ މީހުން 1987 ގައި ރިސޯޓްގެ މެނޭޖްމަންޓް ކޮންޓްރެކްޓް ހަދައިފި."

އެކަމަކު، ހަމަ އެ ދަނޑިވަޅު އެ ރިސޯޓް ގަންނަން ޝާކިރު ވެސް ބޭނުންވެއްޖެ އެވެ. ސްޓެފަން އާއި އޭނާގެ ބޭރުގެ ޕާޓްނަރުގެ 62.5 ޕަސެންޓް ހިއްސާ ގަންނަން ޝާކިރު ހުށަހެޅި އަގަކީ، ސްޓެފަން ބުނި ގޮތުގައި 1.5 މިލިއަން ޑޮލަރެވެ.

"ސަލްމަން [އަނެއް ޕާޓްނަރު] ބުނެފި އެ ވަރު އޯކޭއޭ. އަޅުގަނޑު ވެސް ބުނެފިން އޯކޭއޭ. އެހެންވެ އެގޮތަށް އެއްބަސްވެގެން އޭރު ކޯޓް ނަންބަރު 8 ގައި އެއްބަސްވުން ރަޖިސްޓްރީ ވެސް ކުރިން. ޝާކިރު އަޅުގަނޑުމެންނަށް ފުރަތަމަ ދިނީ 300،000 ޑޮލަރު. އަނެއް ބައި އެކި މަސް މަހަށް ބަހައިގެން ދައްކާ ގޮތަށް،" ސްޓެފަން ބުންޏެވެ.

އެކަމަކު، ކަންވީ ސްޓެފަން ހީކުރި ގޮތަކަށް ނޫނެވެ. ސްޓެފަން ބުނާ ގޮތުން ބާކީ ފައިސާ އިން އެންމެ ލޯ ލާރިއެއް ވެސް ނުލިބެ އެވެ.

ސްޓެފަން "މިހާރު" އަށް އިންޓަވިއު ދެނީ -- ފޮޓޯ: މިހާރު

ސްޓެފަން "މިހާރު" އަށް އިންޓަވިއު ދެނީ -- ފޮޓޯ: މިހާރު

"1989 ގައި ސަލްމަން މަރުވެއްޖެ. އޭނާގެ ހިއްސާ އަޅުގަނޑަށް ބަދަލުކޮށްފި. އެހެންވެ ދެން މި ޖެހުނީ އަޅުގަނޑު އެކަނި މިކަމާ އުޅެން. އަޅުގަނޑު ޓޫރިޒަމް މިނިސްޓްރީ އަށް ޝަކުވާ ވެސް ކޮށްފިން އެ ފައިސާ ނުލިބޭތީ. އަޅުގަނޑަށް އޮޅުން އަރައިފި އޭރު ކާކުގެ ރަށެއް ކަމާ ދޭތެރޭ ވެސް. އަޅުގަނޑަށް އެނގުނީ ހިލްމީގެ އަތުން ރަށް ނެގި ވާހަކަ. ޝާކިރުގެ އެހެން ކުންފުންޏަކަށް ރަށް ބަދަލުކުރި ކަން ވެސް،" އޭނާ ކިޔައިދިނެވެ.

"އަޅުގަނޑު ބުނިން ޝާކިރު ކައިރީގައި ތިޔައީ އަހަރެން މާފުކުރާނެ ކަމެއް ނޫނޭ."

އެ ހިސާބުން ފެށިގެން އަދިވެސް ކޯޓުތަކުގައި!

"އެއްވެސް ފައިސާއެއް އަޅުގަނޑުމެންނަށް ނުލިބި، އެ ފައިސާ ހިމަނައިގެން ރިސޯޓް ހިންގަމުން ދިޔައީ އެ ހުރިހާ ދުވަހަކު. އަދި މިއަދާ ހަމައަށް ވެސް އެއްވެސް ފައިސާއެއް ނުލިބޭ."

އެ ފައިސާ ހޯދަން ސްޓެފަން ވަރަށް ގިނަ މަސައްކަތް ކުރި އެވެ. ޝާކިރުއާ ވެސް އެކި ގޮތްގޮތުން ވާހަކަ ދެއްކި އެވެ. ރާއްޖެ އާދެވޭ ގޮތް ނުވާތީ، އެކަމުގައި އެހީތެރިކަން ހޯދުމަށް އޭނާ ބުނާ ގޮތުން ސްވިޑްންގެ ޓޫރިޒަމް މިނިސްޓްރީ އަށް ވެސް 10 އަހަރު ވަންދެން މެދުނުކެނޑި ސިޓީ ލިޔުނެވެ.

"އަދި ކޮބާ؟ ރާއްޖޭގެ ޓޫރިޒަމް މިނިސްޓްރީ އަށް ސިޓީ ލިޔެވުނު އަދަދެއް ވެސް ނޭނގޭ،" އޭނާ އިތުރުކޮށްލި އެވެ.

"ދިވެހި ސަރުކާރުން އިހުމާލުވީ. އަޅުގަނޑުމެން މިއީ ރާއްޖޭގެ ގާނޫނެއްގެ ދަށުން ޔަގީންކަން ދީގެން އިންވެސްޓްކޮށްގެން ތިބި މީހުން. ކިތައް ސިޓީ ފޮނުވިން. ކިތައް މީހުންނާ ބައްދަލު ކުރެވުނު."

މި މަސައްކަތުގައި އުޅެނިކޮށް، 2009 ގައި ޝާކިރު ނިޔާވި އެވެ. އެ ހިސާބުން އޭނާ ސިވިލް ކޯޓަށް މައްސަލަ ލި އެވެ.

ސްޓެފަން "މިހާރު" އާ ވާހަކަ ދައްކަނީ -- ފޮޓޯ: މިހާރު

ސްޓެފަން "މިހާރު" އާ ވާހަކަ ދައްކަނީ -- ފޮޓޯ: މިހާރު

ސިވިލް ކޯޓާއި ހައި ކޯޓު އަދި ސުޕްރީމް ކޯޓުގެ ނިންމުން

ސިވިލް ކޯޓަށް ސްޓެފަން މައްސަލަ ހުށަހަޅާފައި ވަނީ އޭނާގެ ހިއްސާ ސާބިތުކުރާށެވެ. އެކަމަކު މި މައްސަލައިގައި ސިވިލް ކޯޓުން 2010 ގައި ނިންމާފައި ވަނީ ފިހާޅޮހި ރިސޯޓަކީ ޝާކިރުގެ ރިސޯޓެއް ކަމަށާއި އެ ރިސޯޓުގައި އެހެން މީހެއްގެ ހައްގެއް، ހިއްސާއެއް ވެސް ނެތް ކަމަށެވެ.

އެ ހުކުމް ސްޓެފަން ވަނީ 2011 ގައި ހައި ކޯޓުގައި އިސްތިއުނާފު ކޮށްފަ އެވެ. ރާއްޖޭގެ ވަރަށް މަޝްހޫރު ވަކީލުން ހަމަޖައްސައިގެން އެ މައްސަލަ ހައި ކޯޓުގައި ވެސް ވީ ނާކާމިޔާބެވެ. ތިން އަހަރަށް ފަހު ހައި ކޯޓުން އިއްވި ހުކުމުގައި ފާހަގަކޮށްފައިވާ މުހިންމު ޕޮއިންޓްތަކުގެ ތެރޭގައި؛

- ކޯޓު ނަންބަރު 8 ގައި ރަޖިސްޓްރީކޮށްފައިވާ ހިއްސާ ވިއްކުމުގެ އެއްބަސްވުމުގައި "ކެންސަލް" ޖަހާފައިވުން.

- ޔައުމިއްޔާތަކާއި ފޮތްތައް ބެލިބެލުމުން ޝާކިރު، ދެން ތިބި ހިއްސާދާރުންނަށް މާލޭގެ އެކައުންޓަށް ފައިސާ ދައްކަމުން ދިޔަ ކަމާއި ފިހާޅޮހިން ލިބެން ޖެހޭ ފައިސާގެ ތެރެއިން ނުދީ އޮތީ 243،000 ޑޮލަރު ކަން.

- ސްޓެފަން އަށް އަނެއް ހިއްސާދާރުގެ ހިއްސާ ބަދަލުކޮށްފައި ވަނީ 1989 ގައި ކަމާއި އޭގެ ކުރިން އެ ހިއްސާ ޝާކިރު އަށް ވިއްކަން އެއްބަސްވެފައިވާ ކަމާއި 1988 ގައި ބޭއްވި ބޯޑު ބައްދަލުވުމެއްގައި ހިއްސާ ގަތުމުގެ ފައިސާގެ ތެރެއިން ބައެއް ފައިސާ ދީފައިވާ ކަމަށް ޝާކިރު ބުނެފައިވާތީ އާއި އެކަމަށް މައި ހިއްސާދާރު އިއުތިރާޒު ކޮށްފައި ނުވާކަން. އަދި ބާކީ ދޭން އޮތީ ކިހާ ފައިސާއެއްކަން މައި ހިއްސާދާރު ބުނެފައި ނުވާ ކަމާއި ދޭން އޮތީ ކިހާ ފައިސާއެއްކަން ސްޓެފަންގެ ފަރާތުން ވެސް ކޯޓަށް ބުނެދެވިފައި ނުވާކަން.

- ފިހާޅޮހީގެ މިލްކުވެރިއަކީ ޝާކިރު ކަން ކުރީގެ ކޯޓު ނަންބަރު 4 އިން ސާބިތު ކޮށްފައިވާކަން. އަދި އެ ގަޒިއްޔާތައް އެ ކޯޓުގައި ހިނގަމުން ދިޔައިރު ސްޓެފަން ވެސް، އަދި އޭނާގެ ބައިވެރިން ވެސް އެ ރިސޯޓުގެ އިންވެސްޓްމަންޓާ ދޭތެރޭ ދައުވާއެއް ކޮށްފައި ނުވާކަން.

ހައި ކޯޓުގެ ނިންމުމާ ދޭތެރޭ ހިތްހަމަނުޖެހިގެން ސްޓެފަން ވަނީ ސުޕްރީމް ކޯޓަށް ވެސް މައްސަލަ ގެންގޮސްފަ އެވެ. ނަމަވެސް ސުޕްރީމް ކޯޓުގެ ރެޖިސްޓްރާ 2014 ގައި ނިންމައިފައި ވަނީ އެއީ ބަލައިގަންނަން ފެންނަ މައްސަލައެއް ނޫން ކަމަށް ފަނޑިޔާރުންނަށް ފެނިވަޑައިގަންނަވާ ކަމަށެވެ.

ފިހާޅޮހި ރިސޯޓް

ފިހާޅޮހި ރިސޯޓް

އެންމެ ފަހުގެ އާދޭސް ދަންނަވާނީ ރައީސަށް!

ފިހާޅޮހީގެ ހިއްސާ ހޯދަން ކުރި މަސައްކަތުން ސްޓެފަން އަށް އެއްވެސް ކުރިއެރުމެއް ނުލިބުނަސް އޭނާ، އުމުރުން 67 އަހަރުގައި ވެސް މައްސަލަ ދުލެއް ނުކުރެ އެވެ. ބުނަނީ، އަދިވެސް އުންމީދު އެބައޮތް ކަމަށާއި ގޮތްތަކެއް ވެސް އެބައޮތް ކަމަށެވެ.

"އަޅުގަނޑު ރައީސްގެ އެޑްވައިޒަރާ ވެސް ބައްދަލުކޮށް މި ވާހަކަތައް ކިޔައިދީފިން. ރައީސްގެ އެޕޮއިންޓްމެންޓެއް މި މަހު އޮތީ ހަމަޖެހިފައި. މި ހުރިހާ ކަމެއް ރައީސަށް ވެސް މިހާރު އެނގިވަޑައިގަންނަވާނެ. އަޅުގަނޑުގެ އެންމެ ފަހުގެ އާދޭހަކީ ވެސް، މިއީ ކޮރަޕްޝަނާއި ފަސާދަ އާ ދެކޮޅު ސަރުކާރެކޭ، އަޅުގަނޑަށް އިންސާފު ހޯއްދަވައިދެއްވާށޭ." އޭނާ ބުންޏެވެ.

"އަޅުގަނޑު ތަކުރާރުކޮށް މި ދަންނަވަނީ އަޅުގަނޑުގެ ހައްގު އޮތް ތަނެކޭ ފިހާޅޮހި އަކީ. އަޅުގަނޑުގެ ހައްގު ހޯދައިދޭށޭ. އަޅުގަނޑަކީ ރާއްޖޭގެ ގާނޫނެއްގެ ދަށުން އިންވެސްޓް ކުރި މީހެކޭ."

ސްޓެފަން ތުހުމަތު ކުރަނީ، ރާއްޖޭގެ އެންމެ މަޝްހޫރު ވަކީލުން ލައިގެން ވެސް، އޭނާގެ މައްސަލައިގައި ކުރިއެރުމެއް ނުލިބިގެން އުޅެނީ ކޮރަޕްޝަންގެ ތެރެއިން ކަންކަން ނިންމާތީ އެވެ. އެކަމަކު އޭނާ ފަޚުރުވެރިކަމާ އެކު ބުނީ، "މި މައްސަލައިގައި އަޅުގަނޑު އެއްވެސް މީހަކަށް ރިޝްވަތު ދީފައި ނޯންނާނެ" ކަމަށެވެ.

"ހައި ކޯޓުގައި ވެސް އަދި އެހެން ތަންތަނުގައި މައްސަލަ ލަސް ކުރުމާއި މި ކަހަލަ ކަންކަން ހިންގި މީހުންގެ ނަންތައް ވެސް އެބަހުރި. އެ މީހުން ހީކުރީ ކަންނޭނގެ އަޅުގަނޑު ވަކި ހިސާބަކުން މި މައްސަލަ ދޫކޮށްލާނެ ކަމަށް."

ފިހާޅޮހި ވިއްކުމުގައި ނުލިބި ހުރި ފައިސާތަކެއް ހުރި ކަމަށް ހައި ކޯޓުން ކޮށްފައިވާ ހުކުމުގައި އޮތަސް އެ އަދަދަކީ ސައްހަ އަދަދެއް ނޫން ކަމަށް އޭނާ ބުންޏެވެ. އެހެންވެ، އެ ވަރުގެ އަދަދެއް އޭނާ ބޭނުން ނުވާ ކަމަށް ތަކުރާރުކޮށް ބުންޏެވެ.

"އެ މީހުން ބުނަނީ މާލޭގެ ބީއެމްއެލްގެ އެކައުންޓަކަށޭ އެ ފައިސާ ޖަމާކުރީ. އެކަމަކު އޭރު ބީއެމްއެލް އަކީ އެވަރުގެ ޓްރާންސެކްޝަންތައް ހެދޭ ވަރުގެ ކޮމާޝަލް ބޭންކެއް ނޫން. މި ދައްކަނީ 80 ގެ އަހަރުތަކުގެ ވާހަކަ. އަނެއްކާ އޭގެ އެއްވެސް ހެއްކެއް ޝާކިރުގެ އާއިލާއަކަށް ނުވެއް ދެއްކޭ،" އޭނާ ބުންޏެވެ.

ސްޓެފަން "މިހާރު" އަށް އިންޓަވިއު ދެނީ -- ފޮޓޯ: މިހާރު

ސްޓެފަން "މިހާރު" އަށް އިންޓަވިއު ދެނީ -- ފޮޓޯ: މިހާރު

ކޯޓުން ބޭރުން މައްސަލަ ހައްލު ކުރަން ޝާކިރުގެ އާއިލާ އިން ވާހަކަ ދެއްކި ކަމަށް ވެސް ސްޓެފަން ބުންޏެވެ. އެކަމަކު އެ މީހުން ހުށަހަޅަނީ 700،000 ޑޮލަރު ކަމަށް އޭނާ ބުންޏެވެ.

"ފިހާޅޮހީގެ މިހާރުގެ އަގަކީ 50 މިލިއަން ޑޮލަރު. މީގެ އަހަރުތަކެއް ކުރިން އަޅުގަނޑުމެން ކޯޓުގައި ބުނެފައި ވާނެ އަޅުގަނޑުމެން އޭރު ވެސް ކްލެއިމް ކުރާ އަގަކީ 17 މިލިއަން ޑޮލަރޭ،" އޭނާ ބުންޏެވެ.

އެ މައްސަލައިގައި ސްޓެފަން ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހަންމަދު ނަޝީދަށް ވެސް އަދި މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީ އަށް ވެސް މައްސަލައިގެ ތަފުސީލު ފޮނުވައިފަ އެވެ.

"އެއްވެސް ބަޔަކު ޖަވާބެއް ނުދޭ،" އޭނާ ބުންޏެވެ.

ސްޓެފަން އަށް ރާއްޖެ އިން ދެން އޮތީ އެންމެ އުންމީދެކެވެ. އެއީ ރައީސްގެ ބައްދަލުވުމެވެ. އެކަމަކު، ރައީސަށް އެ މައްސަލައިގައި ކޮށްދެވޭނީ ވަކި ކޮން ކަމެއްތޯ އެހުމުން، އޭނާ ހީނލި އެވެ.

"ސިންގަޕޫރުގެ އިންޓަނޭޝަނަލް އާބިޓްރޭޝަން ވެސް އޮންނާނެ. ރާއްޖޭގެ ގިނަ ރިސޯޓްތަކުގެ މައްސަލަ މިހާރު ދަނީ އެ ހިސާބަށް،" އޭނާ ބުންޏެވެ.