16 އޮކްޓޯބަރ 2022
ރައްޔިތުންނަށް ފައިދާނުވާ ގޮތަށް ފަޅުރަށްތައް ދޫނުކުރުމަށް އާދޭސްކުރާ އަޑު މިހާރު ކޮންމެ އަތޮޅަކުން ވެސް އިވެ އެވެ. ވ. އަތޮޅުގެ ކަންބޮޑުވުމަކީ ވެސް އެއީ އެވެ. ރާއްޖޭގެ އެންމެ އާބާދީ މަދު އެ އަތޮޅުން ވެސް އިވޭ އަޑަކީ އެއީ އެވެ. ވ. އަތޮޅުގައި 14 ފަޅުރަށް އޮންނައިރު ރިސޯޓް ހެދުމަށާއި ދަނޑުވެރިކަން ކުރުމުގެ ނަމުގައި އެ ހުރިހާ ރަށެއް މިހާރު ވިއްކައި ހުސްކޮށްފި އެވެ. އެ ރަށްތަކުން ރައްޔިތުންނަށް އެއްވެސް ފައިދާއެއް ނުވެ އެވެ.
ރައްޔިތުންނަށް ފައިދާނުވާ ގޮތަށް ފަޅުރަށްތައް ދޫނުކުރުމަށް އާދޭސްކުރާ އަޑު މިހާރު ކޮންމެ އަތޮޅަކުން ވެސް އިވެ އެވެ. ވ. އަތޮޅުގެ ކަންބޮޑުވުމަކީ ވެސް އެއީ އެވެ. ރާއްޖޭގެ އެންމެ އާބާދީ މަދު އެ އަތޮޅުން ވެސް އިވޭ އަޑަކީ އެއީ އެވެ. ވ. އަތޮޅުގައި 14 ފަޅުރަށް އޮންނައިރު ރިސޯޓް ހެދުމަށާއި ދަނޑުވެރިކަން ކުރުމުގެ ނަމުގައި އެ ހުރިހާ ރަށެއް މިހާރު ވިއްކައި ހުސްކޮށްފި އެވެ. އެ ރަށްތަކުން ރައްޔިތުންނަށް އެއްވެސް ފައިދާއެއް ނުވެ އެވެ.
އެހެންވެ، ސަރުކާރުން ހެދިހާ ގޮތަކަށް "އޯކޭ" ވެގެން ތިބޭކަށް މިހާރު ވ. އަތޮޅު ބޭނުމެއް ނުވެ އެވެ. ބޭނުން ނުހިފާ ހުރި ރަށްތައް އަތުލުން ރައްޔިތުން މިހާރު ތިބީ ސީދާ ހަރަކާތަށް ނުކުމެ އެވެ.
ދަނޑުވެރިކަމަށް 2017 ވަނަ އަހަރު ކުއްޔަށް ދޫކުރި ވ. ހުޅިދޫ، ރައްޔިތުންނަށް އަނބުރާ ދޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވައުދުވެވަޑައިގަތަސް، އަދިވެސް އެކަން ނުކޮށްދެއްވާތީ އެ އަތޮޅު ރައްޔިތުން ވަރުގަދަ އިހުތިޖާޖެއް ވެސް ކޮށްފި އެވެ. ރައްޔިތުން ހުޅިދު އަށް އަރައި ކުރި އެ އިހުތިޖާޖު ދެ ދުވަސް ފަހުން ނިންމާލީ މިދިޔަ ހުކުރު ދުވަހުގެ ރެ އެވެ. އެއީ އެ މައްސަލަ އަވަހަށް ހައްލުކުރަން މަޝްވަރާގެ މޭޒަށް ދިއުމަށް ސަރުކާރުން އެއްބަސްވުމުންނެވެ.
ވ. އަތޮޅު ކައުންސިލާއި އެ އަތޮޅުގެ ރަށްރަށުގެ ކައުންސިލްތައް އަދި ރައްޔިތުން ހުޅިދު އަށް އަރައި، އެ ރަށުން ފައިބައިން ދެކޮޅު ހެދުމުން އެންމެ ފަހުން ސަރުކާރަށް މަޖުބޫރުވީ އެވެ.
ވ. ހުޅިދޫ ރައްޔިތުންނަށް ދިނުމަށް ގޮވާލައި އެ ރަށުގައި ރައްޔިތުން ކުރި އިހުތިޖާޖުގެ ބައިވެރިން އަޑުއުފުލަނީ: ދެ ދުވަސް ވަންދެން އެ ރަށުގައި އިހުތިޖާޖު ކުރި.
ރިސޯޓް ހަދަން 50 އަހަރަށް ކުއްޔަށް ދޫކޮށްފައި އޮތް ވ. އަންބާރާއާ ގުޅިގެން ވެސް ރައްޔިތުންގެ ކަންބޮޑުވުންތައް ވަރަށް ގިނަ އެވެ. ހުޅިދު އާއި އަންބާރާ ދޫކުރި ބޭނުން، މިހާތަނަށް ވެސް އެ ތަންތަނުން ފެންނަން ނެތްއިރު، ވ. އަތޮޅު ކައުންސިލުން ބުނި ގޮތުގައި އެ ރަށްރަށުގެ ތިމާވެއްޓަށް ބޮޑެތި ގެއްލުންތައް ދިނެވެ.
ރައްޔިތުންނަށް އެއްވެސް ފައިދާއެއް ނުވާ ގޮތަށް، ކުޑަ އަގެއްގައި އެ ރަށްތައް ދޫކޮށްފައި އޮތުމަކީ އިންސާފެއްތޯ ވެސް ކައުންސިލުން ސުވާލު އުފައްދަ އެވެ.
އަތޮޅު ކައުންސިލުގެ ހުށަހެޅުމަކީ އެ ދެ ރަށް ވެސް އެ ކައުންސިލުގެ ބެލުމުގެ ދަށަށް ބަދަލުކޮށް ދިނުމެވެ. ރައްޔިތުންނަށް ފައިވާ ގޮތަށް އެ ރަށްތަކަކީ އެ އަތޮޅު ރައްޔިތުންނާއި ޓޫރިސްޓުން ހިތްފަސޭހަ ކޮށްލާއި ދަތުރު ގޮސްލަން ބޭނުންކުރެވޭ ރަށްތަކަކަށް ހަދައިދިނުމެވެ.
ވ. އަތޮޅު ކައުންސިލްގެ ރައީސް ޝުޖާއު އަލީ ވިދާޅުވި ގޮތުގައި އިހުތިޖާޖުގެ ބައިވެރިން ހުޅިދު އަށް އަރަން ޖެހުނީ ސަރުކާރުން ރައްޔިތުންގެ ކަންބޮޑުވުންތައް އަޑު ނޭހުމުންނެވެ. އަންބާރާ އާއި ހުޅިދުއާ ގުޅޭ ގޮތުން ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އަނގަ ބަހުންނާއި ލިޔެކިޔުމުން ވެސް، އެކި ފަހަރު މަތިން އަތޮޅު ކައުންސިލުން ސަރުކާރަށް ހުށަހަޅާފައި ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޝުޖާއު ވިދާޅުވީ 21 އަހަރަށް އާރަށް އިންވެސްޓްމަންޓަށް ދޫކޮށްފައިވާ ހުޅިދު އާއި ހަނދުވަރު އޯޝަން އަށް ދީފައިވާ އަންބާރާގައި އެއްބަސްވުމާ ހިލާފު އެތައް ކަމެއް ކޮށްފައިވާ ކަމަށެވެ.
ވ. ހުޅިދޫގައި އިހުތިޖާޖު ކުރާތީ ފުލުހުން ގޮސް މައްސަލަ ހައްލުކުރަން އަތޮޅު ކައުންސިލްގެ ރައީސް ޝުޖާއުއާ ވާހަކަ ދައްކަނީ: އެ މައްސާލާގައި ވ. އަތޮޅު އޮތީ ދޫދޭ ގޮތަކަށް ނޫން.
އެ ދެ ރަށް ތަރައްގީ ކުރުމަށް ދީފައިވާ މުއްދަތު ހަމަވެ، މަސައްކަތް ފެށުމަށް ސަރުކާރުން އެކި ފަހަރު މަތިން އެ ކުންފުނިތަކަށް ފުރުސަތު ދިން ނަމަވެސް އެއްވެސް މަސައްކަތެއް ކޮށްފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެ ރަށްތަކުގައި މަސައްކަތް ކުރުމުގައި އަމަލުކުރަން ޖެހޭ ތިމާވެށީގެ މިންގަނޑުތަކާ ހިލާފަށް ރަށުގެ ގުދުރަތީ ތަބީއީ ސިފަތައް ގެއްލުވާލައި ބޮޑެތި ގެއްލުންތައް ދީފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
އެ ބޭފުޅުން [ސަރުކާރުން] ގަބޫލުކުރައްވާ މި ދެ ރަށުގައި ކޮށްފައި ހުރި ކަމަކީ، އަޅުގަނޑުމެން ފާހަގަކޮށްފައި ހުރި ހުރިހާ ކަންކަމަކީ ތިމާވެށީގެ ގާނޫނާއި ރާއްޖޭގެ އެހެން ގާނޫނުތަކާ ހިލާފަށް ކޮށްފައި ހުރި ބޮޑެތި ކުށްތަކެއް ކަމަށް. އެކަމަކު އެއިން އެއްވެސް ކަމެއް ބަލާކަށް އެ ބޭފުޅުންނަކަށް [ސަރުކާރަކަށް] ނުކެރޭ -- ޝުޖާއު، ވ. އަތޮޅު ކައުންސިލް ރައީސް
ހުޅިދު އާއި އަންބާރާ އަށް ދީފައިވާ ގެއްލުންތައް އޭނާ ހިއްސާކުރެއްވި އެވެ. އެއީ؛
• އީއައިއޭ ރިޕޯޓާ ހިލާފަށް ހުޅިދު އާއި އަންބާރާގެ ކަނޑޫފަލާއި ކުޅި އަށް ފަސް އަޅާފައިވުން.
• ހުޅިދޫގައި ޖެޓީ ހަދަން ހުއްދަ ދީފައިވާ ސަރަހައްދު ނޫން އެހެން ތަނެއްގައި ޖެޓީ ހެދުން.
• ހުޅިދޫގެ ހުޅަނގު އުތުރުފަރާތުގެ ދެ ސަރަހައްދަކުން ފަރުގެ ބޮޑު ބައެއް ކަނޑާލައި ބޮޑެތި ހިރިތައް ތަޅާއި ފުނޑުކޮށް ފަރަށް ގެއްލުން ދިނުން.
• ހުޅިދޫގެ ހުޅަނގުދެކުނު ފަރާތުގެ ފަރަށް ގެއްލުންވާ ގޮތަށް ދަގަނޑު ބާޖެއް އަރުވާފައި އޮތުން.
"އެ ބޭފުޅުން [ސަރުކާރުން] ގަބޫލުކުރައްވާ މި ދެ ރަށުގައި ކޮށްފައި ހުރި ކަމަކީ، އަޅުގަނޑުމެން ފާހަގަކޮށްފައި ހުރި، ހުރިހާ ކަންކަމަކީ ތިމާވެށީގެ ގާނޫނާއި ރާއްޖޭގެ އެހެން ގާނޫނުތަކާ ހިލާފަށް ކޮށްފައި ހުރި ބޮޑެތި ކުށްތަކެއް ކަމަށް. އެކަމަކު އެ އިން އެއްވެސް ކަމެއް ބަލާކަށް އެ ބޭފުޅުންނަކަށް [ސަރުކާރަކަށް] ނުކެރޭ،" ޝުޖާއު ވިދާޅުވި އެވެ.
"އެހެންވެ މިފަދަ ހަރަކާތެއް ބާއްވަން މިއަދު އަޅުގަނޑުމެންނަށް ޖެހުނީ."
ވ. ހުޅިދޫ: އެ ރަށް ރައްޔިތުންނަށް ނުދޭ މައްސަލާގައި ވ. އަތޮޅުގެ ރައްޔިތުން އެ ރަށް ކައިރިއަށް ދޯނިފަހަރުގައި ގޮސް ނުރުހުން ފާޅުކުރަނީ -- ފޮޓޯ: ވ. ތިނަދޫ ކައުންސިލް
ލާމަރުކަޒީ ގާނޫނުން އަތޮޅު ކައުންސިލުތަކަށް ލިބިފައިވާ ބާރުގެ ދަށުން ހުޅިދު އާއި އަންބަރާ އަކީ ވ. އަތޮޅުގެ ރައްޔިތުންގެ ބޭނުމަށް، އަތޮޅު ކައުންސިލުގެ ދަށުގައިވާ ދެ ރަށް ކަމަށް ކަނޑައަޅައި، މި އަހަރުގެ އެޕްރީލް މަހު ގަރާރެއް ވެސް ފާސްކުރި އެވެ. އެކަމަކު ސަރުކާރުން އެ ގަރާރަށް ވެސް އިޖާބައެއް ނުދިން ކަމަށް ޝުޖާއު ފާހަގަކުރެއްވި އެވެ.
"ސަރުކާރުން މިހާރު ހުށަހަޅަނީ ކޮބައިތޯ ސޮލިއުޝަނަކީ، ކޮން ކަމެއްތޯ ހަމަޖައްސައި ދޭންވީ؟ އަޅުގަނޑުމެން ވަރަށް ސާފުކޮށް މި ބުނަނީ އަތޮޅު ކައުންސިލުން އޮންނާނީ އަޅުގަނޑުމެން ބޭނުންވާ ސޮލިއުޝަން ހުށަހަޅާފައޭ. އެއީ މިހާރު މިއީ [ހުޅިދު އާއި އަންބާރާ އަކީ] ގާނޫނީ ގޮތުން ހުސްކޮށް އޮތް ތަނެއް ވީމާ، ރާއްޖޭގެ އެހެން ގާނޫނުތަކާ އެއްގޮތަށް މި ތަނުގެ އެގްރީމެންޓް ރަސްމީކޮށް ބާތިލުކޮށްދޭށޭ،" ޝުޖާއު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ދެން މި އެދެނީ ތިމާވެށީގެ ގާނޫނާ ހިލާފަށް މި ރަށްތަކުގައި ކޮށްފައި ހުރި ހުރިހާ ކަމެއް ބަލައި، ގާނޫނާ އެއްގޮތަށް ފިޔަވަޅު އަޅައިދޭށޭ."
އެ އިހުތިޖާޖުގައި އިސްކޮށް އުޅުއްވި ވ. ތިނަދޫ ކައުންސިލުގެ ރައީސް ޝިފާގް ހުސައިން ވިދާޅުވީ ވ. އަތޮޅުގެ މީހުންނަށް ހުޅިދޫ ހޯދައިދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ކެމްޕޭން ދުވަސްވަރު އެ އަތޮޅުގެ މީހުންނަށް ވި ވައުދަކަށް ވިޔަސް، ރައީސްގެ ދައުރު ނިމެން ކައިރިވާއިރު އެ ވައުދު ފުއްދައި ނުދޭތީ ރައްޔިތުން މިހާރު ރުޅިގަދަ ވެފައިވާ ކަމަށެވެ.
ވ. ހުޅިދޫ މައްސަލާގައި ވ. ތިނަދޫގެ ރައްޔިތުން ނުރުހުން ފާޅުކުރަނީ -- ފޮޓޯ: ވ. ތިނަދޫ ކައުންސިލް
"މި އަތޮޅުގެ ރަށްރަށުގެ ރައްޔިތުން ބޭނުންކޮށްލާނެ އެންމެ ފަޅު ރަށެއް ވެސް މިހާރު ނެތް،" އޭނާ ވިދާޅުވި އެވެ.
"އެކި ފަހަރު މަތިން މިނިސްޓަރުންނާއި ވެރިން މި ރަށްރަށަށް އައިސްފައި ވެސް ހުޅިދޫ އަނބުރާ ދޭނެ ކަމަށް ބުނެފައިވޭ. އެކަމަކު އަދިވެސް އެކަމެއް ނުވޭ."
ތިމާވެއްޓަށް ގެއްލުންދޭ މައްސަލަތަކުގައި ފިޔަވަޅު އަޅަން އީޕީއޭ އިން "ވަރަށް ފޯރި" ހުންނައިރު، ހުޅިދު އަށް ދީފައިވާ ގެއްލުން އެ އެޖެންސީ ސަމާލުކަމަށް ގެނައުމުން ވެސް "ނުފެންނަ ކަމަށް ހަދައިގެން" ތިބީ ޝިފާގް ވިދާޅުވި އެވެ. އޭނާ ވިދާޅުވިގޮތުގައި އެގްރިކަލްޗާ މިނިސްޓްރީ އާއި ޓޫރިޒަމް މިނިސްޓްރީގެ ސަމާލުކަމަށް ވެސް މައްސަލަތައް ގެންދިޔަ އެވެ. އެކަމަކު ރައްޔިތުންގެ ކަންބޮޑުވުން ސަރުކާރުން އަޑުނޭހުމުން، މަގުމައްޗާއި ކަނޑުމައްޗަށް ނުކުމެ އަޑުއުފުލައި، އެންމެ ފަހުން ހުޅިދު އަށް ވެސް އަރަން ޖެހުނީ އެވެ.
ކައުންސިލުތަކުގެ ބެލެނިވެރި ފަރާތް ކަމަށްވާ ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ސީއީއޯ އަފްޝަން ލަތީފް، އެ މައްސަލައާ ގުޅިގެން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ވ. އަތޮޅު ކައުންސިލުގެ ރައީސް ޝުޖާއު އަލީ އަކީ އޭނާގެ މަސައްކަތުގައި އިހުލާސްތެރި ބޭފުޅެއް ކަމަށާއި އޭނާގެ އަޑުއަހަން ޖެހޭ ކަމަށެވެ. އަދި ސަރުކާރުން އޭނާގެ އަޑު އަހާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް އަފްޝަން ވިދާޅުވި އެވެ.
މި މައްސަލާގައި ޝާމިލުވާ ކައުންސިލަރުންގެ ކަންބޮޑުވުންތައް އަޑުއެއްސެވުމަށް އަޅުގަނޑު އެދެން. އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި ކަމާބެހޭ އިދާރާތަކުން މިހާރު އެ ބޭފުޅުންނާ މިހާރު އެބަ މަޝްވަރާކުރައްވާ -- އަފްޝަން، އެލްޖީއޭގެ ސީއީއޯ
ވ. ހުޅިދޫ މައްސަލާގައި ވ. އަތޮޅުގެ ރައްޔިތުން ނުރުހުން ފާޅުކުރަނީ: އެ ރަށް އަނބުރާ ދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެއް -- ފޮޓޯ: ވ. ތިނަދޫ ކައުންސިލް
"މި މައްސަލާގައި ޝާމިލުވާ ކައުންސިލަރުންގެ ކަންބޮޑުވުންތައް އަޑުއެއްސެވުމަށް އަޅުގަނޑު އެދެން. އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި ކަމާބެހޭ އިދާރާތަކުން މިހާރު އެ ބޭފުޅުންނާ މިހާރު އެބަ މަޝްވަރާ ކުރައްވާ،" އަފްޝަން ވިދާޅުވި އެވެ.
ޝުޖާއު ވިދާޅުވި ގޮތުގައި، ހުޅިދޫގައި ކުރި އިހުތިޖާޖު ނިންމާލީ އަންނަ ބުރާސްފަތި ދުވަހުގެ ކުރިން ރައްޔިތުންގެ ކަންބޮޑުވުމާ މެދު މަޝްވަރާކޮށް، ހައްލު ހޯދައިދޭނެ ކަމުގެ ޔަގީންކަން ރައީސް އޮފީހުން ދީފައި ވާތީ އެވެ. އެ އޮފީހުން އެ ޔަގީންކަން ދިނުމުން އިތުރު ޝަރުތެއް ވެސް މުޒާހަރާގެ ބައިވެރިން ކުރި އެވެ. އެއީ އެ މީހުން ރަށުން ފައިބާ ހާލަތުގައި ފުލުހުން އެ ރަށް ބެލެހެއްޓުމެވެ.
ސަރުކާރާ މަޝްވަރާ ކުރަން ނިންމައި، އިހުތިޖާޖުގެ ބައިވެރިން ހުޅިދޫ އިން ފައިބައިފި https://t.co/NMZMXVNfJv
— Mihaaru (@Mihaarunews) October 14, 2022
އޭގެ ބޭނުމަކީ އެ ރަށް ދީފައިވާ ކުންފުނިން ރަށުގައި ފަށާފައިވާ ކަންކަން ފޮރުވުމަށް ފުރުސަތު ނުދިނުން ކަމަށް ޝުޖާއު ވިދާޅުވި އެވެ. އިހުތިޖާޖުގެ ބައިވެރިން އެ ރަށުން ފޭބީ ވ. ފެލިދޫގައި ތިބޭ ފުލުހުންނަށް އެ ރަށް ބެލެހެއްޓުމުގެ ޒިންމާ ހަވާލު ކުރާނެ ކަމަށް އެއްބަސްވުމުންނެވެ.
ހުޅިދު އާއި އަންބާރާ ކުއްޔަށް ދިނީ، ވ. އަތޮޅުގެ މީހުންނަށް ފައިދާ ވާނެ ކަންކަން ކުރުމަށް އެއްބަސްވެގެން ކަމަށް ވިޔަސް، މިހާތަނަށް އެއްވެސް ފައިދާއެއް ނެތެވެ. ހުޅިދޫ ދިނީ ސީއެސްއާރުގެ ދަށުން ވ. އަތޮޅުގެ މީހުންނަށް ވަޒީފާގެ ފުރުސަތާއި ފެނުގައި ގަސް އިންދުމުގެ ޕްރޮގްރާމަކާއި އަތޮޅުގެ ހުރިހާ ރަށެއްގައި އުފެދޭ ކުނި ރަށްރަށުން ނަގައިގެން ތިލަފުއްޓަށް ގެންގޮސް ނައްތައިލުމުގެ ހިދުމަތް ދޭ ގޮތަށް އެއްބަސްވެގެންނެވެ. އެކަމަކު އެއިން އެއްވެސް ކަމެއް ވެސް މިހާތަނަށް ކޮށްފައެއް ނުވެ އެވެ.
އެ އަތޮޅުގެ ރައްޔިތުން ބުނާހެން ރަންގަނޑެއް ފަދަ އެ ރަށްތައް އާހިރުގައި ވީ ރައްޔިތުންނަށް އެއްވެސް މަންފާއެއް ނުކުރާ ހަރު ހިލަގަނޑަކަށެވެ. މި ހުރިހާ ދުވަހު ހެދި ގޮތަކަށް އެއްބަސްވެގެން ތިއްބަސް މިހާރު ވ. އަތޮޅުގެ މީހުން ތިބީ ދޫދޭ ގޮތަކަށް ނޫނެވެ. ހައްގު ހޯދަން އެ މީހުން އެ ތިބީ ނުކުމެ އެވެ.
ކައުންސިލްތަކުގެ ބްލޮކްގްރާންޓް 2ބިލިއަނަށް އިތުރުކުރަނީ
ކައުންސިލްތަކުގެ ހަރަދު ކުޑަކުރަން ހާއްސަ ފިޔަވަޅުތަކެއް
އަންބާރާގެ މައްސަލަ އަލުން ބަލައިދޭން އެދިއްޖެ
އަންބަރާގެ ގެއްލުމަށް ވެރިފަރާތް ޒިންމާވާކަށް ނުޖެހޭ
2021 ގެ އެންމެ ރަނގަޅު ކައުންސިލްތައް ހޮވައިފި
ވ. އަތޮޅު ކައުންސިލުން ކުންފުންޏެއް ހަދަނީ
ރައީސްގެ ވައުދު ނުފުއްދާތީ ވ. އަތޮޅުގެ ނުރުހުން
އަންބަރާއަށް ގެއްލުންދޭތީ ކައުންސިލުން ކަންބޮޑުވެއްޖެ
އަންހެނުންގެ ކޮމިޓީ އިންތިހާބު ބޭއްވުން ކައުންސިލްތަކަށް
މައްސަލަ ހޫނުވެ، ފެލިދޫ ޕްރިންސިޕަލް ފުރުވާލައިފި